ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކާއި ދިވެހިންގެ ހަށިގަނޑުގައި "ދިރޭރަހަ" (މާކިއުރީ) ހުރި މިންވަރު ބެލުމަށް އެންވަޔަރުމެންޓް މިނިސްޓްރީން ހެދި ދިރާސާއެއްގެ ތަފުސީލު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައަކީ އާންމު ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ބާނާ މަހުން ކެންސަރަށް މަގުފަހިވާ މި ނުރައްކާތެރި މާއްދާ ފެނިފައިވާ މިންވަރާއި، އެފަދަ މަސް ބޭނި ސަރަހައްދުތައް ދެނެގަތުމަށް ހުށަހެޅި މައްސަލައެކެވެ. މީގެ އިތުރުން އެ ދިރާސާގައި ބައިވެރިވި މީހުންގެ ހަށިގަނޑުން ދިރޭރަހަ ފެނުނު މިންވަރުގެ ތަފުސީލު ހޯދުމަށްވެސް އެދިފައިވެއެވެ.

އެ މައުލޫމާތު ހޯދުމަށް އެދުމުން އެންވަޔަރުމެންޓް މިނިސްޓްރީން އެކި ފަހަރު މަތިން ދީފައިވަނީ ތަފާތު ޖަވާބުތަކެކެވެ. ފުރަތަމަ އެފަދަ މައުލޫމާތެއް ނެތްކަމަށް ބުނުމަށްފަހު، ފަހުން މިނިސްޓްރީން ބުނެފައިވަނީ ތިލަފުށި ކައިރިން ބޭނި މަހުގައި ދިރޭރަހަ ހުރި މިންވަރުގެ ރިޕޯޓެއް އެކުލަވާލުމުގެ ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ނުނިމޭތީ މައުލޫމާތު ހާމަކުރުން ފަސްކުރަން މިނިސްޓްރީން ނިންމިއެވެ.

ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ މައުލޫމާތު ހާމަކުރުން ފަސްކުރުމަށް މިނިސްޓްރީން ދެއްކި އުޒުރަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، 10 ދުވަހުގެ ތެރޭގައި އެ ހުރިހާ ތަފުސީލެއް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގިއެވެ.

މިދިޔަ މަހު އެންގި އެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ބަދަލުގައި، ދައުލަތުން ވަނީ އެ އެންގުން ގޯސްކަމަށް ބަލައި ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލަ އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.