މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ހަފުތާގައި 1،804 ކޮންޓެއިނަރު ކްލިއާކޮށްފައިވާކަމަށް އެ ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލުން މިއަދު ބުނީ މިމަހުގެ މަހުގެ 12 އިން 18 އަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1،453 ކޮންޓެއިނަރު އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 351 ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި ކްލިއަރެންސް ދެވުނު މުދަލުގެ ޖުމްލަ ބަރުދަނަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުފަހަރުން 41,753.59 ފްރައިޓް ޓަން އަދި އާންމު މުދާ އުފުލާ އުޅަނދުތަކުން 2,179.98 ފްރައިޓް ޓަނުގެ މުދާ ހިމެނޭކަމަށް އެމްޕީއެލުން ބުންޏެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ އަސާސީ ބޭނުންތަކާ ގުޅުންހުރި ކާބޯތަކެތީގެ ބާވަތްތައްކަމަށް އެމްޕީއެލުން ބުންޏެވެ. އެގޮތުން 15,800 އަށްވުރެ ގިނަ ފިޔާ ބަސްތާއާއި، 15,500 އަށްވުރެ ގިނަ ބިސް ކޭސް ވަނީ ބަނދަރުން ދޫކޮށްފައިކަމަށް އެމްޕީއެލުން ބުންޏެވެ. އަދި 4,673 ބަސްތާ އަލުވި، 3,614 ކޭސް ޓޮމާޓޯ އަދި 2,112 ކޭސް ދޮންކެޔޮ މިދިޔަ ހަފުތާގައި ވަނީ ކްލިއާކޮށްފައިކަމަށް އެމްޕީއެލުން ބުންޏެވެ.
ކޮންޓެއިނަރު އުފުލާ ތިން ބޯޓާއި އާންމު މުދާ އުފުލާ ތިން ބޯޓު މި ހަފުތާގައި މާލެއަށް އައިސްފައިވާކަމަށް އެމްޕީއެލުން ބުންޏެވެ. އަދި ހަމަ އެ އަދަދަށް މުދާ ބާލައި ނިމިގެން ފުރާފައިވާ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
މިދިޔަ ހަފުތާގައި 2,028 ކޮންޓެއިނަރު ބަނދަރަށް ބަލާފައިވާއިރު، 1,730 ކޮންޓެއިނަރު ވަނީ ބަނދަރުން ބޭރުކޮށްފައިކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ މުދާ ކްލިއާކުރުމުގެ މަސައްކަތް މިހާރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އަވަސްވެފައި ކަމަށެވެ. މިއީ ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް، ބަނދަރުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާކަމަށް އެމްޕީއެލުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް