ބާބުލް މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑު އަދި ގަލްފް އޮފް އެޑެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ސައޫދީ އަރަބިއްޔާ އިސްވެ އޮވެ 14 ގައުމު ހިމެނޭ ކަނޑުމަތީގެ ދިފާއީ އިއްތިހާދެއް އެކުލަވާލައިފިއެވެ.
ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، މި އިއްތިހާދުގެ މަގުސަދަކީ ކަނޑުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމާއި، މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގު ހިމާޔަތްކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ. އަދި މި އިއްތިހާދުގެ މައި މަރުކަޒު ގާއިމުކުރާނީ ސައޫދީ އަރަބިއްޔާގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އިއްތިހާދުގައި ހިމެނޭ 14 ގައުމަކީ ސައޫދީ އަރަބިއްޔާ، ކުވައިތު، ބަހްރައިން، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު، އުރުދުން، ޔަމަން، ބަންގްލަދޭޝް، ނައިޖީރިއާ، ސޫދާން، ޖިބޫތީ އަދި ސޯމާލިއާއެވެ.
މި އިއްތިހާދު އެކުލަވާލާފައިވަނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ބައްދަލުވުމެއްގައެވެ. ސައޫދީ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމަށް 51 ގައުމަކާއި ޖަމިއްޔާތަކަށް ދައުވަތު ދީފައިވާއިރު، 43 ގައުމެއްގެ މަންދޫބުންނާއި ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) ގެ ވަފުދަކުން ބައިވެރިވިއެވެ. މީގެ ތެރެއިން އިއްތިހާދުގައި ބައިވެރިވާކަން ކަށަވަރުކޮށްދިނީ 14 ގައުމަކުންނެވެ. އެހެން ނަމަވެސް، އިތުރު ގައުމުތަކަށް މި އިއްތިހާދުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިފަދަ އިއްތިހާދެއް އެކުލަވާލާފައި މިވަނީ، ސައޫދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުހާނާތަކަށާއި ރަތް ކަނޑުގައި ދަތުރުކުރާ އެ ގައުމުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ހޫތީން ވަނީ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުމަތީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް އިއުލާންކޮށްފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް