ހޯމަ ދުވަހުގެ ރޭގަނޑެވެ. ތަނާލް ތައްޔާރުވަމުން ދިޔައީ އެއާޕޯޓަށް ދިއުމަށެވެ. ނުވައެއް ޖަހާ އިރަށް ބަލާ އަންނާނެ ވާހަކަ ޒަރާރް އޮތީ ބުނެފައެވެ. އެހެންކަމުން ގަޑިއަށް ތައްޔާރުވާންވެގެން އަތްމަތި އަވަސްކޮށްލިއެވެ. ޝޯލްގައި ޕިން ހަރުކުރަން އުޅެނިކޮށް ފޯނުގެ ރިންގްގެ އަޑުއިވުނެވެ.

ތަނާލް ހިނގައިގަތީ އެނދު މަތީ އޮތް ފޯނު ނެގުމަށެވެ. އޭނަ ހީކުރީ ގުޅަނީ ޒަރާރް ކަމަށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް އަރާފައިވި ނަންބަރު ފެނުމާއެކު ތުންފަތުގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ. ނުދަންނަ ނަންބަރަކުން އޭނައަށް ގުޅާތާ މިހާރު އެއް ދުވަސް ވީ އެވެ. ފުރަތަމަ ލިބުނީ މެސެޖެކެވެ. ވާހަކަދައްކާލަން ބޭނުންވާކަމަށް ބުނެއެވެ. ދެން ފެށީ ގުޅާށެވެ. އެމީހެއްގެ ނިޔަތާ މެދު ސުވާލު އުފެދުމުން ތަނާލް ރައްދެއް ނުދިނެވެ. ފޯނެއް ވެސް ނުނެގިއެވެ. އެހިސާބުން ފާޑުފާޑުގެ މެސެޖުތައް ކުރަން ފެށިއެވެ. މެސެޖުކުރަމުން ދިޔަ މޭރުމުން ބިރުދައްކަން އުޅޭހެން ހީވުމުން، އެނަންބަރު ބްލޮކްކޮށްލިއެވެ. އުނދަގުލުން ސަލާމަތްވެދާނެ ކަމަށެވެ. އެހަނަސް ކަންތައްވީ ދިމާ އޭގެ އިދިކޮޅަށެވެ. އެހެން ނަންބަރަކުން އުނދަގޫކުރަން ފެށީއެވެ. ކޮންމެ ފަހަރަކު ނަންބަރު ބްލޮކްކުރާ އިރަށް މުޅިން އައު ނަންބަރަކުން މެސެޖުކޮށް ގުޅަން ފަށައެވެ. އެއިން ނަންބަރެއްގެ ވެރިފަރާތް ޑައިރެކްޓްރީން ބެލޭ ގޮތެއް ނުވިއެވެ.

ތަނާލް ހުރީ ބޮލަށް އުނދަގޫވެފައެވެ. އެމީހެއްގެ މަޤުސަދު އޭނައަށް ލަފާކޮށްލެވުނެވެ. އޭނައާއި ވާހަކަދައްކަން އުޅެނީ ނުނިޔަތެއްގައިކަން ޔަޤީންކުރެވުނެވެ. ގުޅަން ނޫނީ މެސެޖުކުރަން ގަޑިއެއްގަޑިއެއް ވެސް ނޯވެއެވެ. އެކަމާ ބައެއްފަހަރު ރުޅި އާދެވެއެވެ. ރައްދުދޭން ހިތަށް އަރައެވެ. އުނދަގޫނުކުރުމަށް ބުނަން ބޭނުން ވެއެވެ. އެހެން ވިޔަސް އެޚިޔާލު ދޫކޮށްލަނީ އެމީހަކަށް ހިތްވަރުދެވިދާނެތީއެވެ. ޖަވާބު ދީފިނަމަ އެކަމުގެ މާނަ ނުބައި ގޮތެއްގައި ނަގާފާނެއެވެ. އޭނަގެ ނަންބަރު ހޯދި ގޮތެއް ނޭނގިގެން ފިކުރުބޮޑުވިއެވެ.

ތަނާލް އަނެއްކާ ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ލައިލަކް ކުލައިގެ އަބަޔާއާއި ގުޅުވައިގެން އަޅާފައި ވަނީ ކަޅުކުލައިގެ ޝޯލް އެކެވެ. ލުއި މޭކަޕެއްކޮށްފައިވުމުން ތަނާލްގެ ޤުދުރަތީ ރީތިކަމަށް ދިރުން ގެނެސްދީފައި ވިއެވެ. ތުންފަތުގައި ޖައްސާފައިވަނީ މަޑު ރަތްކުލައެކެވެ. ލޮލުގައި އަޅާފައިވި އައިލައިނާއާއި ދިގު އެސްފިޔަތަކުގައިވި މަސްކާރާގެ ސަބަބުން މުށިކުލައިގެ ދެލޯ އިތުރަށް ފުރިހަމަކޮށްދެއެވެ. ތައްޔާރުވެލަމުން ލޯގަނޑަށް ފަހު ފަހަރަށް ބަލައިލެވުނެވެ. އަނެއްކާ ވެސް ފޯނު ރިންގްވާން ފެށިއެވެ. ތަނާލްއަށް ބުމަކައިރިކޮށްލެވުނެވެ. ހިތްހަމަނުޖެހުމާއެކު ފޯނު ކަނޑާލަން އުޅުނު ހިނދު ހަރަކާތްތައް މަޑުޖައްސާލެވުނީ ޒަރާރްގެ ނަން ފެނުމާއެކުގައެވެ. މޫނުގައިވި ނުރުހުމުގެ އަސަރަށް ނިމުންއައީ ސިކުންތޮކޮޅެއްގެ ތެރޭގައެވެ. ހިނިތުންވުމަކާއެކު މޫނު އުޖާލާކޮށްލައިފިއެވެ.

''ހެލޯ މައި ލަވް. ލިފްޓްގަ މިހިރީ، ދެން މިހާ ހިސާބަށް އައިސްފަ މަންމަމެންނާ މީޓްކޮށްލާފައެއްނު ދާންވާނީ...'' ޒަރާރް ބުންޏެވެ.

''އަވަހަށް އަދޭ، މަންމަ ހުންނަނީ ޒަރާރް ނައިސްގެން...'' ތަނާލްއަށް ހެވުނެވެ. އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުމެވުނު ތަނާ އެޕާޓްމެންޓްގެ ބެލް އަޅާލި އަޑު އިވުނެވެ. ތަނާލް އަވަސްވެގަތީ ދޮރުހުޅުވުމަށެވެ.

''މަންމަމެން ވީ ކޮޓަރީގަ، އެބަ ގޮވާލަން...'' ޒަރާރް ވަންނަން ބޮޑަށް ދޮރުހުޅުވާލަމުން ތަނާލް ވާހަކަދެއްކިއެވެ. ޒަރާރްއަށް އޭނަ ދިން އަވަސް ނަޒަރުން އެމޫނުގެ ތާޒާކަން ފާހަގަކުރެވުނެވެ. ތެތްކަމުގެ އަސަރު އެކުލެވިގެންވި އިސްތަށިގަނޑު އޮތީ މައްޗަށް ގެންގޮސް އަތުން ފުނާއަޅާފައެވެ. ބައެއް އިސްތަށިތައް ނިއްކުރިމައްޗަށް ފައިބާފައެވެ. ކަޅުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސުގައި ފެންނަ ގޮތް ވަރަށް ވެސް ފިރިހެންވަންތައެވެ. ގަމީހުގެ މަތިން ދެގޮށް ނައްޓާފައިވުމުން، ތަނަވަސް މޭމަތީގައި ތުނިކޮށް ފަޅާފައި ހުރި އިސްތަށިތައް ފެނެއެވެ. ހިތްފުރެންދެން ޒަރާރްއަށް ބަލައިލަން ތަނާލް ބޭނުން ވިއެވެ.

އެތެރެއަށްވަންނަމުން ޒަރާރް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އޭރު ދެޒުވާނުންނަށް ތިބެނުވީ ކައިރިކައިރީގައެވެ. ޒަރާރް ގާތްވެލުމާއެކު ތަނާލްގެ ނޭފަތުގައި ޖެހުނީ ލުއި ފިރިހެންވަންތަ ސެންޓެއްގެ ވަހެވެ. ވަގުތުން އެތެރެއަށް ނޭފަތް ނަމާލެވުނެވެ. ހާއްސަވެފައިވި އެވަހުން ހިތްހަމަޖެހުން އިހުސާސްކުރެވުނެވެ.

''ޑޯންޓް ޔޫ ލުކް ގޯޖިއަސް...'' ބޯއަރިކޮށްލަމުން ޒަރާރް ބުންޏެވެ. ބޮޑުވާއިނގިލި ތިރީތުންފަތުގައި ޖައްސާލަމުން ހިނިތުންވެލީ ތަނާލް ލަދުގެންފައިވާ މަންޒަރު ފެނުމުންނެވެ. ތަނާލްގެ އެފަރި އަދާތަކުން އޭނަގެ ހިތަށް ކުރުވާ ފުން އަސަރުތައް އެނގޭނެ ނަމައެވެ.

''ބިހޭވް، މަންމަމެން އެބައުޅޭ...'' ތަނާލް ބުނެލިއެވެ.

''އަހަންނަކަށް ނުފެނޭ...'' ޒަރާރް ބުންޏެވެ.

''ދެން...'' އަތުގެ ނުފުށުން ޒަރާރްގެ މޭގައި ޖަހާލަމުން ތަނާލް ބުނެލިއެވެ. އެވަގުތު ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ. އެއަށްފަހު އޭނަގެ ގާތަށް ތަނާލް ގެންނަމުން އެދެމެދުގައި އޮތް ދާއިރާ ކުޑަކޮށް ހަނިކޮށްލިއެވެ.

''މެރީ ކުރިމަ ތިހާ ލަދުން އުޅެގެން ނުވާނެ އިނގޭ...'' ތަނާލްގެ ކޯތާފަތަށް ފުމެލަމުން ޒަރާރް ދުރަށް ޖެހިލިއެވެ.

ޒަރާރް ގޮސް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. އެމަންޒަރު ބަލަން ހުރެފައި ތަނާލް ހިނގައިގަތީ މަންމަމެންނަށް ގޮވާށެވެ. މަންމަގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ޒަރާރް އައިސް ހުރި ވާހަކަ ބުނެލިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ގޭގައި އަޅާ ބޮޑު ބުރުގާއަޅައިގެން ސުމައްޔާ ނިކުތެވެ. ސުމައްޔާގެ ފަހަތުން ހާރޫން ވެސް އައެވެ.

''ދަރިފުޅަށް ދޭން ކޮފީއެއް ގެންނަންތަ؟...'' ޒަރާރް ފެނުމާއެކު މެހުމާންދާރީއަދާކުރަން ސުމައްޔާ އަވަސްވެގަތެވެ. ވާން އުޅޭ ދަނބިދަރިފުޅަށްވުމުން ހާއްސަ ކުލުނެއް ސުމައްޔާގެ ހިތުގައި އޮތެވެ.

''ނޫނޭ މަންމާ، އެއާޕޯޓަށް ގޮއްސަ ތަނޫއާ އެކީގަ ކޮފީއެއް ބޯލާނީ...'' ޒަރާރް މަނާވެގަންނަމުން ތަނާލްއަށް ބަލައިލިއެވެ.

''ތިވެސް ރަނގަޅު ޚިޔާލެއް...'' ސުމައްޔާ ބުންޏެވެ. ''ކޮން އިރަކުތަ ފްލައިޓްޖައްސަން އޮތީ؟...''

''ނުވަގަޑި ފަންސާހުގަ...'' އަތުކުރީ އޮތް ގަޑިއަށް ބަލަމުން ޒަރާރް ޖަވާބު ދިނެވެ.

''ގިނަ އިރެއް ނެތްދޯ...'' ހާރޫން ބުނެލިއެވެ.

''ލައްބަ، އެކަމަކު މަންމައާއި ބައްޕައާ ބައްދަލުކޮށްލާފަ ނޫނީ ދާހިތެއް ނުވި...'' ޒަރާރް ބުނެލިއެވެ.

''ހާދަ ރަނގަޅޭ، ދަރިފުޅު ފެނުމުން މަންމަ ހާދަ އުފާވެއްޖެޔޭ...'' ސުމައްޔާގެ އަޑުން އޭނަ އުފާވެފައިވާ މިންވަރު ހާމަކޮށްދިނެވެ.

ތަނާލްއަށް ފާހަގަ ކުރެވުނެވެ. އޭނަގެ މައިންބަފައިންނާ ޒަރާރްއާ ދެމެދު އޮތް ހާއްސަ ގުޅުން ނަގައިގަނެވުނެވެ. އެގުޅުން ދަމަހައްޓަން ޒަރާރް ބަހައްޓާ އަހަމިއްޔަތުކަން ވެސް ފެނުނެވެ. އެކަމުން ތަނާލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހުރިހާ ގޮތަކުން ބެލިޔަސް ޒަރާރްއަކީ ފުރިހަމަ ބައިވެރިޔެކެވެ.

*****

އެއާޕޯޓަށް ގޮސްފައި ފުރަތަމަ ދިޔައީ ކޮފީ ކްލަބަށެވެ. އެތަނުން ކޮފީއަކަށް އޯޑަރުކޮށްލަމުން ކައުންޓަރު ދޫކޮށް ދާން އުޅުނު ޒަރާރްގެ ލޮލުގައި ބްލޫބެރީ ޗީޒްކޭކް އަޅައިގަތެވެ. ތަނާލްއަށް ކަމުދާ އެއްޗަކަށް ވުމުން އޯޑަރަށް އިތުރުކޮށްލިއެވެ. އެއަށްފަހު ތަނާލް އިން މޭޒު ކައިރިއަށް ޒަރާރް ހުއްޓުނެވެ.

''ކޮފީ ބޯލައިގެން އެކޮޅަށް ދެވޭއިރަށް ދައްތަމެންނަށް ނިކުމެވޭނީ...'' ގޮނޑީގައި އިށީންނަމުން ތަނާލްއަށް ޒަރާރް ބަލައިލިއެވެ. ފޯނާއި ކުޅެމުން ދިޔަ ތަނާލްގެ މޫނުން ފާޅުވަމުންދާ ނުރުހުމުގެ ކުލަވަރުތަކުން ޒަރާރްއަށް ލިބުނީ ހައިރާންކަމެވެ. ފޯނުން ފެނުނު އެއްޗަކުން ތަނާލްގެ ތަބީއަތަށް އައި ބަދަލު ޒަރާރްއަށް ފެނުނެވެ. އެހެންކަމުން ތަނާލްއަށް ގޮވާލީ ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށެވެ.

''ހޫމްމް؟...'' ޒަރާރް ގޮވާލުމުން ތަނާލް އިސްއުފުލައިލިއެވެ. މޭޒު މަތީ ފޯނު ބާއްވަމުން އޭނަގެ ސަމާލުކަން ޒަރާރްއަށް ހުއްޓާލިއެވެ.

''ހާދަ މޫޑް އޮފްވެފަ ހުރިހެން ހީވެޔޭ... މިގަޑީގަ ކްލައިންޓެއްގެ މެސެޖެއް ލިބުނީތަ؟...'' ޒަރާރް އެހިއެވެ.

އޭނައަށް އައި ބަދަލު ފަސޭހަކަމާއުގެ ޒަރާރް ދެނެގަތުމުން ތަނާލް ހައިރާނެއް ނުވިއެވެ. އެއީ ދެޒުވާނުންގެ ދެމެދުގައި އޮތް ގުޅުމުގެ ފުރިހަމަކަން ހާމަކޮށްދިން ކަމަކަށް ވާތީއެވެ. ޒަރާރްއަށް އެއްވެސްކަމެއް ސިއްރުކުރަން ތަނާލް ބޭނުމެއް ނުވެއެވެ. ލިބެމުން އަންނަ އޮތް ނޭނގޭ ފޯނުކޯލްތަކުގެ ވާހަކަ ޒަރާރްއާއި ހިއްސާކުރަން ތަނާލް ހުރީ ގަސްދުކޮށްގެންނެވެ. ބޮޑު ކަންތައްގަނޑަކަށް ވުމުގެ ކުރިން އެކަމަށް ހައްލެއް ހޯދަން އެބަޖެހެއެވެ. ރަހުމާމެން އަންނަން ވާއިރަށް އޮފީހުގެ މަސައްކަތްތައް ހަމައަކަށް އަޅުވަންވެގެން ޒަރާރް އުޅުނީ ބުރަކޮށެވެ. އެހެންކަމުން އެވާހަކަ ހިއްސާކުރާނެ ފުރުސަތެއް ނުލިބުނީއެވެ.

''ފާޑެއްގެ ނަންބަރަކުން އުނދަގޫކުރާތީ މިއުޅެނީ...'' ފޯނު ހުޅުވާލަމުން ލިބިފައިވި މެސެޖުތައް ތަނާލް ދައްކާލިއެވެ.

ތަނާލްގެ ފޯނަށް ޒަރާރްގެ ނަޒަރު ހުއްޓުމާއެކު ބުމަގޮށްޖަހާލެވުނެވެ. ނުރުހުމުގެ ޝުއޫރުތައް ޒަރާރްގެ ދެލޮލުން ފާޅުވިއެވެ. އެބުނާ ނަބްރަކުން ގުޅާފައި ހުރި އަދަދު ފެނުމުން ވަކިން ބޮޑަށް ރުޅި އާދެވުނެވެ. އެފަދައިން ތަނާލްއަށް ފުރައްސާރަކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް އޭނަ ނުދޭނެއެވެ.

''އަންލިސްޓެޑް ނަންބަރެއް ކަމަށް ވަނީ... މިހާރު ދެ ނަންބަރެއް ބްލޮކް ކޮށްފިން، ބްލޮކް ކުރާއިރަށް އެހެން ނަންބަރަކުން ގުޅަން ފަށާ...'' ހިތުގެ އުދާސްތައް ޒަރާރްއާއި ތަނާލް ހިއްސާކުރިއެވެ.

''އެލޯ މީ ޓު ހޭންޑްލް ދިސް، ތަނޫ އެކަމާ ނުވިސްނައްޗޭ...'' ޒަރާރް އެދުނެވެ. ތަނާލްގެ ފޯނުން ގުޅުމުގެ ބަދަލުގައި އަމިއްލަ ފޯނުން އެނަންބަރަށް ޒަރާރް ގުޅިއެވެ. ޖަވާބެއް ނުލިބުނެވެ. ގަސްދުގައި ފޯނު ނުނެގިކަން އެނގުމުން މެސެޖެއް ފޮނުވިއެވެ. އިތުރަށް ނުގުޅުމަށާއި އެކަންތައް ހުއްޓާނުލައިފިނަމަ ޕޮލިހަށް ރިޕޯޓްކުރާނެ ކަމަށް ބުނެއެވެ.

''އެކަންތައް ނިމުނީއޭ، މާ ބޮޑަށް ނުވިސްނާ...'' ޒަރާރް ހިތްވަރުދިނެވެ. އަޑުގައިވަނީ އޯގާތެރިކަމެވެ. އޯޑަރުކުރި އެއްޗިސް ހިފައިގެން ވެއިޓަރު އައީ އެދަނޑިވަޅުގައެވެ. ވެއިޓަރު ދަންދެކަށް ޒަރާރް ވާހަކަ މެދުކަނޑާލިއެވެ. ކޮފީއާއި ޗީޒްކޭކް ބަހައްޓަމުން އިތުރު އެއްޗެއް ބޭނުންތޯ ވެއިޓަރު ސުވާލުކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ޒަރާރް މަނާ ވެގަތެވެ. އަދި ވެއިޓަރުގެ ހިދުމަތަށް ޝުކުރުއަދާކޮށްލިއެވެ.

''ނައު ސްމައިލް، ތަނޫގެ ފޭވްރިޓް ޑެޒާޓް ވެސް ގެނެސްދިނީތާ، މެރީ ކުރަންވާއިރަށް އެބަޖެހޭ ބޭކިން ކޯހެއްގަ ބައިވެރިވާން...'' ޒަރާރް ބުންޏެވެ.

''ރިއަލީ؟...'' ތަނާލްއަށް މަޖާކަމަކަށްވިއެވެ..

''އޮފްކޯޒް، އަހަރެން ބޭނުން ތަނޫއަށް ފޮނިއެއްޗިސް ތައްޔާރުކޮށްދޭން، އަހަރެން ކިޔުނު އާޓިކަލްއެއްގަ އޮތް ހަޒްބެންޑް ކައްކާ އެއްޗެހީގަ ރަހަ މާބޮޑަށް މީރުވާނެކަމަށް، ލޯބި އިތުރުވާނެކަމަށް، އެހެންވީމަ ޓްރައިކުރަން ވާނެއެއްނު...'' ސީރިޔަސް ރާގަކަށް ޒަރާރް ބުންޏެވެ.

''ނޮޓް ބޭޑް...'' ތަނާލްއަށް ހެވުނެވެ. ރުޅި ފިނިވެ ޒަރާރްގެ ލާނެއް ސަމާސާތަކުން ތަނާލް ހެއްވާލުމުގައި ކާމިޔާބު ހޯދިއެވެ. ޒަރާރް ހުރެއްޖެނަމަ ކޮންމެ ކަމަކާއި ވެސް ސާބިތުކަމާއެކު ކުރިމަތިލެވޭނެކަމުގެ ޔަޤީންކަން ލިބުނެވެ.

''އަވަހަށް ކޯހުގަ ބައިވެރިވައްޗޭ، އޭރަށްތާ ރެޑީ ވެވޭނީ...'' ޗީޒްކޭކުން އެތިކޮޅެއް ކަމުން ތަނާލް ބުންޏެވެ.

''އައިމް ސީރިޔަސް...'' ބޯޖަހާލަމުން ޒަރާރް ބެނެލިއެވެ.

''އެނގިދާނެތާ...'' ތަނާލް ބުންޏެވެ. އެފަދަ ވާހަކަތަކުގެ ތެރެއިން ކޮފީ ނިމުނެވެ. ޓާމިނަލް އެކަކަށް ދިއުމަށް ދެޒުވާނުން ހިނގައިގަތެވެ. ލުއި ހިނިތުންވުމަކާއެކު ތަނާލްގެ އަތުގައި ހިފުމުގެ ހުއްދައަކަށް ޒަރާރް އެދުނެވެ. ތަނާލް އެދައުވަތު ޤަބޫލުކުރިއެވެ.

*****

ޓާމިނަލްގެ ބޭރުގައި ހުރި ބެންޗުގައި ތިއްބާ ރަހުމާއާއި އަލީ ނިކުތެވެ. ޒަރާރް ފެނުމާއެކު ރަހުމާ އަތުން ހަނާ އަޅާލިއެވެ. ޓްރޯލީ ކޮއްޕަމުން ނިކުތް އަލީ ވެސް ރަހުމާގެ ފަހަތުން ހިނގައިގަތެވެ.

ރަހުމާއަށް ޒަރާރްގެ ގައިގައި ބައްދާލެވުނެވެ. ދުވަސްގަނޑެއް ފަހުން ޒަރާރްއާއި ބައްދަލުވުމުން ރަހުމާ ހުރީ ޖަޒުބާތީ ވެފައެވެ. ބާރަށް ބައްދައިލެވުނީ އެހެންވެގެންނެވެ.

''ނޭވާ ނުލެވޭ...'' ކުކުރާލާ އަޑަކުން ޒަރާރް ބުންޏެވެ. އެއާއެކު ޒަރާރްއާއި ދުރަށް ރަހުމާ ޖެހިލިއެވެ. ޒާރާރްގެ ލާނެއްކަމާ ހުރެ ރަހުމާއަށް ބޯހޫރާލެވުނެވެ.

ތަނާލްއަށް ރަހުމާ ބަލައިލީ ފުރިހަމަ ހިނިތުންވުމަކާއެކުގައެވެ. ހަމަ ލޮލަށް ތަނާލް ފެނުމުން ކުރިއަށް ވުރެން ވެސް ރީއްޗޭ ރަހުމާގެ ހިތަށް އެރިއެވެ. ތަނާލްގެ ކޯތާފަތުގައި އަތްތިލަ ޖައްސާލީ ލޯތްބާއެކުގައެވެ. އެއަށްފަހު ޒަރާރްއަށް ވެސް ރަހުމާ ބަލައިލިއެވެ. ހިތާހިތުން ދުޢާކުރެވުނީ އެދެކުދިންނަށް ދުނިޔޭގެ ހުރިހާ އުފަލެއް މިންވަރުކޮށްދެއްވުމަށް އެދިއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކުންނާއި ފިތުނަވެރިންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދިއެވެ. އެސްފީނާވެރިންގެ ކެހިވެރި ނަޒަރުން ރައްކާތެރިކޮށްދެއްވުމަށް އެދި ވެސް ދުޢާކޮށްލިއެވެ.

އަލީ ވެސް ތަނާލްއާއި ވާހަކަދެއްކިއެވެ. ޒަރާރްގެ މޫނުން ފާޅުވަނީ އުފާވެރިކަމުގެ އިންތިހާއެވެ. ކުއްލިޔަކަށް ސިކުނޑީގެ ކަނެއްގައި އާލާވަގެން އައި ޚިޔާލަކުން އެއުފާވެރިކަން ފަނޑުކޮށްލިއެވެ. މަންމަ ދުނިޔޭގައި ހުރި ނަމައޭ ޒަރާރްގެ ހިތަށް އެރިއެވެ. އޭރުން އޭނަގެ އަލަތު ލޯތްބާއި ކައިވެނީގެ އުފާވެރިކަން މަންމައާއި ހިއްސާކުރެވުނީހެވެ. މަންމަގެ ޚިޔާލު ހުރި ގޮތެއް ހޯދާލެވުނީހެވެ. ޚިޔާލުތަކުގެ ފުންކަނޑުގެ ވާދީގެ ތެރެއަށް ގެއްލުމާއެކު ޒަރާރްގެ ހިތުގައި ރިހުމެއް އުފެދުނެވެ. މަންމަގެ ވަކިވުމުން ލެވިފައިވި އެވޭނާއި ތަދަށް ދުވަހަކު ނިމުމެއް އަންނާނެ ހެނެއް ހިޔެއްނުވެއެވެ.

''ދަރިފުޅާ... ޒަރާރް...'' ޒަރާރްގެ ގާތަށް ޖެހިލަމުން ރަހުމާ ގޮވާލިއެވެ. ''ކިހިނެއްތަވީ؟... ހާދަ ދެރަވެފަ ހުރިހެން ހީވެޔޭ...''

''މަންމަ މަތިން ހަނދާންވީ...'' ސިއްރުކުރުމެއް ނެތި ޒަރާރް ބުންޏެވެ. އެއާއެކު ޒަރާރްގެ ގައިގައި ރަހުމާ ބައްދާލިއެވެ. އޯގާތެރިކަމާއެކު ޒަރާރްގެ ބުރަކަށީގައި ފިރުމާލަމުންނެވެ.

''ދަރިފުޅު ދެރަނުވޭ، ދަރިފުޅުގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް ތަނޫ ކަމުދާނެ، ތަނޫ ދެކެ ވަރަށް ބޮޑަށް ލޯބިވާނެ...'' ރަހުމާ ބުންޏެވެ.

ޖަޒުބާތުގައި ބެހެވުމުން ޒަރާރްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެސްފިޔަތައް ތަޅުވާލެވުނީ ކަރުނައިގެ ދިލަކަން ފާޅުވާން ފެށުމުންނެވެ. އޭނައަށް އައި ބަދަލުން ތަނާލް ކަންބޮޑުވެފައި ހުރި މަންޒަރު ޒަރާރް ދުށްޓެވެ. އަވަސްވަހަށް ޒަރާރް ހިނިތުންވެލިއެވެ. ތަނާލްއާއި ހަތަރުކަޅިހަމަކޮށްލަމުން އޭނަ ރަނގަޅުކަމުގައި ބުންޏެވެ. ބަހުގެ ޔަޤީންކަން ދެމުންނެވެ.

*****

ނިދަން ތައްޔާރުވެގެން އެނދުގައި އަޒީލާ އިށީނެވެ. އޭރު މަސްރޫރު ކޮޓަރީގައި ނޫޅެއެވެ. ގެއަށް އައި މެހެމާނުންނަށް މަރުޚަބާ ކިޔަން މަސްރޫރޫ ވީ ބޮޑު ކޮޓަރިއަށް ގޮހެވެ. އެއީ ސުލްހަ ޤާއިމުކުރަން މަސްރޫރު އެޅި ފުރަތަމަ ފިޔަވަޅެވެ. އެކަމާ އަޒީލާ ހުރީ ފޫހިވެފައެވެ. ތުންއަނބުރާލަމުން އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. މޭގައި ދެއަތް ހުރަސްކޮށްގެން އަޒީލާ އިނީ ވިސްނުމެއްގައެވެ.

''ހިތުން ރަހުމާއާއި އޮތް ގުޅުން ރަނގަޅުވާނެ ކަމަށްތަ މަސްރޫރު ތިއުޅެނީ؟...'' އަޒީލާގެ ނަފުސު ދިޔައީ ހަސަދައިގެ ތެރޭގައި އަނދަމުންނެވެ. މަސްރޫރު ހީވަނީ އޭނަގެ ހަތުރެއް ހެންނެވެ. ދެން ހުރީ ޒަރާރް އެވެ. މާ ހިތްހެޔޮ މީހަކަށް ވާންވެގެން ކުޅެމުންދާ ތަމްސީލުތަކުން ވާފޫއްސެއްގެ ބޮޑުކަން ބުނެދެވޭނެ ހެނެއް ވެސް ހިޔެއް ނުވެއެވެ. ވިސްނަން ޖެހޭ ކަންތައް ގިނަވެ ސިކުނޑި ފަޅައިގެންދާން ކައިރިވެއްޖެއެވެ. ދައްޔާން ވެސް ހުންނަނީ އަޒީލާ ދެކެ ރުޅިއައިސްފައެވެ. ކުރީ ދުވަހު ބަދަލުކުރެވުނު ބަހުގެ ހޫނު ހަމަލާއަށްފަހު އަނގައިން ނުބުނެއެވެ. ފުސްމޫނަކާއެކުގައި ނޫނީ ބަލައި ނުލައެވެ. އެކަމުން އަޒީލާގެ މައިލަގޮނޑީގައި ލޭކޮށިގެން ގޮސްފިއެވެ. ދަރިފުޅާ ދެމެދު އޮތް ދުރުމިން ކަނޑައްތުކުރާނެ ގޮތެއް ނޭނގި މުޅި މީހާ ވަނީ ހާސްވެފައެވެ. ވިސްނާވިސްނާ ވެސް އޭނަ ދެކެ ދައްޔާން ރުޅި އަންނަންޖެހުނު ސަބަބެއް ނޭނގުނެވެ.

ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށް މަސްރޫރު އަތުވެއްޖެއެވެ. މަސްރޫރަށް އަޒީލާ ބަލައިލިއެވެ. މަސްރޫރުގެ އިހުސާސްތައް ދޭހަކުރަން އަޒީލާ ނުކުޅެދުނެވެ. އެއްއިރެއްގައި ވެސް އެކަމަށް އޭނަ ކުޅަދާނައެއް ނޫނެވެ. އޭނަ ބޭނުންވީ މަސްރޫރުގެ މުދަލާއި ފައިސާއެވެ. ލޯބި ވެވުނީ ދުނިޔޭގެ އަރާމާއި ލައްޒަތަށެވެ. ހިތުން ޖާގަ ހުސްކުރީ މުއްސަނދި ދިރިއުޅުމަކަށެވެ. ކަތުރުފަންޏަކަށްވެ ޒާރާއާއި މަސްރޫރުގެ ދިރިއުޅުން އިންދިރާސްކޮށްލީ އަމިއްލަ މުހުތާދުތައް ހާސިލް ކުރުމަށެވެ. ލޯބީގެ ދަންމަޅި މަސްރޫރުގެ ކަރަށް ބާރުކޮށްލައި އޭނަގެ ހުރިހާ އެދުމެއް އަޒީލާ ފުރިހަމަކުރިއެވެ. އޭނަ ދެކެ މަސްރޫރުވި ލޯބި އިމްތިހާނުކުރުވިއެވެ. ފިރިމީހާއަށް ފުރިހަމަކޮށްދޭން ޖެހޭ ޒިންމާތައް އަދާނުކުރެވުނުކަމުގެ ހިތި ރަހަ މިހާރު ރަނގަޅަށް ވެސް ކަރުބުޑަށް ފޭދިއްޖެއެވެ. ނަމެއްގައި އޮތް ގުޅުމަކަށް ވެއްޖެއެވެ. އޭނައަށް މަސްރޫރު ބަލައިލަނީ ވެސް ނުރުހުމާއެކުގައެވެ. މަސްރޫރުގެ މައްޗަށް އޮތް ބާރު ވެސް ގެއްލިއްޖެއެވެ.

''އެހާ ވަރުން ދިޔައީމަ ވެސް ވީކަމެއް ނެތް ދޯ؟، މަސްރޫރު ހީކުރަނީތަ ރަހުމާ މަޢާފްކޮށްފާނެޔޭ؟... އެހެންވެގެންތަ ދިޔައީ؟...'' އަޒީލާގެ އަޑުގައި ވަނީ މަލާމާތެވެ.

ފާޚާނާއަށް ވަންނަން އުޅުނު މަސްރޫރު މަޑުޖެހިލިއެވެ. އަޒީލާއަށް އޭނަ ބަލައިލީ ހިތްހަމަނުޖެހުމާއެކުގައެވެ.

''ކުށެއް ކުރެވި މަޢާފް ހޯދަން އުޅޭ މީހާއަށް ވުރެން، ކުށްކުރެވި އެކުށް އިހުސާސްނުވާ މީހާއާ މެދު ހިތާމަކުރަންޖޭނެހެން އަހަންނަށް ހީވަނީ، ނޫންތަ؟...'' މަސްރޫރު ރައްދު ދިނެވެ.

''މަސްރޫރުގެ މައްސަލައަކީ ކޮބާތަ؟، މިއަދުތަ އަހަންނާ ދިމާއަށް އެއްޗެއް ބުނަން އެނގުނީ، ކުރިކަމެއްގައި މަސްރޫރުގެ ހިއްސާ ވެސް އެބައޮތް، ޒާރާއަށް އެހާލު ޖެއްސީ އަހަރެންތަ؟...'' އަޒީލާ ދެލޯއަޅައިގަތެވެ.

''ރަނގަޅު، ޒާރާއާ މެދު އެފަދައިން ކަންތައް ކުރީ އަހަރެން، މިއަދު ކުރެވުނު ކަންތަކާ މެދު އަހަރެން ދެރަވެ ލަދުގަނޭ... އެކަމަކު ބުނަން!، އަހަންނާ އަހަރެންގެ ދަރިފުޅާ ދެމެދު އޮތް ގުޅުން ހީނަރުވީ އަޒީލާގެ ސަބަބުން، ދެރައީ އެކަން ވިސްނެން އަހަންނަށް ވަގުތު ނެގީތީ...'' މަސްރޫރު ދިގު ނޭވާއެއް ދޫކޮށްލިއެވެ. ހިތާމައިގެ މައްޗަށް އަތްގަދަކުރަން ފެށީ ރުޅިވެރިކަމެވެ.

''ކޮންމެހެން އަހަރެންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން އުޅޭނެ ކަމެއް ނެތް، ކުރިކަމެއް ކުރީ މަސްރޫރު، ޒަރާރްއަށް ބައްޕައަކަށް ވާން ބޭނުންވިނަމަ އަހަރެން ބުނާ އެއްޗަކަށް ނޫނީ ނުފޫޒަކަށް މަސްރޫރު ބޯނުލަނބާނެ...... ޖަސްޓް ފޭސް އިޓް!، ޒަރާރް ބާކީ ކުރީ މަސްރޫރު!، ޒާރާއާ މެދު ކަންތައް ކުރި ރަހުމުކުޑަ ގޮތް ހަނދާންވުމުން އެދަރިފުޅާއި ކުރިމަތިލާން ނުކެރިގެނެއްނު ތިއުޅެނީ؟... މަސްރޫ ކުރަން އުޅޭކަމެއްކޮއްބަލަ، އަހަރެން ނޫޅެން ހުއްޓުވާކަށް... މުހިންމު މީހަކު ނަމަ ރަނގަޅޭ... ވަރަށް ފޫހިވޭ...'' މޫނުހަދައިގެން ހުރެފައި އަޒީލާ ބުނެލިއެވެ.

''ހަބަރުދާރު!، ޒާރާގެ ނަން ވެސް ތިދުލުން ބޭރުނުކުރާތި...'' މަސްރޫރު ދިނީ އިންޒާރެކެވެ.

''އައްދެ، ތިވަރުވާން އޭނަ ދުނިޔޭގެ ހުރި ނަމަވެސް ރަނގަޅޭ...'' މަލާމާތުގެ ހިނިގަނޑެއް ޖަހަމުން އަޒީލާ ބުނެލިއެވެ. އޭނަ އުޅުނީ މަސްރޫރުގެ ކެތްތެރިކަން އިމްތިހާނުކުރާށެވެ. އޭނަ ބޭނުންވާ ފަދައިން އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ. ކާމިޔާބު ލިބެނީ އޭނަގެ ދުޝްމަނުންނަށެވެ. އެމަންޒަރު ބަލަން ހިމޭނުން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟

''އަޒީލާ...'' ލަފުޒުތަކަށް ބާރަލަމުން މަސްރޫރު ގޮވާލިއެވެ. އަޒީލާގެ މިޒާޖު ރަނގަޅަށް ދަސްވެފައި ވިޔަސް ހިމޭނުން ހުންނަން އުނގަވޫވީއެވެ.

''ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް، އަހަރެން ބޭނުމެއް ނޫން އަޒީލާގެ ފަރާތުން އެއްވެސްކަމެއް ފެންނަން... ހާއްސަކޮށް ރަހުމާއާއި ދިމާއަށް އެއްޗެއް ބުނެގެން ނުވާނެ، ޒަރާރް ބޭނުންވަނީ ކައިވެނީގެ ތައްޔާރީތަކުގަ އަޒީލާ ބައިވެރިކުރަން، އެހެންކަމުން އެފުރުސަތު އަހަރެން ދޭނަން، އެކަމަކު އެއްވެސް ކަމެއްގައި މައްސަލަ ބޮޑުކުރަން ނޫޅޭތި، ޒަރާރްގެ މަންމަގެ މަޤާމުގައި މިއަދު އަޒީލާ ހުރީތީ އަޒީލާއާ މެދު ޒަރާރް ދެކެނީ ކިހާ ރަނގަޅަށް؟، ހިތްބުރަކަމެއް ބާއްވަން ބޭނުމެއް ނުވޭ، އެއީ ކިހާ އުނދަގޫވާނެކަމެއްކަން އަޒީލާއަށް ނޭނގެނީތަ؟، ނޫނީ ގަސްދުގަ ނުފެންނަ ކަމަށް ހަދަނީތަ؟... ޒަރާރް ބާކީކުރަން އުޅުނަސް އެކަމެއް ނުވާނެ... ވަރަށް ރީއްޗަށް މި ބުނަނީ!... އަޒީލާ ތިހާ ލޯބިކުރާ މުއްސަނދި ދިރިއުޅުމާ ދުރަށް ދާން ބޭނުންތަ؟... އެހެންވިއްޔާމު އެކަން އަހަރެން ކޮށްދީފާނަން، އަހަރެންގެ އަންބެއްގެ މަޤާމުގައި ތިހުންނަނީ ދައްޔާންގެ މަންމައަށް ވީތީ، އެއިހުތިރާމަށް އުނިކަމެއް ނުގެންނަން ވެގެން... އެކަމަކު އަހަންނަށް މަޖުބޫރުކޮށްފިނަމަ ވަރިކުރަން އަހަރެން ފަހެއް ނުޖެހޭނަން، ދައްޔާނު ވެސް އެހުރީ ބޮޑުވެފަ، އޭނައަށް ވިސްނޭނޭ...'' ފަހު ބަސް އިއްވާލުމަށްފަހުގައި މަސްރޫރު ވަނީ ފާޚާނާ އަށެވެ.

އަޒީލާ ހުރީ އޭނަގެ ގޮތުގައެވެ. ދެލޯ ހަދައިގެން މަސްރޫރަށް ބަލާށެވެ. އެއިންޒާރުން ކުޑަކޮށް ބިރުގަތަސް މަސްރޫރަށް އޭނަ ވަރިކުރުމުގެ ހިތްވަރު ނުލިބޭނެކަމަށް އަޒީލާ ނިންމިއެވެ. އެއީ އޭނަގެ ޒަމީރަށް ދެއްކި ބަހަނާއެކެވެ. ބޯހަރުކަމުގައި ހިފަހައްޓަންށެވެ. ތެދައް ބުނާނަމަ ދެމަފިރިންގެ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން މަސްރޫރު އޭނަ ވަރިކޮށްފާނެތީ އަޒީލާ ހުންނަނީ ލައްކަ ބިރުންނެވެ. އެދުވަހަކުން އޭނަގެ މުއްސަނދި ދިރިއުޅުމާއި ވައްޓަފާޅިއަށް ހިތި ނިމުމެއް އަންނާނެއެވެ. ރައްޓެހިން ކުރިމަތީ ވާނެ ބަދުނާމާއި ދެކެވޭނެ ވާހަކަތައް ސިފަކޮށްލެވުނަސް މީހާ ބިރުން ރޫރޫ އަޅައެވެ.

*****

''ކަލޭ މިހާރު ތިހުންނަނީ އަބަދު ހާޑް ވެފަ...'' ދައްޔާން އޭނަގެ ރައްޓެހިންނާއި ބައްދަލުކުރަން ދިއުމާއެކު ރައިހާން ސުވާލުކޮށްލިއެވެ. މިފަހަރު ދިޔައީ ޖައިލަމްގެ މައިންބަފައިން ޖައިލަމްގެ އުފަންދުވަހުގެ ހަދިޔާއަކަށް ދީފައިވާ ޕެންޓް ހައުސް އަށެވެ. އެއީ ހުޅުމާލެ ފޭސް ޓޫގައި ހުންނަ ލަގްޒަރީ އެޕާޓްމެންޓެއްގެ އެންމެ މަތީ ފަންގިފިލާއެވެ.

މުޅި މާހައުލުން ފެންނަނީ ފާހިޝް އަމަލުތަކަށް ދައުވަތު ދެމުންދާ މަންޒަރެވެ. ދުނިޔޭގެ ދަހިވެހތިކަމާއި ލައްޒަތުގައި ދެޖިންސުގެ ޒުވާނުން އާފިލުވަނީއެވެ. ލަދުހަޔާތުގެ ފޭރާން ވީދި ދުނިޔެއަށް ބޫތުކައިފައެވެ. އެނޫން ދުނިޔެއަށް އޮތްކަމުގެ ކުޑަ ވެސް ބިރެއް ނުވަތަ ޖެހިލުންވުމެއް ނުވެއެވެ. ހަވާނަފުސުގެ އަޅުންނަށްވެ ޝައިތާނީ ވަސްވާހުގައި ޒުވާންކަން ބޭކާރުކޮށްލެވޭކަމުގެ ހިލަމެއް ވެސް ނުވެއެވެ. އެއީ ހާދަހާ ހިތާމަވެރި މަންޒަރެކެވެ.

''މީ ކަލެއާ ހެދި ވާހާ ކަންތަކޭ...'' ރައިހާން އޭނަގެ ކޮނޑަށް ވައްޓާލި އަތް ފޮޅުވާލަމުން ދައްޔާން ބުނެލިއެވެ. ''ކަލޭ ބުނީ ބިރުދެއްކީމަ ވާނެޔޭ...''

''ކަލެއަށް ނުވީދޯ؟...'' ހިނިގަނޑެއް ޖަހަމުން ރައިހާން ބުނެލިއެވެ. އޭނައަށް ވީ މަޖާ ކަމަކަށެވެ.

''** **...'' ރައިހާން ގޮވައިގަތީ އަވަގުރާނެއެވެ.

''ޗިލް ބްރޯ، ވީ ގޮތެއް ބުނެބަލަ...'' ރައިހާން އަމާން ދިނެވެ.

ދައްޔާން ކިޔައެއް ނުދިނެވެ. އޭނަ ހުރީ ރުޅިއައިސްފައެވެ. ތަނާލްއާއި ވާހަކަދެކެވުނީކީއެއް ނޫނެވެ. ނުވީތާކަށް ޒަރާރްއަށް ހުރިހާ ވާހަކައެއް ތަނާލް ކިޔައިދީފިއެވެ. ޒަރާރްގެ ނަންބަރުން އޭނަގެ ވަގު ފޯނަށް އައި މެސެޖުން އެކަމަށް ހެކިދިނެވެ. ތަނާލްއާއި ޒަރާރް ދެމެދު އޮތީ އޭނަ ހީކުރި ފަދަ ގުޅުމެއް ނޫނެވެ. އެކަކު އަނެކަކަށް އިތުބާރުކުރަނީ އިންތިހާއށެވެ. ތަނާލްގެ ގާތުގައި ޒަރާރް ހުރިހާ ހިނދަކު އޭނަގެ ރޭވުމެއް ކާމިޔާބެއް ނުވާނެއެވެ. ބިރެއް ވެސް ނުދެއްކޭނެއެވެ. އެހެން މަގެއް ހޯދަން އެބަޖެހެއެވެ.

''ބްރޯ، ސްޓޮޕް އެކްޓިންގް ލައިކް އޭން އިޑިއަޓް... އެކަހަލަ ކަންކަމުގަ ޕޭޝަންޓް ވާން ޖެހޭނެ، އެއީ އިންސްޓެންޓްކޮށް ނުވާނެ ކަންތަކޭ... ޔޫ ހޭވް ޓު ބީ ޕޭޝަންޓް...'' ދައްޔާން ރުއްސަން ރައިހާން އުޅުނެވެ. ''ޕޭޝަންޓް ހަންޓާރ ގެޓްސް ދަ ބެސްޓް ކިލް...''

''ކައެއަކަށް ނޭނގޭނެ މަ ކަންތައް ކުރަންވީ ގޮތެއް...'' ދައްޔާން ހުރީ ބުންއަރާފައެވެ.

''އޯކޭ، އޯކޭ، އެހެންވިއްޔާ ކައެ ބޭނުން ގޮތެއް ހަދާ...'' ރައިހާން ބުނެލިއެވެ.

''ހަދާނަމޭ، ކައޭ ބަލަން ހުންނާތި...'' ގަދަބަސް ބުނަމުން ދައްޔާން މޭފުއްޕާލިއެވެ.

(ނުނިމޭ)