އެމެރިކާގެ މާކެޓުގައި އެޕަލް ކާޑާ ވާދަކުރުމަށްޓަކައި، ސެމްސަންގުން އެ ކުންފުނީގެ ފުރަތަމަ ކްރެޑިޓް ކާޑު ކަމަށްވާ "ސެމްސަންގް ގެލެކްސީ ކާޑު" މިއަދު ތައާރަފުކޮށްފިއެވެ. ބާކްލޭސް ބޭންކާއި ވިސާ ނެޓްވޯކާ ގުޅިގެން ނެރުނު މި ކާޑަށް އެދި ހުށަހެޅުމުގެ ފުރުސަތު، އެމެރިކާގެ ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ސެމްސަންގުން ބުނެފައިވެއެވެ.
މި ކާޑަކީ އަހަރީ ފީއެއް ނުހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ. ސެމްސަންގުން ބުނި ގޮތުގައި، މި ކާޑު މެދުވެރިކޮށް ސެމްސަންގުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ފަސް އިންސައްތައިގެ ކޭޝްބެކް ލިބޭނެއެވެ. އަދި ސެމްސަންގް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ތިން އިންސައްތަ، ނެޓްފްލިކްސް ފަދަ ސްޓްރީމިންގް ހިދުމަތްތަކަށް ދޭއް އިންސައްތަ، އަދި އެހެނިހެން ވިޔަފާރިތަކަށް އެކެއް އިންސައްތައިގެ ކޭޝްބެކް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ފުރަތަމަ 90 ދުވަހުގެ ތެރޭގައި 2،000 ޑޮލަރު ހަރަދުކުރާ ކަސްޓަމަރުންނަށް 200 ޑޮލަރުގެ ބޯނަހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޑިޖިޓަލް ކާޑުގެ އިތުރުން، ކަޅު ކުލައިގެ މެޓަލް ފިޒިކަލް ކާޑެއް ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
ސެމްސަންގުގެ ޑިޖިޓަލް ވޮލެޓް ޓީމުގެ އިސްވެރިޔާ ވޮންޗޯލް ޗައި ބުނި ގޮތުގައި، ކަސްޓަމަރުން ބޭނުންވަނީ ދިރިއުޅުން ފަސޭހަކޮށްދޭ އަދި ހަގީގީ ފައިދާތަކެއް ލިބޭ ކްރެޑިޓް ކާޑެކެވެ. ގެލެކްސީ ކާޑުން އެ ދެ ކަންތައް ފުރިހަމަވާނެ ކަމަށް އޭނާ ބުންޏެވެ.
ސެމްސަންގުގެ ނޯތު އެމެރިކާ ފިންޓެކް ވިޔަފާރީގެ އިސްވެރިޔާ ސިހް ލީ ފާހަގަކުރި ގޮތުގައި، އެމެރިކާގެ 70 އިންސައްތަ ގޭބިސީތަކުގައި ސެމްސަންގުގެ އުފެއްދުންތައް ބޭނުންކުރެއެވެ. އެހެންކަމުން، މި ކާޑުގެ މަގުސަދަކީ ކަސްޓަމަރުން އާންމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީއާ ގުޅިފައިވާ ފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް އޭނާ ބުންޏެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ އެޕަލް ކާޑާ ވާދަކުރުމަށާއި، ސެމްސަންގުގެ އީކޯސިސްޓަމްގެ ތެރޭގައި ކަސްޓަމަރުން ހިފެހެއްޓުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިޖިޓަލް ވޮލެޓް މާކެޓުގައި އެޕަލް ޕޭ އާއި ގޫގުލް ޕޭއާ އަޅައިބަލާއިރު ސެމްސަންގް ވޮލެޓް ބޭނުންކުރާ މީހުންގެ އަދަދު މަދު ނަމަވެސް، މި ކާޑުގެ ސަބަބުން އެ ކުންފުނީގެ މާލީ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. ގެލެކްސީ ކާޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ، ސެމްސަންގުގެ އާ ފޯނުތައް ދައްކާލުމަށް ބާއްވާ "ގެލެކްސީ އަންޕެކްޑް" ހަފުލާއާ ދިމާކޮށެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ކޮމެންޓް