ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މަލްޓިޕަލް އެންޓްރީ އުމްރާ ވީސާއެއް ތައާރަފުކޮށްފިއެވެ. މި ވީސާގެ ދަށުން، ވީސާ ދޫކުރާ ތާރީހުން ފެށިގެން 365 ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ސައުދީއަށް އެތެރެވެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 90 ދުވަހު އެ ގައުމުގައި މަޑުކުރެވޭނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ވީސާގައި ކޮންމެ ފަހަރަކު އެތެރެވާއިރުވެސް 'ނުސުކް' ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަ ލިބިފައިވާ ފަރާތަކުން ހިދުމަތުގެ ޕެކޭޖެއް ގަންނަން ޖެހޭނެއެވެ. މި ޕެކޭޖުގެ މުއްދަތު، ވީސާގައި ބާކީ އޮތް ދުވަސްތަކަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ސައުދީއަށް އެތެރެވުމުގެ ކުރިން ނުސުކް އެޕްލިކޭޝަން މެދުވެރިކޮށް އުމްރާ ކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ކޮންމެ ފަހަރަކު ގައުމުން ފުރައިގެން ދިއުމުން ވީސާ މެދުކަނޑައިލެވޭނެ ކަމަށާއި، ދެން އަލުން ވީސާ އެކްޓިވް ވާނީ ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ފުރިހަމަކުރުމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ހައްޖު މޫސުމުގައި، ޒުލްގައިދާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވީސާ ބޭނުމެއް ނުކުރެވޭނެއެވެ.

މި އާ ސިޔާސަތަކީ ސައުދީ އަރަބިއްޔާގެ 'ވިޝަން 2030' އާއި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް"ގެ ދަށުން، އުމްރާވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ތައާރަފުކުރި ސިޔާސަތެއް ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވެއެވެ.

ވިޝަން 2030 ގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ކޮންމެ އަހަރަކު އުމްރާކުރާ މީހުންގެ އަދަދު 30 މިލިއަނަށް އިތުރުކުރުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 16.9 މިލިއަން މީހުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން، މިފަދަ ލުއިފަސޭހަ ވީސާތަކުގެ ސަބަބުން މި އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ބަދަލާއެކު، އެއްފަހަރަށްވުރެ ގިނައިން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ކޮންމެ ފަހަރަކު އާ ވީސާއަކަށް އެދުމުގެ ބަދަލުގައި ފަސޭހަކަމާއެކު ދަތުރުތައް ރޭވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އަމާޒުކޮށްގެން ތައާރަފުކުރި މި ވީސާއަށް އެދުމުގެ ފުރުސަތު ނުސުކް ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.