ހުޅުމާލޭ ނިރޮޅުމަގުގެ 19 ނަމްބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭގައި ވަޅިން ހަމަލާދީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު، އެމްޑީ ޝަމީމް މަރާލި ކަން، އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ)ގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ސޯޅަ އޭޕްރީލް 2022 ވަނަ ދުވަހުގެ ހަވީރު ހާންޖީ ރެސްޓޯރެންޓްގައި ހިނގި ހަމަނުޖެހުމުގައި ވެއިަޓަރު މަރާލި މައްސަލައިގައި، ޝެފްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
އެ ދައުވާގައި ބުނެފައިވަނީ، ބަންގްލަދޭޝް ވެއިޓަރު މަރައިލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ އެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށެވެ.
އެ ދައުވާއަށް އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އޭނާ ބުނީ ވެއިޓަރަށް ވަޅިން ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ހަމަލާ ދެވުނު އިރު، އެ ބޭނުން ކުރެވުނީ ވަޅިއެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޯ ބުރާންތިވެފައި ކަމަށް ވެސްް ދިފާއުގައި އޭނާ ބުންޏެވެ.
މި މައްސަލަ ބެއްލެވުމަށްފަހު، ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ އެކަމުގައި ގަސްދެއް ނެތް ކަމަށް އާބިދު ބުންޏަސް އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއް ކަން ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުން ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
މައްސަލައިގައި ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ވެއިޓަރަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އާބިދު ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަން ކުރުވި ވާހަކަތަކެއް ކަމަށް ހެކިންގެ ހެކިބަހާއި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބުރަވެވޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން އާބިދުގެ މައްޗަށް ގަސްދު މަރުގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އަދި މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައަޅަން ނިންމިއެވެ.
އެހެންކަމުން ދައުވާ ސާބިތުވި ނަމަވެސް އާބިދުގެ މައްޗަށް މަރަށް މަރު ހިފުމުގެ އަދަބު އިއްވާނީ ވެއިޓަރުގެ ވާރިސުން އެގޮތަށް ބޭނުންވާ ނަމައެވެ. ނޫން ނަމަ، އޭނާގެ މައްޗަށް އަންނާނީ ޖަލު ހުކުމާއި މަރުގެ ދިޔައިގެ އަދަބެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް