ހުރިހާ ރަށެއްގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް މިއަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރުގެ މަޝްރޫއުތައް ނިމުމުން، ރާއްޖޭގެ ހުރިހާ ރަށެއްގެ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން، އެއްވެސް ރަށެއް އިސްތިސްނާ ނުވާނެހެން ކޮންމެ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރެއް ގާއިމްކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާލޭގެ ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓިން ޓްރެކަކާއި، ޒަމާނީ ފެންވަރުގެ ގޯކާޓް އެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ހުރިހާ ތަނެއް 2028 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަންތަނަކީ ގާތްގަނޑަކަށް 1،200 މީހުންގެ ޖާގައިގެ ތަންތަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމަކާއި، ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއްގެ އިތުރުން ފުޓްސަލް އަދި ނެޓްބޯލް ސްޓޭޑިއަމްތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެއަށް ކުޅިވަރުގެ ވަސީލަތްތައް ޖަމާކުރުން ނޫން ކަމަށާއި، އަތޮޅުތަކުގައިވެސް ޔޫތް ހަބްތައް ހެދުމަށްޓަކައި ބޭނުންވާ ފައިސާ މިހާރު ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހުރިހާ މަސައްކަތްތަކަކީ ހަށިހެޔޮ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ހެއްކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް