އިއްޔެ ކުޅުނު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ތިންވަނަ ޑިވިޝަނުގެ ފައިނަލުގައި އެޓޯލް އެފްސީ ބަލިކޮށް، ޓީއެފްޓީ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު ފައިނަލްގައި ޓީއެފްޓީން އަލީ ވަހީދު (ބަލަކް)ގެ ކޯޗުކަމުގައި ކުޅެމުންދާ އެޓޯލް އެފްސީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަމާއެކު، ޓީއެފްޓީ ވަނީ މިހާރު ދެވަނަ ޑިވިޝަންގެ ގޮތުގައި އޮތް މާލެ ރީޖަން ލީގަށް ކޮލިފައިވެފައެވެ.
އިއްޔެ ކުޅުނު މެޗުގެ ދެގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. އެގޮތުން، ޓީއެފްޓީން ލީޑުނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނިޓްގައެވެ. ޓީއެފްޓީގެ އަބްދުﷲ މުއާޒް (އޮޓޯ) ފޮނުވާލި ހަމަލާ، އެޓޯލް އެފްސީގެ ކީޕަރު އިބްރާހިމް ނާޖިހު އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ގޯލަށް ވައްދާލީ ނައިޖީރިއާގެ ފޯވާޑް އިސްމާއިލާ އޮގޫޑުގޫއެވެ.
ޓީއެފްޓީގެ ދެވަނަ ގޯލް ޖަހައިދިނީ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަށް ކުޅެފައިވާ ބ. އޭދަފުއްޓަށް އުފަން އަހުމަދު ސުހައިލް (ބަންބުޗް) އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ސުހެއިލަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑާ ގުޅިގެން ޓީއެފްޓީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމުވެސް ހޯދީ ސުހެއިލެވެ.
ޓީއެފްޓީން ތިންވަނަ ޑިވިޝަން ނެގީ ފަރުހާދު އިސްމާއިލް (ފަރޭ)ގެ ކޯޗުކަމުގައެވެ.
އެފްއޭއެމް ތިންވަނަ ޑިވިޝަން
ކޮމެންޓް