ބޯފެންތަށީގައި ހުރި ފެނުން ކަރަންޓު އުފެއްދިދާނެ ކަމަށް މީހަކު ބުނެފިނަމަ އެއީ ހިޔާލީ ވާހަކައެއް ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް މިއީ މިހާރު ހަމައެކަނި ހިޔާލީ ވާހަކައެއް ނޫނެވެ. އިންޑިއާއަށް އުފަން އުމުރުން 84 އަހަރުގެ ފިޒިކްސް އިލްމުވެރިޔާ ޔޯގޭންދުރަ ނަރެއިން ސްރިވަސްތަވާ ދާދި ފަހުން ހާމަކުރި އާ ހޯދުމާއެކު، މިއީ ހަގީގަތަކަށް ވުމުގެ މަގު ވަނީ ފަހިވެފައެވެ. އިންޑިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްރިވަސްތަވާ ވަނީ ފެނުގެ ތެރެއަށް ކަރަންޓު ފޮނުވުމުން އުފެދޭ އާދަޔާހިލާފު ހަކަތައިގެ ސިއްރު ހޯދައިފައެވެ. މިއީ ސައިންސްވެރިންނަށް ނޭނގި ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޮޑު ސިއްރެކެވެ. މި އާ ހޯދުމުގެ ސަބަބުން، އާދައިގެ ފެނުން ސާފު ހަކަތަ އުފެއްދުމުގެ ފުރުސަތު ބޮޑުވެ، ދުނިޔޭގެ ހަކަތައިގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ. މިއަދު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިމާވެއްޓަށް ގެއްލުން ނުދޭ، އަގުހެޔޮ ހަކަތަ ހޯދުމެވެ. މިއީ ހަމައެކަނި ސައިންސްގެ ދުނިޔެއަށް އައި ކުރިއެރުމެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، ދުވަހީ ހަރަދުތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. ގޭބިސީތަކުގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް މުސްތަގުބަލުގައި އަންނާނީ މިފަދަ ސާފު ވަސީލަތްތަކުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ގަރުނެއްވީ ސައިންސްގެ ބޮޑު ސިއްރު

ފެނާއި ކަރަންޓަކީ އާންމު ގޮތެއްގައި އެއްކުރަން ހެޔޮވާނެ ދެ އެއްޗެއް ނޫންކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ސައިންސްގެ ތަހުލީލުތަކުގައި ފެނުގެ ތެރެއަށް ކަރަންޓު ފޮނުވައިގެން ތަފާތު އެކްސްޕެރިމަންޓުތައް ކުރެއެވެ. މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ފެށިގެން ސައިންސްވެރިންނަށް ފާހަގަކުރެވުނު އެއް ކަމަކީ، ފެނުގެ ތެރެއަށް ކަރަންޓު ސްޕާކެއް ނުވަތަ ކަރަންޓު ކަނިތަކެއް ފޮނުވާލުމުން، އޭގެ ސަބަބުން އުފެދޭ ގޮވުން ނުވަތަ ބާރު، އެ ފޮނުވާލި ކަރަންޓުގެ ބާރަށްވުރެ މާ ބޮޑު ކަމެވެ. މިއީ ފިޒިކްސްގެ އާންމު އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ސަބަބަކީ އެއްޗަކަށް ދޭ ހަކަތައަށްވުރެ ބޮޑު ހަކަތައެއް އެއިން ނުނުކުންނާނެ ކަމަށް ސައިންސްގެ އަސާސީ ގާނޫނުތަކުގައި ބަޔާންކޮށްފައި ވާތީއެވެ.

މި އާދަޔާހިލާފު ގޮވުންތަކުގެ ސަބަބު ހޯދުމަށް އެތައް ޖީލެއްގެ ސައިންސްވެރިން ވަނީ މަސައްކަތްކޮށްފައެވެ. ތާރީހަށް ބަލާއިރު، ފެނާއި ކަރަންޓާ ދެމެދު ހިނގާ މިފަދަ އާދަޔާހިލާފު ކަންކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1840 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އިނގިރޭސިވިލާތުގެ އިންޖިނިއަރެއް ކަމަށްވާ ވިލިއަމް އާމްސްޓްރޯންގްއަށް، އާވީގެ ޒަރީއާއިން ކަރަންޓު އުފެދޭކަން ފާހަގަކުރެވުނު ހިސާބުންނެވެ. އޭގެ ފަހުން އެކި ޒަމާންތަކުގައި ފެނުގެ ތެރެއަށް ކަރަންޓު ފޮނުވައިގެން ގިނަ ތަހުލީލުތަކެއް ކުރެވުނެވެ. ބައެއް މާހިރުން ލަފާކުރި ގޮތުގައި މިއީ ފެނުގެ މޮލިކިއުލްތައް ރޫޅިގެން އުފެދޭ ގޭހުގެ ސަބަބުން ހިނގާ ކަމެކެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ މިއީ ކަރަންޓުގެ ސަބަބުން ފެން ކުއްލިއަކަށް ހޫނުވެ، އާތްވަށް ބަދަލުވުމުން އުފެދޭ ޕްރެޝަރުގެ ސަބަބުން ހިނގާ ކަމެއް ކަމަށެވެ. ނަމަވެސް މި ތިއަރީތަކުން ކުރެ އެއްވެސް ތިއަރީއަކަށް، އެ އުފެދޭ އާދަޔާހިލާފު ބޮޑު ހަކަތަ ސައިންޓިފިކް ގޮތެއްގައި ސާބިތުކޮށެއް ނުދެވުނެވެ. އެހެންކަމުން މިއީ ފިޒިކްސްގެ ދުނިޔޭގައި ހައްލު ނުކުރެވި އޮތް އެންމެ ބޮޑު އެއް ސިއްރުގެ ގޮތުގައި އޮތީއެވެ. ސްރިވަސްތަވާގެ ދިރާސާއިން މި ސިއްރުގެ މުލަށް ވާސިލުވެ، މުޅިން އާ ނަޒަރަކުން މިކަން ވަނީ ދެނެގަނެފައެވެ. އޭނާގެ މަސައްކަތުން ދައްކައިދިނީ ކުރިން ސައިންސްވެރިން ވިސްނަމުން ދިޔަ މިސްރާބު މުޅިން ގޯސް ކަމެވެ.

އާ ތިއަރީ: ފެނުގެ ތެރޭގައި ފޮރުވިފައިވާ ބާރު

ސްރިވަސްތަވާގެ އާ ހޯދުމުގެ އެންމެ މުހިންމު ނުކުތާއަކީ، ފެނުގެ ތެރެއިން ފެންނަ އާދަޔާހިލާފު ހަކަތައަކީ ބޭރުން ދޭ ކަރަންޓުން އުފެދޭ އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމެވެ. އޭނާ ބުނި ގޮތުގައި އެ ހަކަތައަކީ ކުރިންވެސް ފެނުގެ ތެރޭގައި ފޮރުވިފައި ހުރި ހަކަތައެކެވެ. ކަރަންޓު ސްޕާކަކީ ހަމައެކަނި އެ ހަކަތަ ބޭރުކޮށްލުމަށް މެދުވެރިވާ ސަބަބު ނުވަތަ ޓްރިގަރއެކެވެ. މިކަން އޭނާ ސިފަކޮށްދިނީ ދަމާފައި ހުންނަ ރަބަރު ބޭންޑެއްގެ މިސާލުންނެވެ. ރަބަރު ބޭންޑެއް ދަމާފައި ހުންނައިރު އޭގެ ތެރޭގައި ހަކަތަ ރައްކާކުރެވިފައި ހުރެއެވެ. އަދި އެ ދޫކޮށްލުމާއެކު، އޭގައި ރައްކާކުރެވިފައި ހުރި ހަކަތަ ކުއްލިއަކަށް ބޭރުވެގެން ދެއެވެ. ހަމަ މިފަދައިން، ފެނުގެ މޮލިކިއުލްތަކުގެ މެދުގައިވާ ގުޅުންތަކުގައިވެސް ބޮޑު ހަކަތައެއް ރައްކާކުރެވިފައި ހުރެއެވެ. ފެނުގެ މޮލިކިއުލްތައް އެކަތި އަނެކައްޗާ ގުޅިފައި ހުންނަނީ ވަރަށް ހާއްސަ ގޮތަކަށެވެ. މި ގުޅުންތަކުގެ ތެރޭގައި ރައްކާކުރެވިފައިވާ ހަކަތަ، ކަރަންޓުގެ ސަބަބުން ކުއްލިއަކަށް މިނިވަންވެގެން ދިއުމުން ބޮޑު ގޮވުމެއް އުފެދެނީއެވެ.

މިއީ 119 އަހަރުވީ ސިއްރެއްގެ ފެށުމާ ގުޅިފައިވާ ފޮޓޯއެކެވެ. މީލާދީން 1907 ވަނަ އަހަރު، ހާވަޑް ޔުނިވަރސިޓީގެ ފިޒިކްސް ޢިލްމުވެރިޔާ ޖޯން ޓްރޯބްރިޖް ވަނީ، 40 ސެންޓިމީޓަރުގެ ހައި-ވޯލްޓޭޖް ކަރަންޓު ކަންޏެއް ފެނާ ބައްދަލުވި ތަނުން، އާދަޔާ ޚިލާފު ހުދު ކުލައިގެ ވިލާގަނޑެއް އުފެދިގެންދިޔަ މަންޒަރު ފޮޓޯއަކުން ރެކޯޑުކުރައްވާފައެވެ. އެ ވިލާގަނޑަކީ ހޫނު އާވި ނޫން ކަމަށާއި، އެއީ ފިނި ދުންފިންޏެއް ކަން ދެނެގަތުމަށް ގާތްގަނޑަކަށް ނުވަދިހަ އަހަރު ހޭދަވިއެވެ. (ފޮޓޯ: ޓްރޯބްރިޖް، 1907، ޖާނަލް އޮފް ޕްލާޒްމާ ފިޒިކްސް، ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސްގައިވާ ގްރެނޯ އާއި އެހެން ސައިންސްވެރިންގެ ދިރާސާއިން ނަކަލުކޮށްފައި)

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ސްރިވަސްތަވާ ބުނި ގޮތުގައި، އޭނާގެ ތިއަރީ ބޭނުންކޮށްގެން ހިސާބު ހެދުމުން، މީގެ ކުރިން ސައިންސްވެރިންނަށް އެކްސްޕެރިމަންޓުތަކުން ފެނިފައިވާ ހަކަތައިގެ މިންވަރާ ވަރަށް ފުރިހަމައަށް ދިމާވެއެވެ. ސައިންސްގެ ދުނިޔޭގައި، ތިއަރީއަކުން ދައްކާ އަދަދުތަކާއި އަމަލީ ގޮތުން ފެންނަ އަދަދުތައް ދިމާވުމަކީ އެ ތިއަރީއެއް ސާބިތުވުމުގެ އެންމެ ބޮޑު ހެއްކެވެ. މީގެ މާނައަކީ ފެނުގެ ތެރޭގައި ހިނގާ ކަންކަން މިހާރު ހިސާބު އިލްމުގެ އަލީގައި ސާބިތުކޮށްދެވިއްޖެ ކަމެވެ. އޭނާ ބުނީ “އަދަދުތައް ދިމާވާން ފެށުމުން، ދެން އެކަން ފަހުމްވެއްޖެ ކަމަށް ބުނެވިދާނެ” ކަމަށެވެ.

މި ހޯދުމުގެ ސަބަބުން ފިޒިކްސްގެ އަސާސީ ގަބޫލުކުރުންތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ބުނެއެވެ. މީގެ ކުރިން ކަރަންޓަކީ ހަކަތަ އުފައްދާ މައިގަނޑު ވަސީލަތް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ކަރަންޓަކީ ހަމައެކަނި ފެނުގައި ރައްކާކުރެވިފައިވާ ގުދުރަތީ ހަކަތަ ނެރެދޭ ތަޅުދަނޑިއެއްގެ ގޮތުގައި ވަނީ ސާބިތުވެފައެވެ. މިއީ ސައިންސްގެ ތާރީހުގައި ލިޔެވިގެންދާނެ ވަރަށް މުހިންމު ހޯދުމެކެވެ. މިކަމުގެ ސަބަބުން ފެނުގެ މޮލިކިއުލަރ އޮނިގަނޑާމެދު ސައިންސްވެރިން ދެކޭ ގޮތް މުޅިން ބަދަލުވެގެންދާނެއެވެ.

ސާފު ހަކަތައިގެ އިންގިލާބެއް: މުސްތަގުބަލުގެ އުންމީދު

މި އާ ހޯދުމުގެ އެންމެ ބޮޑު ފައިދާއަކީ ދުނިޔެއަށް ބޭނުންވާ ސާފު ހަކަތަ ނުވަތަ ކްލީން އެނާޖީ އުފެއްދުމަށް ހުޅުވިގެންދާ އާ ދޮރެވެ. މިއަދު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފެއްދުމެވެ. ތެލާއި ބޯޓުދެލި ފަދަ ތަކެތި އަންދައިގެން ހަކަތަ އުފެއްދުމުގެ ސަބަބުން ދުނިޔެ ހޫނުވެ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު އަޅުގަނޑުމެން އެންމެންނަށް ދަނީ ކުރަމުންނެވެ. ނަމަވެސް ސްރިވަސްތަވާގެ ތިއަރީގެ އަލީގައި، އާދައިގެ ފެނުން ބޮޑު ހަކަތައެއް އުފެއްދިއްޖެނަމަ، މިއީ އިންސާނިއްޔަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސިކުންތަކު 35،000 ފްރޭމްގެ ބާރުމިނުގައި ރެކޯޑުކޮށްފައިވާ މި ފޮޓޯތަކުގެ ތެރެއިން ނަންބަރު ޖަހާފައިވާ ފްރޭމްތަކުން ފެންނަނީ، 'ވޯޓަރ އާކް އެކްސެލަރޭޓަރ' އެއްގެ ހޮޅިން ފިނި ދުންފިންޏެއް ބޭރުވެގެންދާ މަންޡަރެވެ. މެދުން ފެންނަނީ އަޑަށްވުރެ ބާރު ދުވެލީގައި ދަތުރުކުރާ ދެ މީޓަރުގެ އުސް ދުންފިނި ކަންޏެކެވެ. ކަނާތްފަރާތުން ފެންނަނީ ފިނި ދުންފިނީގެ ގޮވުމެކެވެ. މި ދުންފިނީގެ ހޫނުމިން ކޮޓަރީގެ ފިނިހޫނުމިނަށްވުރެ ކުޑަކޮށް ނޫނީ މަތިނުވުމުން، އެއީ ހޫނު އާވި ނޫންކަން ކަށަވަރުވެ، މިކަމުގެ ޞިއްރު ވަނީ އިތުރަށް ފުންވެފައެވެ. (ފޮޓޯތައް: ގްރެނޯ އާއި އެހެން ސައިންސްވެރިން، ޖާނަލް އޮފް ޕްލާޒްމާ ފިޒިކްސް، ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް)

ފެނަކީ ދުނިޔޭގައި އެންމެ ގިނައިން ލިބެން ހުރި އެއް ވަސީލަތެވެ. ކުޑަ ކަރަންޓުކޮޅެއް ބޭނުންކޮށްގެން ފެނުން ބޮޑު ހަކަތައެއް އުފެއްދޭނެ ޓެކްނޮލޮޖީއެއް ތަރައްގީކުރެވިއްޖެނަމަ، ކަރަންޓު އުފެއްދުމަށް ކުރަންޖެހޭ ހަރަދު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ. މީގެ އިތުރުން މިއީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުދޭ، ވިހަ ގޭސްތައް ބޭރުނުކުރާ ސާފު ހަކަތައަކަށް ވާނެއެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ޓެކްނޮލޮޖީ އާންމުކޮށް ބޭނުންކުރެވޭ ފެންވަރަށް ތަރައްގީކުރުމަށް އަދި އަހަރުތަކެއް ނަގާނެއެވެ. ނަމަވެސް މިހާރު މިވަނީ އެކަމުގެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅު އެޅިފައެވެ.

މިއީ ކުދި ރަށްތަކަށާއި، ހަކަތައިގެ އަގުބޮޑު ގައުމުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވާނެއެވެ. ރާއްޖެ ފަދަ ގައުމުތަކުގައި ކަރަންޓު އުފެއްދުމަށް ތެލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް މިއީ މުސްތަގުބަލުގައި ބޭނުންކުރެވިދާނެ ވަރަށް މުހިންމު ވަސީލަތަކަށް ވާނެއެވެ. އިންޖީނުގެތަކުން ފެށިގެން އުޅަނދުފަހަރު ދުއްވުމަށްވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިގުތިސޯދީ ގޮތުން ބަލާއިރުވެސް، ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވުމަކީ ދުނިޔޭގެ އިގުތިސޯދަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ކާރުހާނާތަކާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ ފަސޭހައިން އަދި އަގުހެޔޮކޮށް ލިބެން ފެށުމުން، ތަކެތީގެ އަގުތައްވެސް ދަށަށް ދާނެއެވެ.

ދިރިއުޅުމަށް އަންނާނެ ބަދަލުތައް

މި ހޯދުމާއެކު މުސްތަގުބަލުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ގޭބިސީތަކުގައި ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވެ، އަމިއްލަ ގޭގައި ފެން ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެ ކުދި ނިޒާމުތައް ތައާރަފުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ކަރަންޓުގެ އަގު ހެޔޮވެ، އާންމު ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަތަކަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

މި އަހަރުގެ މި މުހިންމު ހޯދުމަކީ ހަމައެކަނި ފޮތްތަކުގައި ލިޔެވޭނެ ތިއަރީއެއް ނޫނެވެ. މިއީ އަމަލީ ގޮތުން އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ދުނިޔޭގެ ހަކަތައިގެ މުސްތަގުބަލު އޮތީ ސާފު އަދި ދެމެހެއްޓެނިވި ވަސީލަތްތަކުގެ މައްޗަށް ބިނާވެފައެވެ. ސްރިވަސްތަވާގެ މި ހޯދުމާއެކު، ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ތިއަރީ އަމަލީ ގޮތުން ބޭނުންކުރެވޭނެ އިންޖީނުތަކާއި ނިޒާމުތައް ފަރުމާކުރުމަށެވެ. ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ޓެކްނޮލޮޖީގެ އަމަލީ ނަތީޖާ ފެންނަން ފަށާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރެއެވެ. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ މި ތިއަރީގެ މައްޗަށް ބިނާކޮށް ފުރަތަމަ ޕްރޮޓޯޓައިޕް އިންޖީނު އުފެއްދުމުގެ މަސައްކަތަށެވެ.