މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ބެން އެފްލެކް އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ 'އިންޓަޕޮޒިޓިވް' 587 މިލިއަން ޑޮލަރަށް ނެޓްފްލިކްސް އިން ގަނެފިއެވެ. އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ނެޓްފްލިކްސް އިން ހުށަހެޅި މާލީ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަގުދު ފައިސާއިން އަގު އަދާކުރާ ގޮތަށް މި މުއާމަލާތް ނިންމާފައިވަނީ މި އަހަރުގެ މާޗު މަހުއެވެ.

ލޮސް އެންޖެލިސްގައި ގާއިމުކޮށްފައިވާ އިންޓަޕޮޒިޓިވް އަކީ ފިލްމު އުފެއްދުމުގެ މަރުހަލާގައި ބޭނުންކުރާ އޭއައި ޓެކްނޮލޮޖީ ފަރުމާކުރާ ކުންފުންޏެކެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 16 މުވައްޒަފުން ނެޓްފްލިކްސްގެ ޓީމާ ގުޅޭނެ ކަމަށާއި، ބެން އެފްލެކް ހަރަކާތްތެރިވާނީ ނެޓްފްލިކްސްގެ ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ބެން އެފްލެކް ބުނި ގޮތުގައި، 2022 ވަނަ އަހަރު އޭނާ މި ކުންފުނި އުފެއްދީ ފިލްމު އުފައްދާ ފަރާތްތަކުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭނެ ހާއްސަ އޭއައި ވަސީލަތްތަކެއް ތަރައްގީކުރުމަށެވެ. މިއީ ހަމައެކަނި ލިޔުމަކުން މަންޒަރު އުފައްދާ ޓެކްނޮލޮޖީއެއް ނޫން ކަމަށާއި، މިއީ ފިލްމުގެ އަސްލު މަންޒަރުތަކަށް ބިނާކޮށް ވިޝުއަލް އިފެކްޓްސް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ނިޒާމެއް ކަމަށް އޭނާ ބުންޏެވެ.

ނެޓްފްލިކްސްގެ ކޯ-ސީއީއޯ ޓެޑް ސަރަންޑޯސް ބުނި ގޮތުގައި، މިހާރުވެސް އެ ކުންފުނީގެ ގާތްގަނޑަކަށް 300 އުފެއްދުމެއްގައި އޭއައި ޓެކްނޮލޮޖީ އަންނަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ މީހުން ހިމެނޭ މަންޒަރުތަކާއި ތާރީހީ ހަނގުރާމަތަކުގެ މަންޒަރުތައް ފުރިހަމަކުރުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ފިލްމު އުފެއްދުމަށް ހިނގާ ހަރަދު ކުޑަވެ، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފައިވެއެވެ.

މި މުއާމަލާތާ ގުޅޭގޮތުން މުނިފޫހިފިލުވުމުގެ ސިނާއަތާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ ފިލްމީ ސިނާއަތުގައި އޭއައި ބޭނުންކުރުމަށް ނެޓްފްލިކްސް އިން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ. އަދި 587 މިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ވާދަވެރި އެހެން ކުންފުނިތަކަށް ވެސް އޭއައި ޓެކްނޮލޮޖީއަށް ކުރަންޖެހޭ ހޭދަ އަންދާޒާކުރުމަށް ލިބުނު މިންގަނޑެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.