ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއް އިރާގުގެ ސަރަހައްދުން ފޮނުވާލާފައިވާ ކަމަށް ސައުދީން ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ހޯމަ ދުވަހު އަންގަވައިފިއެވެ.
އިރާގުގެ އަސްކަރިއްޔާގެ ތަރުޖަމާނު ސަބާހް އަލް-ނުއުމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ސައުދީގެ ދިފާއީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައިވާ ކަންކަން ތަހުގީގުކުރުމަށް ކަމާބެހޭ ސަލާމަތީ އިދާރާތަކަށް ބޮޑުވަޒީރު ވަނީ އަންގަވާފައެވެ. އަދި އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސައުދީއާއެކު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށާއި، އެ ގުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށްވެސް އިރާގު ސަރުކާރުން ވަނީ ބުނެފައެވެ.
މި ހަމަލާތަކަކީ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ދިން ހަމަލާތަކެއް ކަމަށް ސައުދީން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، “އިސްލާމިކް ރެސިސްޓެންސް އިން އިރާގު” އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސައުދީގެ ތުހުމަތުތަކަކީ ޔަމަނުން ދެމުންގެންދާ ހަމަލާތަކަށް ރައްދުދިނުމުގައި ސައުދީ ނުކުޅެދިފައިވާކަން ފޮރުވުމަށް ދައްކާ ބަހަނާއެކެވެ. އަދި އިރާގާ ދެކޮޅަށް ސައުދީން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، އޭގެ ރައްދު ހަރުކަށިކޮށް ދޭނެ ކަމަށްވެސް އެ ޖަމާއަތުން ވަނީ އިންޒާރުދީފައެވެ.
ސައުދީން ބުނެފައިވާ ގޮތުގައި، އިރާގުގެ ސަރަހައްދުން ފޮނުވާލި ޑްރޯންތަކެއް ވަނީ ސައުދީގެ އިރުމަތީ ސަރަހައްދުގައިވާ ތެޔޮ އުފައްދާ މަރުކަޒުތަކަށާއި ވެރިރަށް ރިޔާޒަށް އަމާޒުކޮށްފައެވެ. ނަމަވެސް އެ ހަމަލާތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް އެ ގައުމުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ސައުދީގެ ހާރިޖީ ވުޒާރާއިން ވަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުން ހުއްޓުވުމަށް އިރާގު ސަރުކާރަށް ގޮވާލާފައެވެ. މި މައްސަލައިގެ ތަހުގީގު އިރާގުގެ ސަލާމަތީ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
އިރާގު
އިރާގު
އިރާގު
އިރާގު
ކޮމެންޓް