ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައި އެކަން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީ އިން މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފައެވެ.

އަދި މިމަހު 13 ވަނަ ދުވަހު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލުކޮށް ނިންމަން ވަނީ އަންގައިފައެވެ.

އަދި އެ ނިންމުމާ މެދު ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަމަށް ވެސް އެ ސާކިއުލަގައި ބުނެފައިވެއެވެ.

ޕީސީބީން ބުނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ގަނޫނުން ލާޒިމުވާނެ ކަމަށެވެ.

މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ މަދުކުރަން ނިންމައިފައެވެ. އަދި ބައެއް ކުންފުނިތަކުން މިހާރުވަނީ އެ މަސައްކަތް ފަށައިފައެވެ.