ކުއްޖެއްގެ ހަރަދަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ގިނަ ދުވަސް ވުމުން އެ ފައިސާ ދައްކަން ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުގެންދާތީ، ސާބިތު ހަރަދުގެ ފައިސާ ކަމަށްވާ، 24،500 ރުފިޔާ ދައްކަން އަންގައި ކުއްޖާގެ ބައްޕަ 15 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.

ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރުކޮށްފައި ވަނީ، ދަރިފުޅުގެ ހަރަދުގެ މައްސަލައިގައި އެ ކޯޓުގެ ހުކުމާ އެއްގޮތަށް ސ. މަރަދޫ އަނޯނާގެ އިބްރާހިމް މުފީޒު ފައިސާ ދައްކާފައިނުވާތީއެވެ.

އެފަހަރު 30 ޖަނަވަރީ 2025 ހައި ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ، ދަރިފުޅުގެ ހަރަދަށް ކޮންމެ މަހަކު 2،000 ރުފިޔާ ދެއްކަމުން ގެންދިއުމަށެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް ހަރަދު ދައްކަމުން ނުދާތީ އެ އަދަދު އޮތީ އެކު ޖުމްލަ 24،500 އަށް އަރައިފައެވެ.

އެހެންކަމުން އެފައިސާ އަކީ ކުއްޖާގެ ހަރަދުގެ ގޮތުގައި މުފީޒު ދޭންޖެހޭ ފައިސާއެއް ކަަމަށް ކަނޑައަޅައި ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ، ކުއްޖާގެ މަންއަށް ދައްކައި ހަލާސްކުރުމަށް މުފީޒަށް ކޯޓުން ވަނީ އަންގައިފައެވެ. އަދި މުފީޒު 14 ދުވަހުގެ މުއްދަތަށް ގޭގައި ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.