މިއީ އެންމެ ގިނަ އަދަދަކަށް ބޭރުގެ މަންދޫބުން ބައިވެރިވާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި އިޒްރޭލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމަކާއެކު ގާތް ހާރިޖީ ގުޅުން ބާއްވަވާނެ ކަމަށެވެ. ހާއްސަކޮށް އަރަބި އަދި އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ އިފްތިހާލްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު ރާއްޖެ ވަޑައިގެންނެވުމުން ޝުކުރު ދަންނަވާ ކަމަށެވެ.

އޭގެ އިތުރުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން ވެސް މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފޮނުއްވެވީތީ އެގައުމުގެ ބޮޑުވަޒީރަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ވެސް 45 ގައުމަކުންނާއި އދ. ފަސް އޭޖެންސީއަކުން 113 ޑިޕްލޮމެޓުން މިފަހަރުގެ މިނިވަން ދުވަހުގެ ހަފްލާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ބޭރުގެ ފަރާތްތައް ބައިވެރިވާ މިނިވަން ދުވަސްކަން ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

އެކަމުންވެސް ދޭހަކޮށްދެނީ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ކަމަށާއި މި ހާރިޖީ ސިޔާސަތު ކާމިޔާބުވަނީ އެކުވެރި ހުރިހާ ދައުލަތްތަކާއި ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.