އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ހޮރުމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް ވިދިވިދިގެން ދިހަވަނަ ރޭ ހަމަލާތައް ދީފިއެވެ. ރޭ ފަތިހު ދިން މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ ފާރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނުގެ ހުޅަނގުއުތުރުގައި އޮންނަ ތަބްރީޒް ސިޓީއަށް ދިން ހަމަލާއެއްގައި އީރާނުގެ އަސްކަރީ އޮފިސަރެއް ކަމަށްވާ މަހްދާދު ފާޝާއީ ވަނީ މަރުވެފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާއިން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ކޮމާންޑް ސެންޓަރުތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން މުވާސަލާތީ ވިއުގަތަކަށެވެ. ސެންޓްކޮމް އިން އިތުރަށް ބުނި ގޮތުގައި، އެ ގައުމުގެ އަމާޒަކީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމާއި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުމެވެ. މިގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ހަތް ބޯޓެއްގެ މިސްރާބު ބަދަލުކުރުވައި، އެއް ބޯޓު ހުއްޓުވާފައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އަނެއްކޮޅުން، އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ކުވައިތުގައި ހުންނަ ކޭމްޕް ބިއުރިންގް އަށް އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން މި ހަމަލާގައި އެމެރިކާގެ ހެލިކޮޕްޓަރުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް މިކަން މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވި ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު މިހާރު ހިނގަމުންދަނީ ފުރިހަމަ ހަނގުރާމައެކެވެ. އަދި އީރާނުގެ ހަތިޔާރު މަދުވެފައިވާ ކަމަށް އެމެރިކާއިން ބުނާ ބުނުމަކީ ދޮގެއް ކަމަށާއި، ދިގު މުއްދަތަކަށް ހަނގުރާމަ ކުރެވޭނެ ވަރަށް އީރާނުގައި މިސައިލާއި ޑްރޯން އެބަހުރި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ.

މި ހަމަލާބަދަލުކުރުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ހަރުކަށިކޮށް ހިފާނެ ކަމުގެ އިންޒާރުދެއްވާފައެވެ.