ޔަމަނުގެ ހޫތީންގެ ހަމަލާތަކުން ރަތް ކަނޑުގެ ދަތުރުފަތުރު ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ކޯލިޝަނެއް އެކުލަވާލުމަށް ސައުދީ އަރަބިއްޔާއިން މަސައްކަތްކުރަމުން އަންނަ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ދެ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
ރޮއިޓާސްއިން ބުނި ގޮތުގައި، މި ކޯލިޝަންގައި ހިމެނޭނެ ގައުމުތައް އަދި ކަނޑައަޅާފައި ނުވާއިރު، އެތައް ގައުމަކާއެކު ސައުދީން އަންނަނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މި ރިޕޯޓުތަކާ ގުޅިގެން ސައުދީ ސެންޓަރ ފޯ އިންޓަނޭޝަނަލް ކޮމިއުނިކޭޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސައުދީން މިފަދަ ކޯލިޝަނެއް ހަދަން މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފައި މިވަނީ، ރަތް ކަނޑުގައި ސައުދީއާ ދެކޮޅަށް ކަނޑުމަތީގެ ބްލޮކޭޑެއް ނުވަތަ ހިސާރުކުރުމެއް ހިންގާނެ ކަމަށް މި މަހުގެ 20 ވަނަ ދުވަހު ހޫތީން އިއުލާންކޮށްފައި ވަނިކޮށެވެ. ހޫތީން ބުނި ގޮތުގައި އެ ފިޔަވަޅަކީ ސައުދީން ޔަމަނު ހިސާރުކޮށްފައި އޮތް އޮތުމަށް ރައްދުދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ނަމަވެސް ސައުދީން ވަނީ ޔަމަނު ހިސާރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
ބްލޮކޭޑް އިއުލާންކުރުމަށްފަހު، ރަތް ކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުތަކަށް ހަމަލާދީފައިވާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ. މީގެ ރައްދުގައި ސައުދީން ވަނީ ޔަމަނުގެ ހުދައިދާ ބަނދަރުގައި ހުރި ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ސައުދީން ބުނި ގޮތުގައި އެ މަރުކަޒުތަކަކީ ވިޔަފާރި އުޅަނދުތަކަށް ނުރައްކާކުރުމަށް ހޫތީން ބޭނުންކުރަމުންދިޔަ ތަންތަނެވެ.
މީގެ އިތުރުން، ރަތް ކަނޑުގެ ދެކުނުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކުން ފީއެއް ނެގުމަށް ހޫތީން ވިސްނަމުންދާ ކަމަށްވެސް ސަރަހައްދީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ފީ ނަގަން ރާވާފައިވަނީ ރަތް ކަނޑާއި ގަލްފް އޮފް އެޑެން ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކުންނެވެ. ނަމަވެސް މި ފީ ނަގަން ފަށާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް