މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. މިއަދު ހެނދުނު 11:30 އާ ހަމައަށް ނެރުނު މި ސަމާލުގައިވާ ގޮތުން، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

އަދި ވިލާގަނޑު އަންނަ ވަގުތުތަކުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ.

މޫސުން މިހާ ބޮޑަށް ގޯސްވާން ދިމާވި ސަބަބެއް ކަމަށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރެފް އެއްގެ ސަބަބުން ރާއްޖޭގެ ހުޅަނގު ފަރާތުގައި ބޯ ވިއްސާރަވިލާ އުފެދެމުންދިއުމެވެ.

މީގެ އިތުރުން މި ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ފުރިހަމަ ކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.