އަށް އަހަރުގެ މެދުކެނޑުމަކަށްފަހު، ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯއަކުން އުފައްދާ ފިލްމަކުން މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އަލުން ފެންނާނެކަން ޕެރަމައުންޓް ޕިކްޗާސްއިން އިއްޔެ އިއުލާނުކޮށްފިއެވެ.

ޕެރަމައުންޓުން ބުނި ގޮތުގައި، ޑެޕް ކުޅޭނީ ޗާލްސް ޑިކެންސްގެ މަޝްހޫރު ވާހަކަ "އަ ކްރިސްމަސް ކެރޯލް" އަސްލަކަށް ބަލައިގެން އުފައްދާ ބިރުވެރި ފެންޓަސީ ފިލްމު "އެބެނެޒަރ" ގެ ލީޑް ރޯލު ކަމަށްވާ އެބެނެޒަރ ސްކްރޫޖްގެ ބަޔެވެ. ޓައި ވެސްޓް ޑައިރެކްޓުކުރާ މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

މިއީ 2018 ވަނަ އަހަރު އޭނާގެ ކުރީގެ އަނބިމީހާ އޭމްބަރ ހާޑްއާއެކު ހިނގި ޝަރުއީ މައްސަލަތަކާ ގުޅިގެން ޑެޕްގެ ކެރިއަރަށް އައި ހީނަރުކަމަށްފަހު، އޭނާ ކުޅޭ އެންމެ ބޮޑު އެއް ފިލްމެވެ. ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރޭޑާ އޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޑެޕްގެ ފިލްމީ ކެރިއަރު އަލުން ކޮޅަށްޖެހުމަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ބެލެވެއެވެ. އެ ނޫހުން ބުނި ގޮތުގައި، ޑެޕްގެ ފަރާތުން މާޒީގައި ފެނިފައިވާ އަމަލުތަކުގެ ސަބަބުން ސްޓޫޑިއޯތަކުން އަދިވެސް އޭނާއާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ.

މި ފިލްމާ ގުޅޭގޮތުން ޕެރަމައުންޓް ޕިކްޗާސްއިން އާންމުކުރި ޕޯސްޓަރުގައި ލިޔެފައިވަނީ “ތިބާއަށް އެނގޭ ނަމެއް، ނޭނގޭ ވާހަކައެއް” މިފަދައިންނެވެ.

ފިލްމު ޕްރޮމޯޓުކުރުމުގެ ގޮތުން ސެން ޑިއޭގޯ ކޮމިކް-ކޮންގައި ޑެޕް ވަނީ ފިލްމުގެ ކެރެކްޓަރާ އެއްގޮތަށް ހެދުން އަޅައިގެން ގޮސް ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ. އެ ހަރަކާތުގައި ބައިވެރިވި ފޭނުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑެޕްގެ އާ ސިފަ ފެނިފައި ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. އަދި އޭނާ އަލުން ފިލްމުތަކަށް އެނބުރި އައުމުން ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ.

މި ފިލްމުގައި ޑެޕްގެ އިތުރުން އިއަން މެކްކެލެން އާއި ޑެއިޒީ ރިޑްލީ ފަދަ ތަރިން ހަރަކާތްތެރިވާނެއެވެ. ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ޕެރަމައުންޓުން ވަނީ ބުނެފައެވެ.