ފަލަސްތީނުގެ ގައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން މިއަދު ދިން ހަމަލާތަކެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޑްރޯން ހަމަލާތަކެއްގައި ގައްޒާ ސިޓީގެ ޝެއިހް ރަދުވާން ސަރަހައްދުން ދެ މީހަކު މަރުވެފައި ވާއިރު، ދެއިރުލް ބަލާހް އަދި ހާން ޔޫނިސްގެ އުތުރުން އަލްމަވާސީ ސަރަހައްދަށް ދިން ހަމަލާތަކުގައި އިތުރު ދެ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ދެއިރުލް ބަލާހްގައި ހުންނަ އަލްއަގްސާ މާޓިއާސް ހޮސްޕިޓަލާ ގުޅިފައިވާ ބޭސް ރައްކާކުރާ ގުދަންތަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ހަމަލާގައި އެ ތަނުގައި ހުރި ހަތަރު ގުދަނުގެ ތެރެއިން ދެ ގުދަނެއް އެއްކޮށް ފުނޑުފުނޑުވެފައި ވާއިރު، އަނެއް ދެ ގުދަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ވުޒާރާއިން މި ހަމަލާ ސިފަކޮށްފައި ވަނީ "ބޮޑުވެގެންވާ ޖަރީމާއެއް"ގެ ގޮތުގައެވެ. އަދި މި ހަމަލާގެ ސަބަބުން ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ބޭހާއި ސިއްހީ ސާމާނު ނެތިގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ކްލިނިކް އިމާރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އެ ސަރަހައްދުތަކަށް ހަމަލާދިނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލުގެ ގުދަނަށް ދިން ހަމަލާއާ ގުޅޭގޮތުން އިތުރު ތަފުސީލެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުގެ ގުދަނަށް ހަމަލާދިނުމުގެ 15 މިނެޓު ކުރިން އެ ސަރަހައްދުން މީހުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަންގައިފައެވެ.

މި ހަމަލާތައް ދީފައި މިވަނީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ހަމާސްއާއި އެހެނިހެން ޖަމާއަތްތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.