ޚުލާސާ

ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅޭ މި މެޗަށް ނުކުންނަ އިރު، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީގެ ލީޑާޝިޕްގެ ދަށުން ނުކުންނަ އާޖެންޓީނާ އިން މަސައްކަތްކުރަމުންދަނީ ތަށި ދިފާއުކޮށް، 1962 ވަނަ އަހަރު ބްރެޒިލުން ހޯދި ކާމިޔާބީއަށްފަހު ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ގައުމަށް ވުމަށެވެ. އަދި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނަ ސްޕެއިނުން މަސައްކަތްކުރަނީ 2010 ގެ ކާމިޔާބު ތަކުރާރުކޮށް، ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ވުމަށެވެ. ސްޕެއިނުން 2010 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެއެވެ.

މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން އެންމެ ފާހަގަކޮށްލެވެނީ ޓީމެއްގެ ގޮތުގައި ދައްކާ ހިތްވަރެވެ. ގަދަ 32 ގައި އާޖެންޓީނާއަށް އިތުރު ވަގުތު ކުޅެގެން ކޭޕް ވާޑް އަތުން މޮޅުވެވުނު އިރު، ގަދަ 16 ގައި މިސްރު އަތުން މޮޅުވީ ފަހަތުން އަރައި ފަހު ވަގުތު ތިން ގޯލު ޖަހައިގެންނެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން ވެސް އާޖެންޓީނާއިން މޮޅެއް ހޯދީ އިތުރު ވަގުތު ކުޅެގެން ފަހު ވަގުތުއެވެ. އަދި ސެމީ ފައިނަލުގައި އިންގްލެންޑް އަތުން ވެސް އާޖެންޓީނާ އިން މޮޅުވީ ފަހަތުން އަރައި ފަހުވަގުތު ދެ ގޯލު ޖަހައިގެންނެވެ.

ސްޕެއިނުން ވެސް ޓީމެއްގެ ގޮތުގައި މި ވޯލްޑް ކަޕްގައި ދައްކަމުންދަނީ ނުރައްކާ ކުޅުމެކެވެ. ޒުވާން ސްކޮޑަކާއެކު ނުކުތް ސްޕެއިނުން ވެސް ގަދަ 16 ގައި ޕޯޗުގަލް އަތުން އަދި ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެރުނު މިޑްފީލްޑަރު މިކެލް މެރީނޯގެ ގޯލުތަކުންނެވެ. އަދި ސެމީ ފައިނަލުގައި ވަރުގަދަ ފްރާންސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ސްޕެއިންގެ ފެންވަރު ސާބިތުކޮށްދިން މެޗެކެވެ. އެހެންކަމުން ސްޕެއިނުން މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ޓީމުތަކެއް ކަޓުވާލުމަށްފަހުއެވެ.

މި މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ މެސީ އާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އަށެވެ. މި ވޯލްޑް ކަޕްގައި ފައިނަލާ ހިސާބަށް އައުމުގައި އާޖެންޓީނާ އިން ޖެހި ކޮންމެ ގޯލެއްގައި ވެސް މެސީގެ ހިއްސާ ބޮޑެވެ. މި ވޯލްޑް ކަޕްގައި މިހާތަނަށް އަށް ގޯލު ޖަހާފައިވާ މެސީ، އުމުރުން 39 ގައި ވެސް އޭނާ އަންނަނީ މުޅި ފުޓުބޯޅަ ދުނިޔެއަށް ހައިރާންކަން ގެންނަމުންނެވެ. އަނެއްކޮޅުން އަނިޔާއަކަށްފަހު ސްޕެއިން ޓީމުން ވިދަމުންދާ ޔަމާލް އަކީ ކުރިއަށްއޮތް ޖީލުގެ އެންމެ ބޮޑު ތަރިއަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިޔާއެވެ. މި ވޯލްޑް ކަޕްގައި ޔަމާލް އެންމެ ގޯލެއް ޖެހި ނަމަވެސް، އޭނާ ވެފައިވަނީ ޑިފެންޑަރުންނަށް ބޮޑު ބިރަކަށެވެ. މެސީ އަދި ޔަމާލް، ދެ ކުޅުންތެރިންނަކީ ވެސް ބާސެލޯނާގެ ލަ މަސިއާގެ އުފެއްދުމެކެވެ.