ވޭތުވެދިޔަ ސަރުކާރުތަކުގެ މި މުއްދަތުގައި އެންމެ ގިނަ މަޝްރޫއެއް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 590 މަޝްރޫއު ނިންމާފައިވާ ކަމަށެވެ.

"ކޮންޕެއާކޮށްލަމާ ހިންގަވާ މިދިޔަ ދެ ސަރުކާރުގެ މި މުއްދަތާ. ފުރަތަމަ ދެ އަހަރާ ދުވަސްކޮޅަކާ، ކޮންޕެއާ ކޮށްލާއިރުގަ މި ނިމިގެން ދިޔަ ސަރުކާރުގައި މި މުއްދަތުގައި ނިމުނީ 285 މަޝްރޫއު. އޭގެކުރީގެ ސަރުކާރުގެ ހަމަ މި މުއްދަތުގައި 321 މަޝްރޫއު. ނަތީޖާއިން އަޅުގަނޑު ވާހަކަ ދައްކާނީ،"ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރުވެސް 1635 މަޝްރޫއު ހިނގަމުންދާ ކަމަށާއި މިދިޔަ ސަރުކާރުގެ މި މުއްދަތުގައި ހިނގަމުން ދިޔައީ 414 މަޝްރޫއު ކަމަށެެވެ. އަދި އޭގެކުރީ ސަރުކާރުގެ މި މުއްދަތުގައި ހިނގަމުން ދިޔައީ 355 މަޝްރޫއު ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތް ޑެލިވާ ކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ކުރަނީ ހުރިހާ އެންމެންނަށް ހަމަހަމަކޮށް، ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި އިންސާފުވެރިކަމާއެކީ ލާމަރުކަޒީކޮށް." ރައީސް ވިދާޅުވިއެވެ.