ބޭހާބެހޭ އާ ގަވާއިދެއްގެ ދަށުން، އާންމު ވިޔަފާރިކުރާ ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާތައް ހިމެނޭ ބާވަތްތައް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭސް ވިއްކުމުގެ ނިޒާމު ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާކުރުމުގެ މަގުސަދުގައި އެކުލަވާލި ގަވާއިދެކެވެ.
ގިނަ އާންމު ފިހާރަތަކުގައި ވައިރަލް ރޯގާއާއި ހުން ފަދަ އާންމު ބަލިތަކަށް ބޭނުންކުރާ ބޭސްތައް ވިއްކުން އާންމުވެފައި އޮތް ނަމަވެސް، އާ ގަވާއިދުވާ ގޮތުން ބޭސް ވިއްކުމުގެ ހުއްދަ ނެތް އެއްވެސް ތަނެއްގައި ބޭހުގެ އެއްވެސް ބާވަތެއް ނުވިއްކޭނެއެވެ.
މީގެ އިތުރުން، އާންމު ވިޔަފާރިކުރާ ފަރާތްތަކުން އެމްއެފްޑީއޭގެ ހުއްދަނެތި ބޭހާއި ބޭހުގެ މާއްދާ ހިމެނޭ ބާވަތްތައް ރާއްޖެ އެތެރެކުރުމަކީ ވެސް މަނާކަމެކެވެ. އަދި ރީޓެއިލް ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހޯލްސޭލްކޮށް ބޭސް ވިއްކުމާއި، ބޭސް އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ހިދުމަތް ދިނުން ވެސް ގަވާއިދުގެ ދަށުން މަނާވާނެއެވެ.
ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، އިސްތިހާރުކޮށް ވިއްކުން ހަރުކަށިކޮށް މަނާ ބާވަތްތަކުގެ ތެރޭގައި އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި، ގަޑުބަޑުކޮށްފައިވާ ނުވަތަ ތައައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭސްތައް ހިމެނެއެވެ. އަދި، ކައުންޓަފީޓް ނުވަތަ ނަކަލު ބޭހާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެނިހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާ ބޭސްތައް ރާއްޖޭގައި ގެންގުޅުމަކީ ވެސް ބޮޑު ކުށެކެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކައް ފުރަތަމަ މަރުހަލާގައި ނަސޭހަތް ދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދެވޭނެއެވެ. ނަމަވެސް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10,000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ދޫކޮށްފައިވާ ހުއްދަ ދެ ހަފުތާއާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ އިތުރުން، ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތުދޭ ފަރާތްތައް ބްލެކްލިސްޓު ކުރުމުގެ ބާރު ވެސް މި ގަވާއިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބެއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
ކޮމެންޓް