މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި މާސްޓާސް އަދި ބެޗްލާސް ޑިގްރީގެ 12 ފުރުސަތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތަކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްތަކުގެ ދަށުން ފިޝަރީޒް ދާއިރާއިން ބެޗްލާސް ޑިގްރީއަށް ހަތަރު ފުރުސަތު، މެރިން ރިސާޗް އަދި މެރިކަލްޗާ ދާއިރާއިން ދެ ފުރުސަތު، އަދި އެގްރިކަލްޗާ ދާއިރާއިން މާސްޓާސް އަދި ޑިގްރީ ހިމެނޭހެން ހަ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ.

މީގެ ތެރޭގައި ސްޓެޓިސްޓިކްސް، މެރިން ސައިންސް، މައިކްރޯ ބަޔޮލޮޖީ، އަދި ޕްލާންޓް ޕްރޮޓެކްޝަން ފަދަ މުހިންމު ދާއިރާތައް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން މާސްޓާސް ޑިގްރީއަށް ނަމަ، ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއަކާއެކު ދެ އަހަރުގެ ތަޖުރިބާ ހޯދާފައި ހުންނަންވާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބެޗްލާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ޖީސީއީ އޯލެވެލްގެ 5 މާއްދާއިން އަދި އޭލެވެލްގެ 3 މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި އޮންނަންވާނެ ކަމަށެވެ.

އެ ސްކޮލާޝިޕްތަކުގެ ދަށުން ކޯސް ފީއާއި، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސްގެ އިތުރުން ކިޔަވާ މުއްދަތުގައި މަހުން މަހަށް ދެވޭ ސްޓައިޕަންޑް ވެސް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ. ފޯމު ހުށަހަޅާނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ) ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލުކުރެވޭނެ ކަމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 3033484 ނަމްބަރު ފޯނަށް ގުޅުމަށް އެދޭ ކަމަށެވެ.