ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުމަކީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބުރަ އަދި އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށްޓަކައި އެކި ޒަމާތަކުގައި ގުރުބާންވި ބަތަލުންގެ ހަނދާންތައް އާކުރައްވައި، އެ ފަރާތްތަކަށް ހެޔޮ ދުއާކުރައްވާފައެވެ.

ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްޓަކައި ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަމިއްލަވަންތަކަމާ މެދު ފަހުރުވެރިވުމާއި މުޖުތަމައުގެ ތެރޭގައި އެކުވެރިކަމާއި ބަދަހި ގުޅުމެއް އޮތުމަކީ ވެސް މިނިވަންކަން ހިފެހެއްޓުމަށް އިންތިހާއަށް ބޭނުންތެރި ކަންކަން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

‏"އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން،". ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަކީ ފުރިހަމަ ސިޔާދަތީ ބާރު ލިބިފައިވާ މިނިވަން ދައުލަތެއްކަން އިނގިރޭސި ސަރުކާރުން ބަލައިގަތް މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.