ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެފްޑީސީން މިއަދު ވަނީ ފަހި ފްލެޓްތައް ކައިިރން ކުނި ނެގުމަށް ހިނގާފައިވާ ހަރަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. އެއިން ދައްކާ ގޮތުގައި އެ ސަރަހައްދުން ކުނި ނެގުމަށް 13،481،557.15 ރުފިޔާވަނީ ހަރަދުކޮށްފަ އެވެ.

އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސަހަރައްދުން ކުނި ނެގުމަށް:

  • މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
  • އޭޕްރިލް މަހު 75.1 ހާސް ރުފިޔާ ހަރަދުކޮށްފައިވޭ
  • މޭ އިން ޖޫން މަހުގެ ނިޔަލަށް 4.95 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

އެފްޑީސީން ބުނި ގޮތުގައި މިހާތަނަށް 5،040 ޓަނުގެ ކުނި އެ ސަރަހައްދުން ވަނީ ނަގާފަ އެވެ.

އެފްޑީސީން ބުނީ ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ، އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އެޅުމުގެ ސަބަބުން ކަމަށެވެ.

"ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން، އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަން ޖެހޭ ހޭދަ ވަނީ ނިސްބަތުން އިތުރުވެފަ." އެފްޑީސީގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި، ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފަހި ދިރިއުޅުން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.