ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިއްމު މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ރެއިން ފެށިގެން އެ ކުންފުނީގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެކަން ދިރާގުން ބުނެފިއެވެ.

ދިރާގުން އެކްސްގައިކުރި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތާ ގުޅިގެން ހިދުމަތްތަކަށް ބަދަލު އަންނާނީ މާދަމާ 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.

އެ ވަގުތުތަކުގައި ދިރާގު އެޕްލިކޭޝަން، މައިއެކައުންޓް އަދި މަމެން އެޕްގެ ހިދުމަތްތައް ބޭނުމެއް ނުކުރެވޭނެކަމަށް ދިރާގުން ބުންޏެވެ. އަދި ރީލޯޑް ކުރުމާއި، ރީޗާޖް ކުރުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެކި ކަހަލަ ޕެކޭޖްތައް އެކްޓިވޭޓް ކުރުމުގެ ހިދުމަތްވެސް މެދުކެނޑޭނެކަމަށް ދިރާގުން ބުންޏެވެ.

ނަމަވެސް، މާދަމާ 6:00 އިން މެންދަމު 12:00 އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑާއި ރީޗާޖްގެ ހިދުމަތް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، ކަސްޓަމަރުން އާންމުކޮށް ބޭނުންކުރާ ފޯނު ކޯލް، އެސްއެމްއެސް އަދި މޮބައިލް ޑޭޓާގެ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި ވަގުތީ މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ދިރާގުން ބުންޏެވެ.