މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލުން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ހަ މަސް ދުވަހު ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 21 ޕަސަންޓުގެ ކުރިއެރުމެކެވެ.
ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ބީއެމްއެލުން ވަނީ ހޯދައިފައެވެ
ބޭންކުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި 1.6 ބިލިއަން ރުފިޔާ އިންޓްރެސްޓުން ލިބުނު އާމްދަނީގެ ގޮތުގައި ހިމެނޭ އިރު، ފީ އާއި ކޮމިޝަންގެ ގޮތުގައި 830 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ހަރަދާއި އާމްދަނީގެ ނިސްބަތް (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 ޕަސަންޓުގައެވެ.
ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ އަދަދު 41.6 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް ފުޅާވެފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކި ދާއިރާތަކަށް ޖުމްލަ އަށް ބިލިއަން ރުފިޔާގެ އާ ލޯނު ބީއެމްއެލުން ވަނީ ދޫކޮށްފައެވެ.
ގައުމުގެ އިގުތިސޯދަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ވެސް ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 478 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ މެދުވެރިކޮށް 166 މިލިއަން ޑޮލަރު އަދި ކާޑު މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް