ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ބީއެމްއެލް އެކެޑަމީން މެލޭޝިޔާގެ އިންސެފް ޔުނިާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވާސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި ލީޑަރޝިޕް ތަރައްގީކުރުމާއި ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެއެވެ.

ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މީގެ ކުރިންވެސް މި އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ އާއެކު އެއްބަސްވުންތައް ގާއިމުކޮށްފައެވެ.

ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންނެވެ.