ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ރޫނާ ހައްޔަރުކޮށްފައިވަނީ މިިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް އިއްޔެ މެންދުރެއްހާއިރު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ރޫނާ އާއެކު ގ. މުތީގެއާގެ / މާލެ، އަލްޔާ ޝަރްސާ ނަސީރު (25އ)ވެސް ހައްޔަރުކޮށްފައިވެއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އަލްޔާ ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ