މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ފައިސާ ހަމަޖެއްސައިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި މިރޭވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ޗައިނާގެ އެހީގައި ކުރިއަށްދާ މާލޭގެ މަގު ހެދުމުގެ ބޮޑު މަޝްރޫއު ފެށެންވާއިރަށް ނިންމާލުމަށް ސަރުކާރުން ބާރުމިނުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޭރު މަގު ރިންގް ރޯޑްގެ ގޮތުގައި ފުރިހަމަކުރުމުގެ މަސައްކަތަކީ އެ މަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި މަސައްކަތެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮތުމަށްފަހު، އަލުން މި މަސައްކަތް ފެށީ މި ސަރުކާރުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ހަމަ ޔަގީނުންވެސް މި ސަރުކާރުން މާލޭގައި މި ހިންގި މަގު ހެދުމުގެ މަޝްރޫއުތަކަކީ މި ސަރުކާރު އައިސްގެން، އިނީޝިއޭޓް ކުރެވިގެން، ފައިސާ ހަމަޖައްސައިގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއް" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރުވެސް އާރްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، މާލޭގެ ބޮޑެތި މަގުތައް ހެދުމަށް މަސައްކަތް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް އެންގުމަކާ ނުލައި އެ މަޝްރޫއު ހުއްޓާލައި، އެކަން ކުރިއަށް ގެންދެވޭނެ މަގެއް ދައްކާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ މި ސަރުކާރުން އިސްނަގައިގެން ފައިސާ ހަމަޖައްސައިގެން ހިންގާ މަސައްކަތްތަކެއް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނިންމުމުގެ މަސައްކަތް ބައިބަޔަށް ބަހާލައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ކުރިން ބާޒާރު މަތީގެ މަސައްކަތް ނިންމާލާފައިވާއިރު، އެންމެ ފަހުން ނިންމާލެވުނީ ނަސަންދުރާއިން ފެށިގެން އިއްޒުދީނާ ހަމައަށް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގައި ބޮޑެތި ލުއިތަކެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ ހިމެނޭ ސަރަހައްދު ނިމުމާއެކު، މާލެ ވަށައިގެން ދެ ލޭނުން ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއަށް ވެދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން އެކަނި މިކަން ނުކުރެވޭނެތީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއަށް އެދިވަޑައިގަތުމުން އެ އެހީ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޗައިނާގެ އެހީގައި ހިންގާ މާލޭގެ މަގު ހެދުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.