އަންގާރަ ދުވަހުގެ ހަވީރެވެ. ''ދާރް''އަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. މެހެމާނުންނަށް ދަޢުވަތު ދެވުނު ގަޑިއަށް ތައްޔާރީތައް ނިންމަންވެގެން ގޭތެރެއިން ފެންނަނީ ހަލަބޮލިކަމެވެ. ހާދިމުންނަށް އިރުޝާދު ދިނުމުގައި އުޅުނީ ސަރުވާ އެވެ. ސަރުވާއަށް އެހީވުމުގައި އުޅުނީ ރަހުމާ އެވެ. ސަރުވާގެ މޫނުން ފެންނަނީ ހިތްހަމަޖެހުމެވެ. ރަހުމާއާއި ބައްދަލުވުމުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ހިތްބުރަކަމެއް ނެތި އޭނައާއި ރަހުމާ ވާހަކަދެއްކުމުން ވަކިން ބޮޑަށް އުފާވިއެވެ. އޭނަގެ އުއްމީދަކީ ހަމަ އެފަދައިން މަސްރޫރާއި ވެސް ރަހުމާ ވާހަކަދެއްކުމެވެ. ސުލްހަވުމެވެ. މިއުފާވެރި މާހައުލުގެ ތެރެއިން އެއުއްމީދު ފުރިހަމަވުމަށް އެދި ދުޢާ ކުރެވުނެވެ.
*****
ތަނާލްގެ މައިންބަފައިންނާ ބައްދަލުކުރަން އަޒީލާ ތައްޔާރުވީ އޭނައަށް ކުރިމަތިވި މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ. ސަލާމަތުގެ އައްސޭރިއަކަށް ދާނެ ގޮތެއް ވިސްނުމަކަށް ނައެވެ. މަސްރޫރާއި ކުރި ޒުވާބަށްފަހު ގޮތުގައި ހުންނަން ބޭނުން ވިޔަސް އަޒީލާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އިންތިހާއަށް ލޯބިޖެހިފައިވި މުއްސަނދިކަމާއި ދުރަށް ދާން ވެއްޖެނަމަ އޭނަ މޮޔަ ވެދާނެއެވެ. ''ލަގްޒަރީ'' ދިރިއުޅުމެއް ހޯދަން އޭނަ ވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އެހުރިހާ މަސައްކަތެއް ފެނަށްދާ މަންޒަރު ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ސަޅިބައިސާ ކަނޑަމުން ދަނިކޮށް ބިކަހާލުގައި ޖެހިއްޖެނަމަ ދުނިޔެއާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަގު ބޮޑެތި ފޯނާއި، ބްރޭންޑެން ހެދުމާއި، ފައިވާނުގެ އިތުރުން ގަހަނާތައް ހޯދާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރަކު ފަސް ފަހަރު ޔޫރަޕަށް ނުދެވޭނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ބޯހަރުކަން މަތީ ދެމިހުންނަންވެއްޖެނަމަ ދެރަ ލިބޭނީ ތިމާއަށްކަން ވިސްނުމުން އަޒީލާގެ ލޮލުން ކަރުނަ ހިލުނެވެ. ރުޅީގެ ތެރޭގައި ހަފުސްވަމުން ދިޔަ މައިގަނޑު ސަބަބަކީ އެއެވެ. ފައިސާއާއި އަރާމުން ފުރިގެންވި ދިރިއުޅުމަށް ކޮންމެ ހިނދަކު ވެސް ނިމުން އައިސްފާނެއެވެ. މަސްރޫރުގެ އިންޒާރުތަކުގެ އަޑު އޭނަގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ކުރިމަތިވެފައި އޮތް މުސީބާތުން ސަލާމަތްވަންދެން އަޒީލާއަށް ޖެހުނީ ތަމްސީލެއް ކުޅޭށެވެ.
''އަހަރެން ދެއްކި ވާހަކަތައް ހަނދާން ހުންނާނެ ކަމަށް އުއްމީދުކުރަން...'' ކޮޓަރިން ނިކުތުމުގެ ކުރިން އަޒީލާއާއި މަސްރޫރު ވާހަކަދެއްކިއެވެ. އަޒީލާ އެއްޗެއް ބުނަން އަނގަހުޅުވާލުމުން ވެސް އެފުރުސަތު މަސްރޫރު ނުދިނެވެ. ކޮޓަރިން ނިކުމެގެން ދިޔައީ އަޒީލާގެ ރައްދު މުހިންމުނުވާ ފަދައަކުންނެވެ. އެމަންޒަރު ބަލަން އަޒީލާ ހުރީ އަނގަސަކަރާތްވެފައެވެ.
''ފޯރިއެއް އެބަހުއްޓެއްނު، މަށަށް ރަނގަޅީ ތިކައިވެނި ނުވިއްޔާ، ޒަރާރްއަށް އުފަލެއް ނުލިބުނިއްޔާ، އަހަންނަށް ދިމާވާ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އޭނަ... ޒާރާ އެހުރީ އޭނައަށް ރަނގަޅަށް ފިލާވަޅު ނަގާދީފަ، ކަށްވަޅު އޮތް ދުވަހު ވެސް މަށަށް ހަމަޖެހިގެން އުޅެވޭ ވަރެއް ނޫނޭ...'' ސިކުނޑިއަށް ބާރުބޮޑުވެ އަޒީލާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ޕްރެޝަރު ބޮޑުވެ ހިތުގެ އުދާސްތައް ބޭރުކުރާނެ މަގެއް ނުފެނުނެވެ.
އަޒީލާ ތިރިއަށް ފޭބީ ލަސްކޮށްލާފައެވެ. މަސްރޫރަށް ޖެއްސުން ކުރާށެވެ. އޭރު ޢާއިލާގެ ހުރިހާ މެންބަރުން ތިބީ ބޮޑުކޮޓަރީގައެވެ. ތަނާލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެންކަމުން އަޒީލާ ބޭނުންވި މަޤުސަދު ހާސިލެއް ނުވިއެވެ. މަސްރޫރުގެ ސަމާލުކަން ހުއްޓިފައިވަނީ ޒަރާރް އަށެވެ. އުފާވެރި ހިނިތުންވުންވުމަކާއެކު ޒަރާރްގެ ގާތުގައި މަސްރޫރު އިން މަންޒަރު ދެކެން އަޒީލާއަށް ކެތެއްނުކުރެވުނެވެ. ބިރުވެރި ހުވަފެނެއް ފެންނަމުންދާ ކަހަލައެވެ. އޭނައަށް ހުޝިޔާރުވެވުނުނަމަ މިފަދައިން ކަންތައް ނުވީއެވެ. ދުރާލާ ޒަރާރްއާ މެދު ފިޔަވަޅުއެޅުނު ނަމަ އެވެ. ފިއްތުންތައް ކުރިމަތިކުރެވުނު ނަމަ އެވެ. ދެން ނަމައަކުން ކުރެވޭ ކަމެއް ނެތެވެ. ޒަރާރްއަކީ ހީލަތުގެ މޭސްތިރިއެކެވެ. އޭނަގެ ފަރާތުން ބަދަލުހިފާނެ ހުރިހާ ގޮތަކަށް ދުރާލާ ހުރީ ތައްޔާރުވެގެންނެވެ. މާލެއައީ ނުބައި އެމަޤުސަދުގައެވެ. ކުރިން ވެސް އޭނައަށް ޝައްކު ވިއެވެ. ނަމަވެސް އެހާ ފަސޭހައިން ޒަރާރްގެ ރޭވުންތައް ކާމިޔާބުކޮށްފާނެކަމަށް ހީނުކުރެވުނީއެވެ. އަޒީލާ ދެކުނު ގޮތުގައި މަސްރޫރު ހުރީ އޭނަގެ ނުފޫޒުގެ ދަށުގައެވެ. އޭނަގެ މުށުތެރޭ ޤައިދުކޮށްލެވިފައެވެ. އެއީ އޭނައަށް ހެދުނު ފުރަތަމަ ގޯހެވެ. އެކަމުގެ ފައިދާ ނިކަން ފުރިހަމައަށް ޒަރާރް ހިފައިފިއެވެ. ނާކާމިޔާބީގެ ހިތި ރަހައާއެކު އަޒީލާގެ ބޫޑު މުޅިން ހަރާބުކޮށްލައިފިއެވެ.
ރަހުމާއާއި ނަޒަރު ސީދާވުމާއެކު އަޒީލާ ދެލޯ ހަދާލިއެވެ. ރަހުމާ ދެފަރާތަށް ބޯހޫރާލަމުން އަޒީލާއަށް ނުބަލަން މަސައްކަތްކުރިއެވެ. އޭނަގެ އަގު ހުރި ވަގުތު އަޒީލާއަށް ދޭން ބޭނުން ނުވީއެވެ. އޭނައައީ ޒަރާރްގެ އުފަލުގައި ބައިވެރިވާށެވެ. އަޒީލާއާއި ކުރިމަތިލާކަށް ނޫނެވެ. ޒަރާރްއަށް ދިން ބަހުގެ ޔަޤީންކަން މަތީ ދެމި ހުންނަން ރަހުމާ ހުރީ ގަސްދުކޮށްގެންނެވެ.
ޒަރާރްއަށް ރަހުމާ ބަލައިލިއެވެ. ޒަރާރްގެ މޫނުން ފެންނަ އުފާވެރިކަމުން ރަހުމާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. މަސްރޫރު ވެސް ހިނިތުންވުމަކާއެކު ޒަރާރްއާއި ވާހަކަދައްކަމުން ދިޔަ އިރު އެވަގުތުކޮޅުގެ ހާއްސަކަން ރަހުމާއަށް އިހުސާސްކުރެވުނެވެ. ދެބަފައިންގެ ގުޅުން ރަނގަޅުވެފައިވާ މިންވަރު އަންޒާދާކޮށްލެވުނެވެ. ނަމަވެސް އެމަންޒަރު ޤަބޫލުކުރަން ރަހުމާ ފަސްޖެހުނެވެ. މަސްރޫރަށް އިތުބާރުނުކުރެވޭތީއެވެ. ލޮލަށް ދައްކާލާ ދަޅައަކަށް ވެދާނެތީއެވެ. ޝައްކާއި ވަހުމުތަކަށް ނިމުމެއް އަންނާނެ ހެނެއް ހިޔެއް ނުވެއެވެ. ހަމައެއާއެކު އެވަގުތުކޮޅު ޒާރާ މަތިން ހަނދާން ވިއެވެ. ޒާރާގެ ފަޅުކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. ޒަރާރްގެ ހަޔާތުގައި އަންނަނާނެ އެންމެ އުފާވެރި ވަގުތުކޮޅުގެ ތެރެއިން ގުނާލެވޭނެ އެހާއްސަ ވަގުތުގައި ގާތުގައި ނެތުމުންނެވެ. އެނަސީބު ޒާރާއަށް ނުލިބުނީ މަސްރޫރުގެ އަނިޔާވެރިކަމުންނެވެ. އެއާއެކު ރަހުމާއަށް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލްކުރަން އުނދަގޫވެއްޖެއެވެ.
''ރަހޫ...'' ރަހުމާގެ އަތުގައި ހިފީ އަލީ އެވެ. ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވުނު ނަޒަރުން ރަހުމާގެ އިހުސާސްތައް އަލީ ދެނެގެންފިކަން ރަހުމާއަށް ޔަޤީންކުރެވުނެވެ. އެނާޒުކު ވަގުތުގައި އަލީގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުވެރިވެވުނެވެ. އޭނަގެ ޖަޒުބާތުތައް ހަމައަކަށް އެޅުވުމުގައި އަބަދުވެސް އަލީ ކާމިޔާބު ހޯދައެވެ.
ރަހުމާ ދޫކޮށްލީ ފުންނޭވާއެކެވެ. އަލީއަށް ބަލަމުން އޭނަ ބޯޖަހާލިއެވެ. އަދި އަލީގެ ހިފަހައްޓައިގެން ހުރި އަތަށް ފިތާލިއެވެ.
*****
ތަނާލްގެ ފަރާތުން ލިބުނު މެސެޖާއެކު ޒަރާރް ސޯފާއިން ތެދުވިއެވެ. އޭނަ މިސްރާބުޖެހީ ގޭގެ ޕޯޓިކޯއަށް ދިއުމަށެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. އެއްބަދަލުވުމުގެ މުހިންމުކަން ހަނދާންވެފައެވެ. ޕޯޓިކޯއަށް ނިކުންނަމުން ފުން ނޭވާއެއް ދޫކޮށްލީ ވިންދުތައް ހަމައަކަށް އަޅުވާލުމަށެވެ.
ޒަރާރްގެ ނަޒަރު ހުއްޓިފައިވަނީ މައި ގޭޓަށެވެ. އެދިމާއަށް ބަލަމުން ދަނިކޮށް ބައްޕަ އޭނައަށް ގޮވާލި އަޑު ޒަރާރްއަށް އިވުނެވެ. އަވަސްއަވަހަށް ފަހަތް ބަލައިލެވުނެވެ.
''ރިލޭކްސް...'' ލުއި ހިނިތުންވުމަކާއެކު މަސްރޫރު ބުންޏެވެ.
''ބޭނުން، އެކަމަކު ވަރަށް ނާވަސް...'' ޒަރާރް ބުނެލިއެވެ.
''ދަރިފުޅު ނާވަސްވާނެކަން އެނގޭތީ ބައްޕަ މިއައީ....'' ޒަރާރްގެ ކޮނޑުގައި މަސްރޫރު ހިފާލިއެވެ.
''ތޭންކްސް...'' ބައްޕައަށް ޒަރާރް ބަލައިލީ ޝުކުރެވިކަމާއެކުގައެވެ.
ޒަރާރްއަށް މަސްރޫރު ބަލައިލިއެވެ. ހިތް ފުރިގެންއައި ފުން ޖަޒުބާތުތައް އޭނަގެ އިހުތިޔާރުގެ ދަށުން ދޫވެއްޖެއެވެ. ޒަރާރްގެ ދެލޮލުން އޭނައަށް ސިފަކޮށްދިނީ ޒާރާއެވެ. ޒާރާގެ ދެލޮލުން ފެންނަ އުފާވެރިކަމުގެ ނޫރެވެ. އެއާއެކު ޒަރާރްގެ ގައިގައި މަސްރޫރަށް ބައްދާލެވުނެވެ.
''ބައްޕައަށް މަޢާފްކޮށްދެއްޗޭ...'' އަރުބެދޭ ގޮތްވުމުން މަސްރޫރަށް ވާހަކަ ނުދެއްކުނެވެ. ޒަރާރްއާއި ދުރަށް ޖެހިލި ހިނދު، އެމޫނުން ފާޅުވި ލިސާންތަކުން މަސްރޫރު ބުނަން ބޭނުންވެ އެހެނަސް ދުލާ ހަމައަށް ގެންނަން ދަތިވެފައިވި ވާހަކަތައް ބުނެދިނެވެ.
''ބައްޕާ...'' ޒަރާރްއަށް ގޮވާލެވުނެވެ. ''އަޅުގަނޑު ބައްޕައަށް މަޢާފްކޮށްފިތާ ކިތަންމެ ދުވަހެއް، ކުށްކުރެވޭނީ އިންސާނުންނަން، ބައްޕައާއި މަންމަ ވަކިވުމުގައި ބައްޕައަށް ހެދުނު ގޯސްތައް ވިސްނުނީތީ އަޅުގަނޑު އުފާކުރަން، އެއީ މާޒީ، މަންމަ އަޅުގަނޑަށް ނަސޭހަތްދިން ބައްޕައަށް މަޢާފްކޮށްދޭން، އެއީ މަންމަގެ ވަސިއްޔަތެއް، ބައްޕަ ދެކެ މަންމަ ވަރަށް ބޮޑަށް ލޯބިވި، ބައްޕައަށް ނަފުރަތުނުކުރެވުނީ އެހެންވެގެން، އަޅުގަނޑު ހިތް ބައްޕައަށް ސާފު...''
މަސްރޫރުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެކަރުނައިގައި އެކުލެވިގެންވަނީ ވޭނެވެ. ޒާރާ އޭނަ ދެކެ ވީ މަތިވެރި ލޯބި ތަސައްވަރުކުރެވުނީއެވެ. އެލޯބީގެ ބަދަލު އޭނަ ދިނީ ކިހިނެއް ހެއްޔެވެ؟ ރަހުމެއް ހަމްދަރުދީއެއް ނެތި ބިކަ ހާލުގައި ޖެއްސިއެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފަން ޒާރާ ދުވަހަކު މަސައްކަތެއް ނުކުރެއެވެ. އޭނައާ މެދު ޒަރާރްގެ ހިތް ކިލަނބުކުރަން ވެސް ނޫޅުނެވެ. ނަފުރަތު އުފައްދައި ބަދަލު ހިފުމުގެ ހަތިޔާރަކަށް ނުހެދިއެވެ. ޒަރާރްއަށް ދަސްކޮށްދިނީ އޭނައަށް މަޢާފްކޮށްދިނުމަށެވެ. އޭނައަށް އިހުތިރާމްކުރުމަށެވެ. ބައްޕައަށް ލިބެންޖެހޭ ލޯތްބާއި ޤަދަރު ދޭށެވެ. އެކަމުން ވެސް ހާމަކޮށްދެނީ ޒާރާގެ ސާފު ހިތެވެ. ޖަވާހިރެއް ލިބުމުން އެކަމުގެ އަގު ވަޒަން ނުކުރެވުނީ އޭނަ އަށެވެ. އެކަމުގެ ހިތާމައިގައި ދިރިއުޅުން ނޫން ގޮތެއް ނެތެވެ.
''ދަރިފުޅާ މެދު ބައްޕަ ވަރަށް ފަހުރުވެރިވޭ...'' ފަސްޖެހުމުގެ ބަދަލުގައި މަސްރޫރު ހާމަކުރީ ތެދެވެ. ޒަރާރްގެ ސަބަބުން އޭނައަށް މުޅިން އައު ހިތްވަރެއް ލިބިގެން ގޮސްފިއެވެ. ސިއްރުކުރުމުގެ ބަދަލުގައި އިހުސާސްތައް ބަންޑުންކޮށްލެވުނެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުން ގެންނަމުންނެވެ.
ބައްޕަގެ ޖުމްލައާއެކު ޒަރާރްއަށް ބައްޕަގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ބައްޕަގެ ބަސްތަކުން އޭނައަށް ދިރުން ގެނެސްދީފިއެވެ. ޒަރާރްއަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ގޭޓުން ވަން ކާރު ޒަރާރްގެ ލޮލުގައި އަޅައިގަތީ އެދަނޑިވަޅުގައެވެ. ކަރުނުން ފުސްވެފައިވި ދެލޯ ފޮހެލެވުނެވެ. އުފާވެރިކަމާއެކު ހިނިތުންވެވުނެވެ. ތަނާލްއަކީ އޭނައަށް ޓަކައި މާތްﷲ ފޮނުއްވެވި ރަހުމަތުގެ ވިލާގަނޑެކެވެ. އެވިލާގަނޑުގެ ހިޔާވަހިކަމާއެކު، ދިރިއުޅުމުގެ ހުރިހާކަމެއް ހަމައަކަށް އެޅި ބަހާރުގެ ކުލަތަކުން ޖަރީވެގެން ހިނގައްޖެއެވެ.
ޕޯޓިކޯއަށް ކާރު މަޑުކޮށްލިއެވެ. ޒަރާރް އަވަސްވެގަތީ ކާރުގެ ދޮރުފަތް ހުޅުވާލަދޭށެވެ. ކުރީ ދޮރުފަތް ހުޅުވުމުން ފޭބީ ސުމައްޔާ އެވެ. ޑްރައިވަރުގެ ސީޓުން ހާރޫނެވެ. އެންމެފަހުން ޒަރާރް ހުޅުވީ ފަހަތު ދޮރުފަތެވެ. އެއަށްފަހު އޭނަގެ އަތްތިލަ ތަނާލްއަށް ދިއްކޮށްލިއެވެ. ތަނާލް ބަލަހައްޓައިގެން އިންނަން ފެށުމުން އަތަށް އިޝާރާތްކޮށްލިއެވެ. ލަދުން އިނދެފައި ޒަރާރްގެ އަތުގައި ތަނާލް ހިފިއެވެ. ކާރުން ފައިބަމުން ތަނާލްގެ ނަޒަރު ހުއްޓުނީ މަންމައާއި ބައްޕަ އަށެވެ. މަސްރޫރަށް ވެސް ތަނާލް ބަލައިލި އެވެ.
ހާރޫނާއި ސުމައްޔާއަށް މަރުޚަބާ ކިޔަން މަސްރޫރު އަވަސްވެގަތެވެ. ހާރޫނާއި ސަލާމްކޮށްލަމުން އެތެރެއަށް ވަންނަން އިރުޝާދު ދިނެވެ. ސުމައްޔާއާއި ވެސް މަސްރޫރު ވާހަކަދެއްކިއެވެ. ކުރިން ފެންނަ ބޮޑާކަމާއި ކިބުރުވެރިކަން މަސްރޫރުގެ ފަރާތުން ނުފެނުނެވެ. އަޒީލާގެ ނުފޫޒު ކެނޑެމުންދާކަމުގެ ނިޝާނެކެވެ.
''ސޯ، ވެލްކަމް ޓު މައި ހައުސް، އޯރ ޝުޑް އައި ސޭއި އަވާރ ހައުސް؟...'' ޒަރާރްއާއި ތަނާލް ހިނގައިގަތީ ފަހަތުގައި ތިބެގެންނެވެ.
އެކި ދިމަދިމާއަށް ތަނާލްގެ ނަޒަރު ދަތުރުކުރިއެވެ. އެގޭގެ ހައިބަތު އޭނައަށް ފެނުނެވެ. މުއްސަނދިކަމުގެ ކުލަވަރު ފެނުނަސް އާދައިގެ ގޮތެއް ވެސް ހުއްޓެވެ. އިހުގެ މުސްކުޅި ގެއަށް ޒަމާނީ ބަދަލުތައް ގެނެސްފައިވުމުންނެވެ. ތަނާލްއަށް ކަމުދިޔައީ ގޭގެ އާސާރީ ކަމެވެ. ހަމައެއާއެކު ގޭގެ ބަގީޗާއެވެ. ކުލަކުލައިގެ މާގަސްތައް އޭނައަށް ކަމުދިޔައެވެ. ހަވީރުގެ ވަގުތަށް ވުމުން ވަކިން ބޮޑަށް ހިތްގައިމުކަމަށް ދައްކައެވެ.
ބޮޑުކޮޓަރިއަށް ވަނުމާއެކު ޢާއިލާގެ މެންބަރުންގެ ފަރާތުން ތަނާލްއަށް ހޫނު މަރުޚަބާއެއް ލިބުނެވެ. އެމަންޒަރު ފެނި ހާރޫނާއި ސުމައްޔާ ތިބީ އުފަލުންނެވެ. ހާއްސަކޮށް ސުމައްޔާ އެވެ. ޒަރާރްއާއި ދެކެވުނު ވާހަކަތަކަށްފަހު، ޒަރާރްއަށް ސުމައްޔާ އިތުބާރުކުރިއެވެ. ނަމަވެސް ޒަރާރްގެ ޢާއިލާ އުފަލާއެކު ތަނާލް ޤަބޫލުކުރި މަންޒަރުން ފިނިކަން ލިބުނެވެ. އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. އަމިއްލަ ދަރިއަކު ފަދައިން ތަނާލްއަށް ލޯބިދޭނެކަމުގެ ޔަޤީންކަން އިތުރު ވިއެވެ.
ހަވީރުގެ ސަޔާއެކު މަޝްވަރާކުރެވުނީ ކައިވެނީގެ ތާރީހާ ގުޅުވައިގެންނެވެ. ތަނާލްއާއި ޒަރާރް ބޭނުންވީ ކައިވެނި އަވަސްކުރާށެވެ. އެހެންކަމުން ދެހަފްތާ ފަހުން ތާރީހު ކަނޑައެޅުނެވެ. ކައިވެނީގެ ރަންކިޔާނެ ދުވަހަކާއި ގުޅިގެން ވެސް ޚިޔާލު ބަދަލުކުރެވުނެވެ. އެހަފްލާ ބާއްވަން ސަރުވާ ބޭނުންވީ ދިވެހި ސަޤާފަތާ އެއްގޮތަށެވެ. އެހެންކަމުން ރަންކިއުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް އެފަދައިން ކުރިއަށް ގެންދަން ނިންމުނެވެ. ކައިވެނީގެ ރަސްމިއްޔާތު ކަނޑައެޅުނީ ''ދާރް'' ގައެވެ. ދައުވަތު ދޭން ހަމަޖެހުނީ ހަމައެކަނި ދެފަރާތުގެ ޢާއިލާއަށާއި ގާތް ރަހުމަތްތެރިންނަށެވެ. ކުޑަ ހަފްލާއަކަށް ހެދުމަށެވެ.
މަޝްވަރާތައް ނިމުނީ އިރުއޮއްސުމާ ގާތްވެފައިވަނިކޮށެވެ. ތަނާލް މަޑުކޮށްލައިގެން ހުރީ ބަގީޗާގައި އޮތް މަސްފެންގަނޑު ކައިރީގައެވެ. ފެންގަނޑު ތެރޭގައި ހޭލަމޭލަވަމުންދާ ކާޕް މަސްތަކަށް ބަލަން ތަނާލް ހުއްޓެވެ. ތަނާލްގެ ގާތުގައި ޒަރާރް އެވެ. ދެޒުވާނުން ތިބީ މަސްތަކަށް ކާން ދޭށެވެ. އުވާފެރިކަން ދެޒުވާނުންގެ މޫނުން ރަމްޒުކޮށްދެއެވެ. ޕާޓިއޯގައި ދެޒުވާނުންނަށް ބަލަހައްޓައިގެން ދައްޔާން ހުއްޓެވެ. ހަސަދަވެރިކަމާއެކުގައެވެ.
''ރައިހާން ބުނިހެން ބިރުދައްކައިގެން ކުރިއެރުމެއް ނުލިބޭނެ، އެއަށްވުރެން ބޮޑަށް ޒަރާރްއަށް ތަނޫ ޑިޕެންޑްވޭ، ހުރިހާ އެއްޗެއް ކިޔައިދޭ.......... އަހަންނަށް ތަނޫ ލިބެން އޮތީ ހަމަ އެންމެ ގޮތަކުން... އައި ހޭވް ޓު ގެޓް ރިޑް އޮފް ހިމް!...'' ދައްޔާން ސައްލާކުރަމުން ދިޔައީ އޭނަގެ ނަފުސާ އެވެ. ތަންކޮޅެއް ކުރިން ރައިހާން ދިން ޚިޔާލު ދައްޔާންގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ގޮތް ހުސްވުމުން އެކަމަށް އަމަލީ ސިފައެއް ގެންނަން އެދެވުނެވެ. ނަމަވެސް އެކަމުގައި ރައިހާނަށް ބަރޯސާވާން ދައްޔާންގެ ޒަމީރު ދެކޮޅު ހެދިއެވެ. ރައިހާން އޭނައަށް ދިން ނަސޭހަތުން ކުރި މަންފާއެއް ނެތެވެ. ފަހަކަށް އައިސް އޭނައާއި ދިމާކުރާތީ ވަކިން ބޮޑަށް ފޫހި ވިއެވެ. ރައްޓެހިންގެ އެހީތެރިކަމަށް އެދުމުގެ ބަދަލުގައި އެކަނި އުޅުނަސް ރަނގަޅުވާނެޔޭ ހިތަށް އެރިއެވެ.
ޒަރާރްއާއި ތަނާލްގެ އުފާވެރި ވަގުތުކޮޅަށް ހުރަސް އެޅުމުގެ ނިޔަތުގައި ދައްޔާން ހިނގައިގަތެވެ. ތަނާލްގެ ގާތުގައި ޒަރާރް ހުންނަ މަންޒަރު ބަލަން ކެތްނުކުރެވުނީއެވެ. ހާއްސަކޮށް ޒަރާރްއަށް ތަނާލް ބަލައިލާ ނަޒަރުގައިވި ލޯބި ދެކެން ބޭނުން ނުވީއެވެ. އެފަދައިން ތަނާލް ބަލައިލަން އެދެވުނީ އޭނަ އަށެވެ. ދެން އޭނަ ހަމަނޭވާލާނީ ވެސް އޭނަގެ ހައްޤަކަށް ތަނާލް ހަދާފައެވެ. ދުރުގައި މަންޒަރު ބަލަން އޭނަ މަދުން ހުންނާނެ ކަމަށް ޒަރާރް ހީކުރަންޏާ އެއީ ގޯހެކެވެ. ހިތި ގޮތަކަށް ޒަރާރްއަށް އޭނަ ވިސްނައިދޭނެއެވެ.
''ހޭއި...'' ދައްޔާން ގޮވާލީ ތަނާލް އަށެވެ. މަސްތަކަށް ކާންދޭން އުޅެފައި ތަނާލް ފަސްއެނބުރުނެވެ.
''ދާން...'' އަތުގައި އޮތް މަސްކާނާ ޕެކެޓު ދައްޔާނަށް ޒަރާރް ދިއްކޮށްލިއެވެ. ދައްޔާން މަނާވެގަތެވެ.
''ވަޓް ޝުޑް އައި ކޯލް ޔޫ ނައު؟، ދޮންބެދައްތަ؟...'' ނޫންކަމަށް ހެދެމުން ތަނާލްގެ ގާތަށް ދައްޔާން ޖެހިލިއެވެ.
''ނޫނޭ، ތަނޫ ކިޔަސް ރަނގަޅުވާނެ...'' ތަނާލް ހިނިތުންވެލިއެވެ. އޭނަ ހީކުރީ ދައްޔާން ސަމާސާކުރަނީ ކަމަށެވެ.
''އެބުނާހެން، ދޮންބެދައްތަ ކީމަ ތަނޫ މުސްކުޅިވެދާނެ...'' ޒަރާރް ބުނެލުމާއެކު ތަނާލް ހީނލައިފިއެވެ.
ދައްޔާނަށް ދަތްކުނޑިވިކާލެވުނެވެ. ތަނާލްއާއި ކައިރިވެލަން އުޅުމުން އެކަމުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެއީ އޭނަގެ ޝަހުސިއްޔަތަށް ލިބުނު އުނިކަމެއްކަމުގައި ދެކެވުނެވެ. ބަހަނާއެއް ދައްކާފައި ދާން ހިނގައިގަތެވެ. ޒަރާރްއަށް ފުރަގަސް ދިނުމާއެކު ދައްޔާންގެ ދެލޮލުން ފާޅުވީ ނުރައްކާތެރި ވިދުވަރެކެވެ. އެވަގުތު ހަވާނަފުސުގެ ވަސްވާސްތައް ގިނަވިއެވެ. ޒަރާރްގެ ފުރާނައަށް ނުރައްކާވާނެހެން ޚިޔާލުތައް ގިނަވާން ފެށިއެވެ. ތަނާލް ހާސިލުކުރުމުގެ ރޫހުގައި ދައްޔާންގެ ހޭބުއްދި ރަނގަޅަށް ވެސް ފިލާ ގޮސްފިއެވެ. ތަނާލްއަށް އޭނަ ކަމުދޭތޯ ބަލަން ދައްޔާން ބޭނުމެއް ނުވެއެވެ. ކޮންމެ ފަދަ ހާލަތެއް މެދުވެރިކުރުވައިގެން ވިޔަސް އޭނަގެ މީހަކަށް ތަނާލް ހެދިކޮށް ނިމުނީ އެވެ. އިޝްގީ ލޯބީގެ އިން ފަހަނައަޅައި ގޮސް ބަދަލުހިފުމުގެ ކުޅިގަނޑަކަށް ބަދަލުވާން ފެށިއެވެ.
ކުޑައިރުއްސުރެން ދައްޔާން ދެކެމުން އައީ ޒަރާރްއަކީ އޭނަގެ ދުޝްމަނެއް ކަމުގައެވެ. އެދެމެދުގައި އޮތް ލޭގެ ގުޅުމަށް އިހުތިރާމްކުރަން ދަސްވެފައި ނެތެވެ. އޭނަގެ މަންމަ ބުނެދީފައި އޮތީ ޒަރާރްއަކީ އޭނަގެ އެއްބަފާބޭބެ ކަމުގައި ނުދެކުމަށެވެ. އެހެންކަމުން އެގުޅުމަށް އިހުތިރާމްކުރަން ހަމަހިލާ ދައްޔާން ބޭނުމެއް ނުވެއެވެ. އެހިތުގައި ކުލުނުގެ ޒައްރެއްގެ މިންވަރު ވެސް އުފަންވެފައި ނެތެވެ. ނަފުރަތާއި ބަދަލުހިފުމުގެ ރޫހުން ކަޅުވެފައިވި ހިތެއްގައި އަލިކަމެއް ވާނެ ހެއްޔެވެ؟
ދައްޔާންގެ އަމަލުތައް ނުރައްކާތެރި ދަރަޖައަކަށް ގެންދިޔައީ އަޒީލާ ދިން ތަރުބިއްޔަތުންނެވެ. ފަސާދަވެފައި ވިސްނުމުންނެވެ. ކޮންމެހެން ދައްޔާނަށް ތަނާލް ކަމުދަނީއެއް ވެސް ނޫނެވެ. ތަނާލްއާއެކު ޒަރާރް އުފަލުގައި ހުންނަ މަންޒަރު ދެކެން ކެތްނުކުރެވެނީއެވެ. ޒަރާރްގެ އުފާވެރިކަން ފޭރިގަންނަން ބޭނުންވީއެވެ. ބޭބެގެ ހައްޤަކަށް އަރައިގަންނަން ލަދުވެތިކަން ނުވީ އެހެންވެގެންނެވެ. އަމިއްލަ މުހުތާދުތައް ހާސިލްކުރުމުގެ ނަމުގައި އެބޭބެގެ ފުރާނައަށް ނުރައްކާވާނެހެން ރޭވުންތައް ރާވަން ޖެހިލުންނުވީ އެހެންވެގެންނެވެ. ފަސޭދަވެފައިވި ވިސްނުމެއްގައި ރަހުމާއި ކުލުނެއް ނުވާނެއެވެ. ދައްޔާނަށް ވީ އެހެންނެވެ.
''އައި ވިލް ކިލް ޔޫ... ކަލޭގެ މަރުވެފައިވާ މަސްގަނޑު ވެސް މީހަކަށް ނުފެންނާނެ...'' ރަންކިއުމުގެ ރަސްމިއްޔާތުގެ ކުރިން އޭނަގެ ރޭވުން ކާމިޔާބުކުރަން އަޒުމުކަނޑައެޅިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް