މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ދައުވާ ލިބޭ ސާހިލް އަލީގެ މައްޗަށް، ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުނުކަން ސާބިތުވެ އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.
ސާހިލްގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް އިސްތިއުނާފު ކުރުމަށް ސާހިލްގެ ފަރާތުން މި މަހުގެ 23 ވަނަ ދުވަހު ހުށަހެޅި ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.
އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަންޖެހޭ ފަދަ އެކަށީގެންވާ ގާނޫނީ ސަބަބެއް ސާހިލްގެ ހުށަހެޅުމުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. މީގެ ކުރިންވެސް ސާހިލް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، ލިޔެކިޔުންތަކުގެ މައްސަލަތަކާ ހުރެ އެ ފަހަރުވެސް މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
އޮގަސްޓް 2022 ގައި ހިނގި ޝިއާއުގެ މަރުގެ މައްސަލައާ ގުޅިގެން ސާހިލްގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ހުރިހާ ތަފުސީލު ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި މިހާރު ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގައެވެ.
ޝިއާއު މަރުގެ މައްސަލައިގައި ސާހިލްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ވަނީ ނިމިފައެވެ. ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ބޭއްވުމަށް ހަމަޖެހުނު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ސާހިލްއަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދާ މަރުގެ މައްސަލައިގެ ހުކުމެއް އަދި ނީއްވައެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ 2022 އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ފުލުހުން ސާހިލް ހައްޔަރުކޮށްފައި ވަނީ އެ އެޕާޓްމަންޓްގެ ތެރެއިންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފާހަގަވި ކަންކަން ނޫސްވެރިންނާ ހިއްސާކުރުމަށް 2022 ނޮވެމްބަރު 15 ވަނަ ދުވަހު ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ ސާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ޝިއާއު މަރުވިކަން ޕޯސްޓްމޯޓަމް ރިޕޯޓުން ކަށަވަރުވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ފުލުހުންގެ އެއިރުގެ މޭޖާ ކުރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ ސާހިލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރާ ގުޅިގެން ސާހިލް ހައްޔަރުކޮށް ޓެސްޓު ކުރިއިރު, އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.
ޝިފާއު ވިދާޅުވެފައިވަނީ ހަމަލާ ދޭން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދާފައިވާ ކަމަށެވެ. އެއީ ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ޝިފާއު ވިދާޅުވެފައިނުވެއެވެ.
ނަމަވެސް "ވަން" އެނގިފައިވާ ގޮތުގައި އެތަނުން މަސްކަނޑާ ވަޅިއެއް ވަނީ ފެނިފައެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ކޮމެންޓް