ވިޓަމިންސް، އިލެކްޓްރޮލައިޓްސް އަދި މިނަރަލްސް ގިނައިން ހިމެނޭ ބުއިންތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދައެއް ނެތި އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިފަދަ ބުއިންތައް ފުޅާ ދާއިރާއެއްގައި ރާއްޖެ ގެނެސް އާންމު ފިހާރަތަކުން ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެނާޖީ ނުވަތަ ހައިޑްރޭޝަން ބުއިމެއްގެ ގޮތުގައި ލޭބަލްކޮށްފައި ހުއްޓަސް، އެ ބުއިންތަކުގައި ހިމެނޭ ބާވަތްތަކާއި މިންވަރަށް ނުބަލައި ކުޑަކުދިންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންވެސް އެ ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނީ ސިއްހީ ތަޖުރިބާކާރެއްގެ އިރުޝާދެއް ނެތި މިފަދަ ބުއިންތައް ބޭނުންކޮށްފި ނަމަ، ސިއްހީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށެވެ. އެ ބުއިންތަކުގައި ހިމެނޭ ވިޓަމިންތަކާއި އިލެކްޓްރޮލައިޓްސްގެ މިންވަރަށާއި، އެނާޖީ، ހައިޑްރޭޝަން، ސްޓެމިނާ އަދި މަސްލް ރިކަވަރީ ފަދަ ކްލެއިމްތަކަށް ބެލުމުން، މި ބާވަތުގެ ބުއިންތައް ގިންތިކުރެވެނީ ނިއުޓްރާސޫޓިކަލްސްގެ ގޮތުގައި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެހެންކަމުން ދެން މި ބުއިންތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ ނިއުޓްރާސޫޓިކަލްސް ރަޖިސްޓްރީ ކުރުމުގެ ގައިޑްލައިންގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ހޯދައިގެންނެވެ. ރަޖިސްޓްރީނުކޮށް އެތެރެކުރާ މި ބާވަތުގެ ބުއިންތައް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހިފެހެއްޓޭނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.