ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު މިއަދު މަގާމުން ވަކިކޮށްފިއެވެ.

މަހީރާ މަގާމުން ވަކިކުރިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން ނުވަތަ އެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެކަން އަދި ކަށަވަރުކޮށްދީފައިނުވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުންވެސް މަހީރާގެ މައުލޫމާތު މިހާރު ވަނީ އުނިކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު މުސްތަފާ އައްޔަންކުރައްވާފައެވެ. މަހީރާ މަގާމުން ވަކިކޮށްފައިމިވަނީ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީއެވެ.

ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް މަހީރާ އައްޔަންކުރީ މީގެ ދެ އަހަރު ކުރިން، 15 އޭޕްރީލް 2022 ގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ، އެ ދުވަހު ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަންކުރެއްވި އިސްހާގު ހުސައިނާ އެކުގައެވެ. ނަމަވެސް، އިސްހާގު ހުސައިން ވަނީ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.