ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތައް ޒަމާނީކޮށް، ފުޅާކުރުމުގެ ގޮތުން ޓްވިން އޮޓަ ކްލާސިކް 300-ޖީ މޮޑެލްގެ ދެ މަތިންދާބޯޓު ގަތުމަށް ކެނެޑާގެ ޑީ ހެވިލަންޑް އެއާކްރާފްޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މި މޮޑެލްގެ ބޯޓެއް ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރު ކަމަށެވެ. މޯލްޑިވިއަނުން ބުނީ އެ ބޯޓުތައް ގަތުމަށްޓަކައި ލެޓަ އޮފް އިންޓެންޓް (އެލްއޯއައި) އެއްގައި ދެ ކުންފުނިން ވަނީ ސޮއިކޮށްފައި ކަމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަ ބޭނުންކުރާ ގައުމަކީ ރާއްޖެ ކަމަށްވާއިރު، މޯލްޑިވިއަން ވެގެންދާނީ މި އާ މޮޑެލް ރާއްޖެއަށް ތައާރަފްކުރާ ފުރަތަމަ އެއާލައިނަށްކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މި އިންވެސްޓްމަންޓަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި، ރިސޯޓުތަކަށް އަދި ސީޕްލޭންގެ ހިދުމަތަށް ބަރޯސާވާ މުޖުތަމައުތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އިޔާޒް ވިދާޅުވީ ސީޕްލޭން ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ކަމަށްވާއިރު، މި އާ ބޯޓުތަކުގެ ސަބަބުން ހިދުމަތުގެ އިތުބާރު ބޮޑުވެ، ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ.

ކްލާސިކް 300-ޖީ މަތިންދާބޯޓަކީ އޭވިއޮނިކްސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމަނައިގެން، ބަރުދަން ލުއިކޮށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށާއި، މީގެ ސަބަބުން ދަތުރުވެރިންނަށާއި މުދާ އުފުލުމަށް އިތުރު ޖާގަ ލިބިގެންދާއިރު، ރާއްޖޭގެ ކުރު ރަންވޭތަކާއި މޫދަށް ޖެއްސުމުގައި މި ބޯޓުތަކަކީ ހާއްސަ ގާބިލްކަމެއް ލިބިފައިވާ ބޯޓުތަކެއްކަމަށް މޯލްޑިވިއަނުން ބުންޏެވެ. މިއީ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، އިގްތިސޯދީ ގޮތުން ފައިދާ ބޮޑު މޮޑެލްއެއްކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ އިތުބާރުހުރި ޔޫޓިލިޓީ އެއާކްރާފްޓްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޓްވިން އޮޓަ ސީޕްލޭންތަކަކީ، ރާއްޖޭގެ ރިސޯޓުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮންނަ ބޯޓުތަކެއް ކަމަށާއި، އާ ޖީލުގެ އެ ބޯޓުތަކާއެކު، މޯލްޑިވިއަންގެ ހިދުމަތްތައް މެދުކެނޑުމެއްނެތި، ޒަމާނީ ފެންވަރުގައި ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރުވެސް 25 މަތިންދާބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާބަސް އޭ330-200 ގެ ބޯޓަކާއި، އެއާބަސް އޭ320 ގެ ބޯޓެއްގެ އިތުރުން، އޭޓީއާރްގެ 5 ބޯޓާއި، ޑޭޝް 8 ގެ 7 ބޯޓު އަދި ޑީސީއެޗް-6 ޓްވިން އޮޓަ މަރުކާގެ 11 ސީޕްލޭންއެވެ.