ހުކުރު ނަދާމަދަށްފަހު ޒަރާރް މިސްރާބުޖެހީ ތަނާލްގެ އެޕާޓްމެންޓަށް ދިއުމަށެވެ. ވަގުތު ކުޑަތަންވަމުންދާތީ އޭނަ ހުރީ ހިތްނުތަނަވަސްވެފައެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި ހާރޫނާއި ބައްދަލުވެފައި ވިޔަސް، މިއަދު އޭނަ އެދަނީ މުޅިން އެހެން ނިޔަތެއްގައެވެ. ހުރިހާ ގޮތަކުން ބެލިޔަސް އެއީ ހާއްސަ ބައްދަލުވުމެކެވެ. މަޤުސަދު ވެސް ތަފާތެވެ. ތަނާލްގެ މައިންބަފައިންގެ ރުހުން އޭނައަށް ވަރަށް މުހިންމެވެ. މިއީ ތަނާލްގެ މަންމައާއި ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. ހިތް އަވަސްވާން ފެށުމާއެކު ޒަރާރްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު މަންޒިލާ ހަމައަށް ދެވިއްޖެއެވެ.
ކާރު ޕާކްކޮށްލަމުން ތަނާލްއަށް ޒަރާރް ގުޅާލިއެވެ. ތަނާލް ފޯނު ނެގީ ތިންވަނަ ރިންގާ އެކުގައެވެ.
''އާދެވުނީތަ؟...'' ފޯނު ނަގަމުން ތަނާލް ސުވާލުކޮށްލިއެވެ.
''ތިރީގަ މިހިރީ...'' ޒަރާރް ޖަވާބުދިނެވެ.
''އޯކޭ، އެބަދަން އިނގޭ...'' ތަނާލް ބުންޏެވެ.
*****
''މަންމާ، ޒަރާރް އެބަ ހުރި ތިރީގަ، އަންނާނަން ގޮވައިގެން...'' މެންދުރު ކެއުމަށް ސުފުރާމަތި ތައްޔާރުކޮށް ނިންމާލުމާއެކު ތަނާލް ބުނެލިއެވެ. އޭރު ސުމައްޔާ އުޅުނީ މޭޒު މައްޗަށް ހުރިހާ އެއްޗެއް ހަމަކުރެވުނުތޯ ބަލާށެވެ. މިއަދަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުރީ ބިރިޔާނީއެވެ. ފިހުނު ކުކުޅުގެ އިތުރުން ފަރުމަހެވެ. ދެ ވައްތަރެއްގެ ސެލެޑާއި ޕާޕަރު ވެސް ހުއްޓެވެ. ފޮނި އެއްޗަކަށް ހުރީ ޗީޒް ކޭކެވެ.
ތަނާލްގެ ފަރާތުން ޒަރާރްއަށް ކަމުދާ އެއްޗިސް އޮޅުންފިލުވައިގެން ކެއުން ތައްޔާރުކުރީ ހުދު ސުމައްޔާ އެވެ. އެކަމުގައި ސުމައްޔާއަށް އަތްގާތްކޮށްލަދިނީ ތަނާލް އެވެ. ހުކުރު ނަމާދަށް ދިއުމުގެ ކުރިން ހާރޫން ވެސް ދެމައިންނަށް އެހީވުމުގައި އުޅުނެވެ. އުފާވެރި މާހައުލެއްގައި ހުރިހާ އިންތިޒާމެއް ނިމުނު އިރު، ތަނާލްގެ މޫނުން ފާޅުވަމުން ދިޔަ އުފާވެރިކަމާ މެދު ހާރޫންގެ ދެމަފިރިން ތިބީ ނުހަނު އުފަލުންނެވެ.
''އަވަހަށް ދޭ، އިންތިޒާރުގަ ބަހައްޓާކަށް ނުވާނެ..'' ސުމައްޔާ ހުއްދަ ދިނެވެ. އެވަގުތަކީ އެޕާޓްމެންޓްގެ ދޮރު ހުޅުވާފައި ހާރޫން ވަން ވަގުތެވެ.
''ބައްޕައާ ޒަރާރް ދިމާނުވޭތަ؟، ތިރީގަ ހުރި ވާހަކަ ބުނި...'' ދޮރާއި ދިމާއަށް ބަލަމުން ތަނާލް ސުވާލުކޮށްލިއެވެ.
''ދިމައެއްނުވޭ، ދެންމެތަ އައީ؟...'' ހާރޫން ދިޔައީ ކާމޭޒު ކައިރިއަށެވެ. ތަށްޓަށް ޖޫސްއަޅަން އުޅުނު ސުމައްޔާގެ އަތުން ހާރޫން ޖޫސް ޖަގު ހޯދިއެވެ. ގޮނޑީގައި އިށީނދެ އަރާމުކޮށްލަން ސުމައްޔާ ގާތުގައި ހާރޫން އެދުނެވެ. އެއަށްފަހު ތަށްޓަށް ޖޫސް އެޅީ ހާރޫނެވެ.
''ދެންމެ އެގުޅީ، ބައްޕައަށް މާ އަވަހަށް ތިއާދެވުނީ... އަޅުގަނޑު އަންނާނަން ޒަރާރް ގޮވައިގެން....'' ހިނިތުންވުމަކާއެކު ތަނާލް ބުނެލިއެވެ. އޭނަ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ތިރިއަށް ދިއުމުގެ ކުރިން ކުޑަކޮށް ރީތި ވެލާށެވެ. ޒަރާރްގެ ކުރިމައްޗަށް ދާއިރުގައި ޒީނަތްތެރިވުމަށް ތަނާލްގެ ހިތް އެދެއެވެ.
''ތަނޫ ވަރަށް އެކްސައިޓްވެފަ ހުރިހެން ހީވަނީ...'' ހާރޫން ހިނިތުންވެލިއެވެ. އެކަމާއި ސުމައްޔާ އެއްބަސްވިއެވެ. ދެމަފިރިން އޮލަވާހަކައެއްގައި ތިއްބާ ތަނާލް ކޮޓަރިން ނިކުތެވެ.
*****
ލިފްޓްގައި ހުރި ތަނާލްގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. މިއަދަށް ކުރެވެމުންދާ ފޮނި އުއްމީދުތައް ތަނާލްގެ މޫނުން ރަމްޒުކޮށްދެއެވެ. އޭނަގެ ހުވަފެންތަކުގައި ޖެހެމުންދާ ހަޤީޤީ ކުލަތަކުން ތަނާލް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އުފާވެރިކަމުގެ އާލަމުގައި އުދުހެވެމުންދާކަމުގެ އިހުސާސް ކުރެވުނެވެ.
ބޭރަށް ނިކުމެވުމާއެކު ކާރަށް ލެނގިލައިގެން ހުރި ޒަރާރް ތަނާލްއަށް ފެނިއްޖެއެވެ. މަޑު ނޫކުލައަށްދާ ލިނެން ގަމީހަކާއި، ހުދުކުލައިގެ ޗީނޯ ޕޭންޓެއްގައި މުށިކުލައިގެ ލޫފާއަކަށް އަރައިގެން ހުރި ޒަރާރް ވަރަށް ސްމާޓެވެ. ގަމީހުގެ އަތުކުރި ވަނީ އަތުގެ މެދާހަމައަށް އޮޅާފައެވެ. ޕޭންޓްގެ އަރިމަތީ ޖީބަށް އަތްޖަހައިގެން ހުރެފައި ތަނާލް ފެނުމުން ފުރިހަމަ ހިނިތުންވުމެއް ދިނެވެ. އެއަށްފަހު ލޮލުގައި އަޅާފައި އޮތް އަވިއައިނު ނަގަމުން ގަމީހުގެ ކުރިމަތީ ޖީބަށް ލިއެވެ. ޒަރާރްގެ ކޮންމެ ހަރަކާތެއް ތަނާލްއަށް ފާހަގަ ކުރެވުނެވެ. އޭނަގެ ހިތަށް އެފިރިހެންވަންތަކަމުން އެނގުން ވިއެވެ. ފުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.
''ހެލޯ ބިއުޓިފުލް...'' ތަނާލްގެ ކުރިމައްޗަށް ހުއްޓެމުން ޒަރާރް ބުންޏެވެ. ތަނާލް ފެނުމުން ކޮންމެވެސް ވަރަކަށް ޒަރާރް ހަމައަކަށް އެޅުނެވެ. ސިކުނޑިއަށް ގިނަވެފައިވި ޚިޔާލުތަކާ ދުރުވާން ފަސޭހަ ވިއެވެ.
ލަދުރަކި ހިނިތުންވުމަކާއެކު ތަނާލް އިޝާރާތްކޮށްލީ އިމާރާތުގެ މައިދޮރާއި ދިމާއަށެވެ. އެވަގުތު ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ.
''މަޑުކޮށްބަލަ...'' ޒަރާރް ބުނެލިއެވެ. ޒަރާރްގެ ދެލޮލާއި ނަޒަރު ސީދާކޮށްލަމުން ތަނާލް ބުމަ އަރުވާލިއެވެ.
''އައިމް ކައިންޑަ ނާވަސް...'' ކުރިއަށް އެޅި ފިޔަވަޅާއެކު ހިތުގެ އިހުސާސްތައް ތަނާލްއާއި ޒަރާރް ހިއްސާކޮށްލިއެވެ.
''ޔޫ ޑޯންޓް ހޭވް ޓު ބީ... މަންމައާއި ބައްޕައަށް ޒަރާރް ވަރަށް ކަމުގޮސްފި... ބައްދަލުވީމަ އެނގޭނެ...'' ތަނާލް ބުނެދިނެވެ.
''ތަނޫގެ ބައްޕަ ގުޅީމަ ހާދަ ހާސްވިޔޭ...'' ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ޒަރާރް ބުންޏެވެ.
''ބައްޕަ ބުންޏޭ...'' ތަނާލް ގާތަށް ހިނިއައެވެ. ''ހިނގާ އަވަހަށް ދަމާ...''
''އޯކޭ، އޯކޭ، އެކަމަކު އޭގެ ކުރިން އެއްޗެއް އަހާލަން ބޭނުން...'' ތަނާލްގެ ކުރިމައްޗަށް އަރަމުން ޒަރާރް ބުނެލިއެވެ.
މޭގައި ދެއަތް ހުރަސްކޮށްލަމުން ތަނާލް ބުމަ އަރުވާލިއެވެ. ލުއި ހިނިތުންވުމެއް ތަނާލްގެ ތުންފަތާ ކުޅެމުން ދިޔަ އެވެ. އެއީ ޒަރާރް ބޭނުންވި ގޮތެވެ. އޭނަ ދެކެން ބޭނުންވަނީ އެރީތި ހިނިތުންވުންތަކެވެ.
''ހައު ޑޫ އައި ލުކް؟...'' ދެއަތް ފުޅާކޮށްލަމުން ޒަރާރް ނިތްއަރުވާލިއެވެ.
''ހޫމްމްމް...'' ކޮލުގައި ޝަހާދަތްއިނގިލި ޖައްސާލަމުން ވިސްނާކަމަށް ތަނާލް ހެދުނެވެ.
''ކަމަކުނުދޭ؟...'' ޒަރާރްއަށް އަހާލެވުނެވެ.
''ނޫން، ވަރަށް ބޮޑަށް ކަމުދޭ، ވަރަށް ހޭންޑްސަމް، ހެޕީ؟...'' ތަނާލް ބުނެލިއެވެ.
''ވާއު، ތިހާ ލޯބިން ތައުރީފުކުރީމަ މި މޯމެންޓް ޖެހޭނެ ރިކޯޑްކުރަން...'' ޖީބުން ފޯނު ނަގަމުން ޒަރާރް ބުނެލިއެވެ. އިންޒާރުގެ ނަޒަރަކުން ޒަރާރްއަށް ތަނާލް ބަލައިލިއެވެ. އެއާއެކު ޒަރާރްގެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވުނެވެ.
ތަނާލްގެ ފަހަތުން ޒަރާރް ހިނގައިގަތެވެ. ލިފްޓާއި ހަމައަށް ގޮސްފައި ކަމެއް ހަނދާންވެގެން ޒަރާރް މިސްރާބުޖެހީ ކާރާއި ދިމާއަށެވެ. އެމަންޒަރު ބަލަން ހެވިފައި ތަނާލް ހުއްޓެވެ.
ކާރުގެ ޑިކީން ޒަރާރް ނެގީ ޕޮޓެއްގައި ހުރި ކުޑަ ލެވެންޑާރ ގަހެކެވެ. އެއީ ތަނާލްގެ މަންމައަށް ހަދިޔާއެއްގެ ގޮތުގައި ޒަރާރް ގެނައި ގަހެކެވެ.
''މަންމަ ވަރަށް އުފާވާނެ...'' ތަނާލްގެ ގާތަށް ހުއްޓުނު ޒަރާރްގެ އަތުގައި އޮތް ގަހަށް އިޝާރާތްކޮށްލަމުން ތަނާލް ބުނެލިއެވެ.
''އައި ހޯޕް ސޯ...'' ތަނާލްގެ ފަހަތުން ލިފްޓަށް އަރަމުން ޒަރާރް ބުންޏެވެ.
*****
ސުމައްޔާއާއި ހާރޫން ތިބީ ބޮޑުކޮޓަރީގެ ސޯފާގައެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވުމާއެކު ދެމަފިރިން އެކުއެކީގައި ސޯފާއިން ތެދުވިއެވެ. ކުރީގައި ހުރީ ހާރޫނެވެ. ޒަރާރްއާއި ސަލާމްކޮށްލަމުން، ޒަރާރްއަށް ސުމައްޔާ ތަޢާރަފްކޮށްލަދިނީ ވެސް ހާރޫނެވެ. އެވަގުތު އަތުގައި އޮތް ކުޑަ ޕޮޓް ސުމައްޔާއަށް ޒަރާރް ދިއްކޮށްލިއެވެ. ތަނާލްއާއި ބަދަލުކޮށްލި ނަޒަރާއެކު ޒަރާރް ދިން ހަދިޔާގައި ސުމައްޔާ ހިފިއެވެ. ޒަރާރް ކަމުގޮސްފިކަމުގެ ލިސާންތައް ސުމައްޔާގެ މޫނުން ފާޅުވިއެވެ. ތަނާލްއާއި ބަދަލުކޮށްލި ހިނިތުންވުމުން އެކަމަށް ހެކިދިނެވެ.
''އައްދެ، ކޮބާ ބައްޕައަށް ގެނައި ހަދިޔާ؟...'' ޒަރާރް ގޮވައިގެން ހާރޫން ދިޔައީ ބޮޑުކޮޓަރިއަށެވެ. ކެއުމުގެ ކުރިން ކުޑަކޮށް ވާހަކަދައްކާލައި ބީރައްޓެހިކަމަށް ނިމުމެއް ގެނައުމަށެވެ. ޒަރާރް އިށީނުމަށް ހާރޫން އިޝާރާތްކޮށްލީ ވަކިން ހުރި ސޯފާ ގޮނޑިއަށެވެ. ބޮޑު ސޯފާގައި ތިބީ ސުމައްޔާއި ހާރޫނުގެ އިތުރުން ތަނާލް އެވެ.
ހާރޫންގެ ޖުމްލަ ޒަރާރްއަށް ފާހަގަ ކުރެވުނެވެ. ބައްޕާއޭ ކިޔައި މުހާތަބުކުރުމަށް ދިން އިޝާރާތެއްކަން ވެސް ނަގައިގަތެވެ. ބަޔާންކުރަން ދަތި އުފާވެރިކަމުގެ ރާހަތެއް އިހުސާސް ކުރެވުނެވެ. ނަމަވެސް އޭނަ ހާސްވާ ގޮތް ވެއްޖެއެވެ. ހާރޫނަށް ހަދިޔާއެއް ނުގެނެވުނީތީއެވެ.
''ބައްޕަ މަޖަލަކަށް ބުނި އެއްޗެކޭ، ދަރިފުޅުގެ ފަރާތުން ބައްޕަ ބޭނުންވާ ހަދިޔާ ލިބިއްޖެ، ތަނޫގެ އުފާވެރިކަމާއި ގުޅިފައިވަނީ ދަރިފުޅު، އެކަމަށް ޝުކުރުވެރިވާނެ ގޮތެއް ބައްޕައަކަށް ނޭނގޭ...'' ހާރޫން ޖަޒުބާތީވިއެވެ. ލޯތްބާއެކު ތަނާލްގެ ބޮލުގައި ފިރުމާލަމުން ޒަރާރްއަށް ހާރޫން ބަލައިލިއެވެ. އެބެލުމުގައިވި މާނަ ޒަރާރްއަށް ދޭހަކުރެވުނެވެ. އަމާނާތެއްގެ ގޮތުގައި ހަވާލުކުރެވޭ ހާރޫންގެ ހިތުގެ އެއްބައިކަމުގައިވާ ތަނާލްއަށް ލޯތްބާއި އަޅާލުމުގެ އިތުރުން ހިމާޔަތް ދިނުމަށް ކުރެވޭ އުއްމީދެވެ.
''މިއަދު އާދެވިފައިވި ހިސާބަށް އައުމަށް ތަނޫގެ ހިތްވަރު ފާހަގަކޮށްލަން އަޅުގަނޑު ބޭނުމީ... މާޒީގެ ހިތްދަތިކަމާ ކުރިމަތިލާން ތަނޫއަށް ބޭނުންވީ ހަމައެކަނި މީހެއްގެ ކުޑަކުޑަ އެހީއެއް... އަޅުގަނޑު މަސައްކަތް ކުރީ އެ އެހީތެރިކަން ފޯރުކޮށްދެވޭތޯ...'' ތަނާލްގެ ކެތްތެރިކަމަށް އަލިއަޅުވާލަމުން ޒަރާރް ވާހަކަދެއްކިއެވެ. ލިބުނު ކާމިޔާބީގައި ތަނާލް ޝާމިލުކުރަމުން ޒަރާރް ވާހަކަދެއްކީ އެއީ ހަޤީޤަތަށް ވާތީއެވެ. ދެޒުވާނުންގެ ލޯބީގެ ކާމިޔާބީގައި ތަނާލްގެ ހިއްސާ ބޮޑެވެ. ތަނާލްއަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އެޖުމްލަ ވެގެން ދިޔައީ ހަރޫންގެ ނަޒަރުގައި ޒަރާރްގެ ޤަދަރު އުފުލިގެން ދިޔަ ކަމަކަށެވެ. ޒަރާރްގެ ފަރާތުން ތަނާލްއަށް އެއްވެސް ކަމެއް އުނިނުވާނެކަމުގެ ޔަޤީންކަން ލިބިގެން ދިޔައެވެ. ތަނާލްގެ މާޒީ އެނގިހުރެ ޒަރާރްގެ ފަރާތުން ލިބޭ އެއްބާރުލުން ހަރޫން ފާހަގަ ކުރިއެވެ. ޒަވާޖީހަޔާތަކަށް ބޭނުންވަނީ ހަމައެކަނި ލޯބި ދޭނެ ބައިވެރިޔެއް ނޫނެވެ. ކައިވެންޏެއް ދަމަހައްޓަން ބޭނުންވަނީ އިހުސާސްތަކަށް ޤަދަރުކުރާނެ ބައިވެރިއެކެވެ. އަބަދު ލޯބީގެ އާލަމުގައި ފިޔަ ނުޖެހޭނެކަން ދަންނަން ޖެހޭނެއެވެ. ކައިވެނީގެ ގުޅުން ދަމަހައްޓަން ބޭނުންވަނީ ހިމާޔަތް ދޭނެ ސާފު ހިތެއްގެ ވެރިއެކެވެ. ވަފާތެރިކަމާއެކު ސާބިތުވެހުންނަން ވެސް ޖެހޭނެއެވެ.
ވާހަކަދެކެވި ޒަރާރްގެ ހިތުގެ މުރާދު ބަޔާންކޮށްދިނުމާއެކު، ކައިވެންޏަށް ހާރޫންގެ ފަރާތުން ނިކަން ފަސޭހައިން ރުހުން ލިބުނެވެ. ޒަރާރްއާ މެދު އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
''ދެން މީ ވެސް ދަރިފުޅުގެ ޢާއިލާ އިނގޭ، ބައްޕައޭ ކިޔާފަ ގޮވަން ވާނީ...'' ހާރޫން އެދުނެވެ. އުފާވެރިކަމާއެކު ޒަރާރް ބޯޖަހާލިއެވެ.
ސުމައްޔާއަށް ޒަރާރްގެ ނުގުޑާނެ އަޒުމު ފެނުނެވެ. ތަނާލްދެކެ ފުރިހަމައަށް ލޯބިވާނެކަމުގެ ޔަޤީންކަން ވެސް ލިބުނެވެ. ދަރިފުޅުގެ ނަސީބާ މެދު މާތްﷲއަށް ހަމްދުކުރެވުނެވެ.
''މިހާރު ވަރަށް ވާހަކަދެކެވިއްޖެއެއްނު... ދެން ހިނގާ ކާން ދަމާ، ކާއެއްޗިސް ފިނިވާން އުޅޭނެ...'' ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ފޮހެލަމުން ސުމައްޔާ ބުންޏެވެ.
ސުމައްޔާގެ ފަހަތުން އެންމެން ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. ކާއެއްޗިސް ފެނުމާއެކު ޒަރާރްއަށް ބަލައިލެވުނީ ތަނާލް އަށެވެ. ތަނާލް ހުރީ ހިނިތުންވެލައިގެންނެވެ. ޒަރާރް ވެސް ހިނިތުންވުމަކާއެކު، ސުމައްޔާ ދެއްކި ގޮނޑީގައި އިށީނެވެ.
ވާހަކައިގެ ތެރެއިން މެންދުރުގެ ކެއުމަށް އިންސާފުކުރެވުނެވެ. ބިސްމީގެ ބަރަކާތުން ކެއުން ފަށަމުން ސުމައްޔާގެ ހުނަރަށް ޒަރާރް ތައުރީފުކޮށްލިއެވެ. ސުމައްޔާއަށް ހެވުނެވެ. ވަކިވަކިން ޒަރާރްއާއި ތަނާލްއަށް ސުމައްޔާ ބަލައިލިއެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ ހާރޫނަށެވެ. ހާދަ ގުޅޭ ޖޯޑެކޭ ބުނި ކަހަލައެވެ.
މެންދުރުގެ ކެއުމަށްފަހު ޒަރާރްއާއި ވަކިން ވާހަކަދައްކާލަން ސުމައްޔާ ބޭނުން ވިއެވެ. ކައިވެނީގެ ތައްޔާރީތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްލުމަށެވެ. އެކަމުގެ ތެރެއިން ޒަރާރްގެ ޢާއިލާގެ މަސްރަހު އޮޅުން ފިލުވުން އެއީ ސަމައްޔާގެ މައިގަނޑު މަޤުސަދެވެ. އެކަން ހާރޫނަށް ވިސްނުނެވެ.
''ދަރިފުޅު ހާސްނުވެބަލަ، ބައްޕަ ހުންނާނަމޭ، ބައްޕަ ހުއްޓާ ޒަރާރް ފޮނުވާލާކަށް ނުކެރޭނެޔޭ...'' ހާރޫން ބުންޏެވެ.
ތަނާލްއާއި ހަތަރުކަޅިހަމަކޮށްލަމުން ޒަރާރް ބޯޖަހާލިއެވެ. ތަނާލް ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ. މަންމަމެންގެ މަޝްވަރާތައް ނިމެންވާއިރަށް ޒަރާރްއާއި ހިއްސާކުރަން ބޭނުންވެފައިވި މައުޟޫޢުއަށް ތައްޔާރުވެލުމަށެވެ.
ޒަރާރް ގޮވައިގެން ސުމައްޔާ ހިނގައިގަތީ ބޮޑުކޮޓަރިން ނިކުމެވެން ހުރި ބެލްކަންޏަށެވެ. އެއީ ޖާގައިގެ ގޮތުން ތަނަވަސްތަނެކެވެ. އެކި ކަހަލަ ބަގީޗާ ގަސްތަކުން މާހައުކަށް ދިރުން ގެނެސްދީފައި އޮތެވެ. ޖެހިލާ ރޯޅިތަކުގައި ވަނީ މާމެލާމެލީގެ މީރު ވަހެވެ.
ޒަރާރް ގޮވައިގެން ސުމައްޔާ އިށީނީ ބެލްކަނީގައި ހުރި އުނދޯލީގައެވެ. ހާރޫން އިށީނީ ސަރަންފީގައެވެ.
''ތިދެކުދިންގެ ގުޅުމާމެދު މަންމަ ވަރަށް އުފާވޭ... އެކަމަކު ކައިވެނީގެ ތައްޔާރީތަކުގައި ދަރިފުޅުގެ ޢާއިލާގެ ފަރާތުން އެއްބާރުލުން ލިބެން ވާނެ، ދަރިފުޅުގެ ޢާއިލާއާއީ ތަނޫގެ ވާހަކަ ހިއްސާކުރިންތަ؟...'' ސުމައްޔާ ބުންޏެވެ. އޭނަގެ ސިކުނޑީގައި ބިންވަޅުނެގިފައިވި ހާސްކަމަށް ސުމައްޔާ އަލިއަޅުވަން ފެށިއެވެ.
''ލައްބަ، މާމައާއި ކާފައާއި އަޅުގަނޑު ހިއްސާކުރިން، ކާފަމެންނާއި ތަނޫ ވާނީ ބައްދަލުވެފަ، ތަނޫ ދެކެ މާމައާއި ކާފަ ވަރަށް ލޯބިވޭ...'' ޒަރާރް ބުންޏެވެ. އެޖުމްލައިން ސުމައްޔާއަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ.
''ދަރިފުޅުގެ ބައްޕަމެން ގާތު ބުނިންތަ؟...'' ސުމައްޔާ އެހިއެވެ.
ސުމައްޔާގެ ސުވާލުތަކުގެ މިސްރާބު ޒަރާރްއަށް ފަހުމުވީ ދެނެވެ. އެއާއެކު އޭނަ އަވަސްވެގަތީ އޭނައާއި ތަނާލްގެ ގުޅުމަށް އެންމެންގެ ރުހުން ލިބޭނެކަމުގެ ޔަޤީންކަން ދޭށެވެ. އެގުޅުމަށް އިންކާރު ކުރާނެ މީހަކު ނުހުންނާނެކަން ބުނެދޭށެވެ. ޒަރާރްގެ ވާހަކަތައް ކަނުލާއަޑުއަހަން އިނދެފައި ސީދާ އޭނަގެ މައުޞޫޢުއަށް ސުމައްޔާ ދިޔަ އެވެ.
''އަޒީލާ؟...'' ސުމައްޔާ އެހިއެވެ. ކުރިން ވެސް އެކަމަކާއި ގުޅުވައިގެން ސުމައްޔާ ސުވާލު ކުރާނެކަން ހާރޫނަށް ލަފާކޮށްލެވުނެވެ. އެއްޗެއް ނުބުނެ އިނީ އެހެންވެގެންނެވެ. އެސުވާލުތަކުގެ ޖަވާބު ސުމައްޔާ ބޭނުންވާނެ މިންވަރު އެނގޭތީއެވެ.
''މަންމަގެ ރުހުން ވެސް ތަނޫއަށް ލިބޭނެ... ޢާއިލާގެ އެންމެން ވެސް ތަނޫ ދެކެ ލޯބިވާނެ، އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ ފަރާތުން ތަނޫ ދެރަވާނެ ފަދަ ކަމެއް ކުރިމައްޗެއް ނުވާނެ، އަޅުގަނޑު އެޔަޤީންކަން ދޭނަން.......... އަޅުގަނޑު ދެކޭ ގޮތުގައި އިތުބާރު އޮތިއްޔާ ގުޅުން ވަރުގަދަވެގެންދާނެ، ތަނޫއާއި އަޅުގަނޑާ ދެމެދު އޮންނަން އަޅުގަނޑު ބޭނުންވަނީ އެފަދަ މާތް ގުޅުމެއް، އަޅުގަނޑު ތަނޫއަށް ހިމާޔަތާއި ރައްކާތެރިކަން ދޭނަން، އަޅުގަނޑުގެ އަންބެއްގެ މަޤާމުގައި ހުރެގެން އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް އުނިވުމުގެ ފުރުސަތެއް ނުދޭނަން، މިއީ އަޅުގަނޑު ވާ ވަޢުދެއް، ތަނޫ ދެރަވާ ކަހަލަ ކަމެއް އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ވެސް ކުރިމައްޗެއް ނުވާނެ، ވުމުގެ ފުރުސަތެއް ވެސް ނުދޭނަން...'' ސާބިތުކަމާއެކުގައި ޒަރާރް ބުންޏެވެ.
ޒަރާރްގެ ޖުމްލައާއެކު ސުމައްޔާގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. ޒަރާރްގެ ޢާއިލާއާ މެދު ހުރި ކަންބޮޑުވުންތަކަށް ނިމުމެއް އަތުވެއްޖެއެވެ.
''ތަނޫއާއެކު ޒަވާޖީހަޔާތެއް ފަށަން އަޅުގަނޑު ގަސްދުކުރީ ދުވަހަކު ވަކިވާން ބޭނުންނުވާ ފަދައިން، ދެދުނިޔެއިން ލިބެން އެދެވޭނެ ބައިވެރިޔަކީ ތަނޫ، އަޅުގަނޑު ތަނޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ، ތަނޫ ދެރަވެއްޖެއްޔާ އަޅުގަނޑު ވެސް ދެރަވާނެ...'' ޒަރާރް ބުންޏެވެ.
''ތިހާ ފުރިހަމައަށް ތަނޫ ދެކެ ލޯބިވާނެ ބައިވެރިޔަކު ލިބުނީތީ މަންމަ ވަރަށް އުފާވެއްޖެ...'' ސުމައްޔާގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ.
''މަންމާ އަޅުގަނޑު ބޭނުން އެއްޗެއް ބުނެލަން...'' ޒަރާރް އެދުނެވެ. ''އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ޢާއިލާއާ ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވޭކަން، އެކަމަކު އަޅުގަނޑު އެދެނީ އެކަންތަކަށް ސަމާލުކަން ނުދިނުމަށް، މިއަދު އަޅުގަނޑު މަންމަގެ މަޤާމުގައި ހުރީ އަޒީލާ، އެހެންކަމުން އަޅުގަނޑު ދެކެނީ އެއީ ހަމަ އަޅުގަނޑުގެ މަންމަގެ ގޮތުގައި، މާޒީގައި ވެދިޔަ ކަންތައް ހަނދާންނައްތާލުމަކީ އެންމެ ބުއްދިވެރި ގޮތް...''
އަޒީލާއަށް ލިބެންޖެހޭ ޤަދަރާއި އިއްޒަތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން ޒަރާރް ވާހަކަދެއްކުމުން، ޒަރާރްގެ މިޒާޖާއި ޝަހުސިއްޔަތުގެ ފުރިހަމަކަން ހާމަކޮށްދިނެވެ. ދުރުވިސްނޭ މިންވަރު ވެސް މެއެވެ.
''މަންމަ އެކަހަލަ ކަންކަމަށް އަޅާނުލަން، ދަރިފުޅާ ކައިވެނިކޮށްގެން ތަނޫ ދިރިއުޅެންދާނީ ދަރިފުޅާއެކުގަ، މަންމަ ބޭނުންވަނީ ތަނޫއަށް ފުރިހަމަ ދިރިއުޅުމެއް ލިބެން، މިއަދު ހުރިހާ ކަމެއް ސާފުވެއްޖެ...'' ޒަރާރްގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން ސުމައްޔާ ބުންޏެވެ.
''ދަރިފުޅުމެން ކައިވެނި އަވަސްކުރަން ބޭނުންވަންޏާ އަވަހަށް ތައްޔާރީތައް ފަށަންވީ...'' ހާރޫން ބުންޏެވެ. އެހިސާބުން މަޝްވަރާ ކުރެވުނީ ދެފަރާތުގެ ޢާއިލާ ބައްދަލުކުރާނެ ތާރީހަކަށެވެ. ރަހުމާއާއި އަލީގެ ހާޒިރުގައި މެނުވީ މަޝްވަރާތައް ފަށަން ޒަރާރް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނަ ގުޅީ ރަހުމާ އަށެވެ. އަދި ސުމައްޔާ އަތަށް ފޯނު ދިނެވެ. ފޯނުކޯލް ނިމުނީ އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ތާރީހު ކަނޑައަޅަމުންނެވެ. ރަހުމާއާއި އަލީ ހޯމަ ދުވަހު މާލެ އަންނަ ގޮތަށެވެ.
''ބައްޕަ އަންނާނަން ތަނޫ ގޮވައިގެން، މިހާރު ހުންނާނެ ވީނުވީ ނޭނގިގެން...'' ހާރޫން ބުނެލިއެވެ.
*****
ޒަރާރްގެ ގާތަށް ތަނާލް އައީ ފޮޓޯ އަލްބަމެއް ހިފައިގެންނެވެ. އެއާއެކު ސުމައްޔާއަށް ތަނާލްގެ މަޤުސަދު ވިސްނައިގަނެވުނެވެ. ތަނާލްއާއި ޒަރާރްއަށް އެކަނި ވާހަކަދެއްކުމުގެ ފުރުސަތު ފަހިކޮށްދެމުން ހާރޫންގެ ދެމަފިރިން ދިޔައީ ބޮޑުކޮޓަރިއަށެވެ.
''އަހަރެން ބޭނުން ހާއްސަ މީހަކަށް ޒަރާރް ތަޢާރަފްކޮށްދޭން...'' އުނދޯލީގައި އިށީންނަމުން ޒަރާރް ބުނެލިއެވެ. އެއަށްފަހު އަތުގައި އޮތް އަލްބަމް ހުޅުވާލިއެވެ.
ތަނާލް ދެއްކި ތަސްވީރުގައި ހުރި ޒުވާނާއަށް ޒަރާރް ބަލައިލިއެވެ. ބަލާބެލުމަށް އޭނަގެ އުމުރާއި ވާނީ ދާދި އެއްވަރެކެވެ. އެޒުވާނާގެ ޖެހިގެން ފޮޓީގައި ދެން ހުރީ ތަނާލް އެވެ. ކައިވެނީގެ ހެދުމުގައި ހުރި ތަނާލްގެ މޫނުން ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. ލޯބި ރަމްޒުކޮށްދެއެވެ. އެފޮޓޯ ފެނުމުން ޒަރާރް ދެރަވިއެވެ. ހިދާންއާއެކު އެފަދަ އުފާވެރިކަމެއް ތަނާލް ތަޖުރިބާކޮށްފައިވާތީއެއް ނޫނެވެ. ހިދާންއާ މެދު އެހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ. އޭނަ މާޔޫސްކޮށްލީ ތަނާލްއަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުންނެވެ. ހިދާންގެ ވަކިވުމަށްފަހު ތަނާލްގެ ހަޔާތް ބަނަވެގެން ދިޔަ ގޮތާ މެދު ވިސްނި ޒަރާރްގެ މޭގައި ރިއްސާލިއެވެ. ތަނާލްގެ އެކަނިވެރިކަމާއި ހިތާމަތައް ތަސައްވަރުކޮށްލެވުނެވެ.
''އައިމް ސޯ ސޮރީ ޔޫ ހެޑް ޓު ގޯ ތްރޫ އޯލް ދެޓް ޕެއިން...'' ފޮޓޯ އަލްބަމް ލައްޕާލަމުން ޒަރާރް ބުނެލިއެވެ.
''ކުރިން ދެރަވި، މިހާރު މަޑުމަޑުން ހަމައަކަށް އެޅިއްޖެ...'' ޒަރާރްއާއި ހަތަރުކަޅި ހަމަކުރަމުން ތަނާލް ބުނެލިއެވެ.
''އައިމް ގްލޭޑް ވީ މެޓް ދެޓް ނައިޓް...'' އިއްތިފާޤީ ބައްދަލުވުމަށް އަލިއަޅުވާލަމުން ޒަރާރް ބުނެލިއެވެ. އެރޭގެ ހާއްސަކަން ދުވަހަކު ފަނޑުވެގެން ނުދާނެއެވެ. އޭނަގެ ހިތުގައި ތަނާލްއަށްޓަކައި ޝައުޤުވެރިކަން އުފެދުނީ އެރެއަށްފަހުގައެވެ. މާނަ ފުން ގުޅުމަކަށް ދައުވަތު ދެމުންނެވެ. އޭނަގެ މުޅި ދުނިޔެއަށް ތަނާލް ވެއްޖެއެވެ.
ޒަރާރްގެ އެދުމުގެ މަތިން ހިދާންއާއި ބައްދަލުވި ގޮތުގެ ވާހަކަތައް ތަނާލް ހިއްސާކުރިއެވެ. ތަނާލްގެ ދިރިއުޅުމުގެ އެބާބަށް ދުވަހަކު ނިމުމެއް ނާންނާނެކަން ޒަރާރް ޤަބޫލުކުރެއެވެ. އޭނަ ބޭނުންވަނީ އެހުރިހާ ހަނދާންތަކާއެކު ތަނާލް ބަލައިގަންނާށެވެ.
''އަހަރެންގެ ދުޢާއަކީ ތަނޫއާއެކު އުފާވެރި ހަޔާތެއް މިންވަރުކޮށްދެއްވުން، އެކަމަށް އެދި އަހަރެން އަބަދު ދުޢާކުރާނަން.... ތަނޫއާއެކު މުސްކުޅިވެ ބޮޑު ޢާއިލާއެއް ބިނާކުރުން އެއީ އަހަރެންގެ ހުވަފެނެއް...'' ޒަރާރް ބުނެލިއެވެ.
''ބޮޑު ޢާއިލާއެއް؟...'' ތަނާލް ބުނެލިއެވެ.
''އާނ، ވީ ބޯތް އާރ ޔަންގް، ފުޓްބޯޅަ ޓީމެއް ހަމަކޮށްލަންވާނެއެއްނު، ކީކޭ ތަނޫ ބުނަނީ؟...'' ލާނެއްކަމާއެކު ޒަރާރް ބުނެލިއެވެ.
''ޒަރާރް...'' ބެލްކަނީގެ ދޮރަށް އަވަސް ނަޒަރެއް ދެމުން ތަނާލް ގޮވާލިއެވެ. ދޮރު ލައްޕާފައި ހުރުމުން ބޮޑުކޮޓަރިއާއި ހަމައަށް އެވާހަކަތައް ނުފޯރާނެކަމުގެ ޔަޤީންކަން ލިބުނެވެ.
''ތަނޫ ބޭނުމެއް ނޫންތަ؟...'' ޒަރާރް އެހިއެވެ.
ތަނާލް ލަދުގަންނަ ގޮތްވުމުން އޭނަ އުޅުނީ އުނދޯލިން ތެދުވާށެވެ. ލުއި ހުނުމަކާއެކު ޒަރާރް ވެސް ތެދުވިއެވެ.
''މެރީކޮށްގެން އެސުވާލުގެ ޖަވާބު ހޯދާނަން އިނގޭ...'' ޒަރާރް ބުނެލިއެވެ.
*****
ހަވީރު ސައި ގަޑީގައި ޢާއިލާގެ ހުރިހާ އެންމެނަށް ޒަރާރް ދައުވަތު ދިނެވެ. ހާއްސަ ވާހަކައެއް ހިއްސާކުރަން ބޭނުން ކަމަށް ބުނެއެވެ. ދައްޔާނަށް ވެސް ގުޅައިގެން ގެނައެވެ. އަޒީލާ އައީ ކަންބަލަންވެގެންނެވެ. އެންމެން ތިބީ ގޭގެ ޕާޓިއޯގައެވެ. އޭރު ހަވީރު ސަޔަށް ބޭނުންވާ ކާއެއްޗިސް ވެސް ގެނެވިއްޖެއެވެ. އެންމެ ލަހުން އާދެވުނީ ދައްޔާނަށެވެ. ޒަރާރްގެ އެދުމުގެ މަތިން ޝަބާނާ ވެސް ހުއްޓެވެ.
ސޯފާގައި ދައްޔާން އިށީނެވެ. ޒަރާރްގެ މޫނުން ފެނުނު އުފާވެރިކަމަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދައްޔާން ދެކުނެވެ. ކުއްލިޔަކަށް ޢާއިލާގެ މެންބަރުން ހަމަކޮށްގެން ދައްކަން އުޅޭ ވާހަކައާމެދު އޭނަ ބިރުގަންނަ ގޮތް ވެއްޖެއެވެ. އެކަމާއި ތަނާލްއާ ގުޅުމެއް ނުވާނެ ގޮތެއް ނެތްކަން ހަވަނަ ހިއްސު އަންގައިދިނެވެ. ޒަރާރް ވާހަކަދައްކަން ނުފަށަނީސް ދައްޔާނަށް ބުމަ ކައިރިކޮށްލެވުނެވެ. ރުޅީގެ އަސަރު ފަރުދާކުރުން ވީ އުނދަގޫ ކަމަކަށެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ފުރުސަތު މި އެދޭ
ކޮމެންޓް