މީގެ 45 އަހަރު ކުރިން ހުވަދޫ ކަނޑަށް ދަތުރުކުރަނިކޮށް ގެއްލުނު ގއ. ދިޔަދޫ މީހަކު ދުނިޔޭގައި ހުރިތޯ ބަލަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިއުލާންކޮށްފިއެވެ.
މި މައްސަލާގައި ކޯޓުން މަރު ސާބިތުކުރަން ހޯދަމުންދަނީ ގއ. ދިޔަދޫ، ތަނޑިރަންމާގެ، ހަސަން މުހައްމަދެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެކަން އެންގުމަށް ކޯޓުގެ އިއުލާނުގައި ވަނީ އެދިފައެވެ.
ގެމަނަފުށިން ކައުންސިލުން ބުނީ، ހަސަން މުހައްމަދު ގެއްލިފައިވަނީ 1983 ނުވަތަ 1984 ވަނަ އަހަރުގެ ތެރޭގައި ދިޔަދޫގައި ބަނދެފައިވާ އުޅަނދެއްގައި އިންޖީނު އެޅުމަށްޓަކައި މާލެއަށް ކުރި ދަތުރެއްގައި ކަމަށެވެ. އެ އުޅަނދު މާލެއަށް ގެންދަން މަސައްކަތް ކުރީ އިންޖީނުލީ އެހެން އުޅަނދެއްގައި ކަފުޖަހައިގެންކަމަށް ކައުންސިލުން ބުންޏެވެ.
"އެއީ ވަރަށް ވިއްސާރަ، ގަދަ ރެއެއް. ހުވަދޫ ކަނޑުން ދަތުރުކުރަނިކޮށް އެ އުޅަނދު ގެއްލުނީ. ހަސަން މުހައްމަދާއެކު އެ ރަށުގެ ވިއްސަކަށް މީހުން އެ ހާދިސާގައި ގެއްލުނު،" ކައުންސިލުން ބުންޏެވެ.
މިހާ ގިނަ ދުވަސް ފަހުން އޭނާގެ މަރު ސާބިތުކުރަން ޖެހުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އުފެދިގެން އައި ދުވަސްވަރު އޭނާ ގަނެފައިވާ ހިއްސާތަކެއް ވާރިސުންގެ ނަމަށް ބަދަލުކުރުމަށްޓަކައެވެ. އޭނާގެ ދަރިން އެ ހިއްސާތައް ބަދަލުކުރަން ބޭނުންވާއިރު، ގާނޫނީ ގޮތުން އެކަން ކުރެވެން އޮތީ އޭނާގެ މަރު ކޯޓުން ސާބިތުކޮށްގެންނެވެ.
ދިޔަދޫއަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެ ރަށުގެ މީހުން ވަނީ އެހެން ރަށްރަށަށް ބަދަލުކޮށްފައެވެ. އެ ރަށުގެ އާބާދީ ބަދަލުކުރީ ގެމަނަފުއްޓާއި، ގއ. ކޮނޑޭ އަދި ލ. ގަމަށެވެ. މިހާރު ދިޔަދޫއަކީ ފަޅު ރަށެކެވެ.
މުހައްމަދު އިޝާން
ގއ. ގެމަނަފުށި
ގއ. ގެމަނަފުށި
ގއ. ގެމަނަފުށި
ކޮމެންޓް