ނުނެރެ އޮތް ނިކޮލަސް ކޭޖްގެ އާ ފިލްމެއްގެ މާސްޓަރ ކޮޕީއެއް ގެއްލުނު ކަމަށް ބުނެ، އެ ފިލްމުގެ ޕްރޮޑިއުސަރު ސައިމަން އަފްރަމް އަދި އޭނާގެ ކުންފުނި އޮޕް-ފޯޓިޓިއުޑް އިން ނެޓްފްލިކްސްއާ ދެކޮޅަށް 105 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފިއެވެ.

ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މި ދައުވާގައި ބުނެފައިވާ ގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގާދިޔަ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ 45 މިލިއަން ޑޮލަރުގެ ފިލްމު “ފޯޓިޓިއުޑް” ގެ އަންއެންކްރިޕްޓެޑް މާސްޓަރ ކޮޕީއެއް ނެޓްފްލިކްސްއާ ހަވާލުކުރީ އެ ކުންފުނިން ފިލްމު ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމުންނެވެ.

އަފްރަމް ބުނެފައިވާ ގޮތުގައި، ފިލްމު ބެލުމަށްފަހު އެ ކޮޕީ ފޮހެލުމަށް ނެޓްފްލިކްސްއަށް އަނގަބަހުންނާއި ލިޔުމުން އެންގިއެވެ. ނަމަވެސް ފަހުން ނެޓްފްލިކްސްއިން އީމެއިލް މެދުވެރިކޮށް އެންގީ އެ ކުންފުނީގެ އޮފީހުގެ މޭޒުމަތިން ހާޑް ޑްރައިވްތަކެއް ވަގަށް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ފިލްމުގެ ކޮޕީ ހިމެނޭ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރާ ފަރާތުން ފާހަގަކުރި ގޮތުގައި، ފިލްމު ލީކުވެދާނެ ކަމުގެ ބިރު އޮތުމުން ފިލްމުގެ ވިޔަފާރީގެ އަގު ވަނީ ވެއްޓިފައެވެ. ފިލްމުގެ އަގު ބިނާވެފައިވަނީ އެއީ އަދި އާންމުކޮށް ނުނެރެ އޮތް އުފެއްދުމަކަށް ވުމުގެ މައްޗަށް ކަމަށް ދައުވާގައި ބުނެފައިވެއެވެ. އަދި ނެޓްފްލިކްސްއިން ފިލްމު ރައްކާތެރިކަމާއެކު ނުބެލެހެއްޓުމަކީ އެ ކުންފުނީގެ އިހުމާލެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ނެޓްފްލިކްސްގެ ތަރުޖަމާނަކު ބުނި ގޮތުގައި، އިންޑަސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ސެކިއުރިޓީ ފިޔަވަޅުތައް ނާޅައި ހަވާލުކުރާ ފިލްމެއް ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނަގާކަށް ނުޖެހޭނެއެވެ. ފިލްމުގެ ޕްރޮޑިއުސަރުން މަސައްކަތްކުރަނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދަން ކަމަށް ނެޓްފްލިކްސްއިން ތުހުމަތުކުރެއެވެ. އެހެންނަމަވެސް، ފިލްމު ޕައިރޭޓްކޮށްގެން ވިއްކާތޯ ބެލުމަށް މޮނިޓަރކޮށްދިނުމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ނެޓްފްލިކްސްއިން ވަނީ ހުށަހަޅާފައެވެ.

ނިކޮލަސް ކޭޖްގެ އިތުރުން ބެން ކިންގްސްލީ އަދި ރޮން ޕަރލްމަން ހަރަކާތްތެރިވާ މި ފިލްމަކީ ހަތް އަހަރު ދުވަހުގެ މަސައްކަތުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ކޭޖް ކުޅެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އުޅުނު ޖާސޫސެއް ކަމަށްވާ ޑުސްކޯ ޕޮޕޯވްގެ ރޯލެވެ. މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.