އެމެެރިކާގައި ދިރިއުޅުނު މަޝްހޫރު އިނގިރޭސި އެކްޓަރު ޗާލީ ޗަޕްލިން 1940 ވަނަ އަހަރު ފިލްމެއް ނެރުނެވެ. ނަމަކީ ދަ ގްރޭޓް ޑިކްޓޭޓަރ އެވެ. ދުވަސްވަރަކީ ދެވަނަ ބޮޑު ހަގުރާމައިގެ ކުރީކޮޅުގެ ދުވަސްތަކެވެ. މި ފިލްމަކީ ޖަރުމަނުވިލާތުގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރާއި އިޓަލީވިލާތުގެ ޚުދުމުޚުތާރު ވެރިޔާ ބެނީޓޯ މުސޮލިނީއަށް އަމާޒު ކުރެވުނު ކޮމެޑީ ފިލްމެކެވެ. މިއީ ޗަޕްލިންގެ ހަޔާތުގައިވެސް އޭނާ އުފެއްދި އެންމެ ކާމިޔާބު ފިލްމެވެ. ޕްރޮޑިއުސަރަކީވެސް ޑިރެކްޓަރަކީވެސް އަދި ފިލްމުގެ ލީޑް ރޯލް ކުޅުނު އެކްޓަރަކީވެސް އޭނާއެވެ. ފިލްމުގެ ވާހަކަޔާއި ޑައިލޮގް ލިޔުނު މީހަކީވެސް ހަމައޭނާއެވެ. ކޮންމެއަކަސް މި ފިލްމަކީ ގައުމެއްގެ ވެރިޔަކު ޚުދުމުޚުތާރުކަން އިޚުތިޔާރުކޮށް ޑިކްޓޭޓަރަކަށް ވެގަތީމާ ދެން ކަންކަންވާ ގޮތް އެމެރިކާގެ ރައްޔިތުންނަށް އެންމެފުރަތަމަ ސްކްރީނުން ފެނިގެންދިޔަ ފިލްމެވެ. ޑިކްޓޭޓަރެއްގެ ސިފަތަކަކީ ކޮބައިކަން އެމެރިކާގެ ރައްޔިތުންނަށް އެންމެފުރަތަމަ ސާފުވެގެންދިޔައީވެސް މި ފިލްމުންނެވެ.
ދަ ގްރޭޓް ޑިކްޓޭޓަރު ނެރުނުއިރު ޗަޕްލިން ދިރިއުޅުނު ގައުމުން ޑިކްޓޭޓަރޝިޕެއްގެ އަސަރު ފާޅުވެދާނެ ކަމަށް އޭނާ ހުވަފެނަކުންވެސް ނުދެކެއެވެ. އެހެންވީމާ އޭނާ ދިޔައީ އޭނާގެ ޚިޔާލާއި ފިކުރު ވަރަށް މިނިވަންގޮތެއްގައި ހާމަކުރަމުންނެވެ. ދެވަނަ ބޮޑު ހަގުރާމަ 1945 ވަނަ އަހަރު ނިމުމާއެކު އެމެރިކާ ސަރުކާރުން ބަލަންފެށީ ޗަޕްލިންއަކީ އެމެރިކާއަށް ބޮޑުވެގެންވާ ނުރައްކަލެއް ކަމުގައެވެ. އޭނާއަކީ ރަޝިޔާއާއި ކޮމިއުނިޒަމަށް ތާއީދުކޮށް އެގޮތް ފަތުރަން މަސައްކަތްކުރާ މީހެއް ކަމުގައެވެ. ނަތީޖާއަކަށްވީ ޗަޕްލިންއާ ދެކޮޅަށް އެމެރިކާ ސަރުކާރުން އެކިކަހަލަ ތަހުގީގުތައް ފެށުމެވެ. މިކަންތަކާ ގުޅިގެން 1952 ވަނަ އަހަރު އޭނާ އެމެރިކާ ދޫކޮށް ސުވިޒަރލެންޑުގައި ވަޒަންވެރިވިއެވެ. ޗަޕްލިން 1977 ގައި މަރުވުމާ ހަމަޔަށް އޭނާ އެނބުރި އެމެރިކާއަށް ޒިޔާރަތެއްކުރީވެސް އެންމެ ފަހަރަކުއެވެ. އެމެރިކާ ދޫކޮށް ޗަޕްލިން ދިޔައީ ހެރީ ޓްރޫމަންގެ ރައީސްކަމުގައެވެ. އާޚިރުގައި ޑިކްޓޭޓަރެެއްގެ ފަރާތުން ކުރިމަތިވާ ޒާތުގެ ދުއްތުރާތައް ޗަޕްލިންއަށް ކުރިމަތިވީ ރައީސް ޓްރޫމަންގެ ފަރާތުންނެވެ.
ޗާލީ ޗަޕްލިންގެ ނަޒަރުގައި ރައީސް ހެރީ ޓްރޫމަނަކީ ޑިކްޓޭޓަރެކެވެ. އޭނާއާ ދޭތެރޭ ކަންތައްކުރި ގޮތުންނެވެ. އެކަމަކު ޓްރޫމަނަކީ ޑިކްޓޭޓަރެެއް ކަމަށް އެމެރިކާގެ ރައްޔިތުންވެސް އަދި ދުނިޔޭގެ އެހެންބަޔަކުވެސް ގަބޫލެއް ނުކުރެއެވެ. އެމެރިކާގެ ވެރިކަމުން ޑިކްޓޭޓަރަކު ފާޅުވެދާނެ ކަމަށް ހިޔެއްވެސް ނުކުރެއެވެ. މިހީތައް މިހާރު ބަދަލުވެއްޖެއެވެ. ނުވަތަ ބަދަލުވާން ފަށައިފިއެވެ. ޗަޕްލިންގެ ދަ ޑިކްޓޭޓަރ ނެރުނުތާ 86 އަހަރު ފަހުންނެވެ. ޗަޕްލިން މަރުވިތާވެސް ފަންސާސް އަހަރު ފަހުންނެވެ. އެމެރިކާއިންވެސް ޑިކްޓޭޓަރަކު ފާޅުވެދާނެކަން އެނގުނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަން ފެށުމުންނެވެ. ޚާއްސަކޮށް އޭނާގެ ދެވަނަ ދައުރުގެ މަސްތައް ގުނެން ފެށުމުންނެވެ. ޓްރަމްޕުގެ ކިބައިން ހައްތާވެސް ފާޅުވަމުންދަނީ ޗަޕްލިންގެ ފިލްމުގައި އޭނާ ސިފަކޮށްދީފައިވާ ގޮތްގޮތެވެ. ގަވާއިދަކަށް ގާނޫނަކަށް ބެލުމެއް ނެތެވެ. މުއާހަދާއަކަށް، ވައުދަކަށް، އަޚުލާގަކަށް ބެލުމެއް ނެތެވެ.
ޓްރަމްޕު ހަދަނީ އޭނާ ހަދާނެ އެއްޗެކެވެ. އޭނާގެ އަނގައިން ބޭރުވާ ބަސްބަހަކީ ގާނޫނުކަމަށް ބަލަންވެސް އެހެން މީހުންނަށް މަޖުބޫރު އެބަކުރެއެވެ. ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން ޗަޕްލިންގެ ފިލްމުން ސިފަކޮށްދިނީ ހިޓްލަރާއި މުސޮލިނީގެ ވިސްނުމާއި އުސޫލުތަކެވެ. އެ އުސޫލުތަކާއި ވިސްނުން މިޒަމާނުގައި ފެންނަމުން ދަނީ ރައީސް ޓްރަމްޕުގެ ކިބައިންނެވެ. ހިޓްލަރާއި މުސޮލިނީ ފަދައިން ޓްރަމްޕުވެސް އިންސާނީ ހައްގަކަަށް، ކަރާމާތަކަށް ނުބަލައެވެ. ނަސްލަކަށް ދީނަކަށް ފޮތަކަށް ނުބަލައެވެ. މަރަންވީމާ މަރަނީއެވެ. ލޫޓުވަންވީމާ ލޫޓުވަނީއެވެ. ހަގުރާމަ ފަށަން ހިތަށްއެރީމާ ހަގުރާމަވެސް ފަށަނީއެވެ. ނަންހުސްކޮށް ހުރިހާ ކަމެކެވެ. ދަ ގްރޭޓް ޑިކްޓޭޓަރގެ ގޮތުގައެވެ. މިހާތަނަށް ޓްރަމްޕުގެ ފަރާތުން ހިޓްލަރާއި މުސޮލިނީގެ ސިފަތަކެއް ފެނިފައިނެތިއްޔާ އެއީ ކުޅިވަރުގެ ތެރެއިން އަމިއްލަ ޖާހު ބޮޑުކޮށް ކުޅިވަރުގެ ގައުމީ ބަތޮލަކީވެސް ތިމަންނަ ކަމަށް ދެއްކުމުގެ ސިފައެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕުގެ ތެރެއިން އެބައިވެސް އެންމެފަހުން ޓްރަމްޕު ފުރިހަމަކޮށް ނިންމާލައިފިއެވެ. އެއީ ހަގީގީ ދަ ގްރޭޓް ޑިކްޓޭޓަރުކަން ސާބިތުކޮށްދީފިއެވެ. ޓްރަމްޕުގެ އަމުރަށް އޭނާ ނުރުހޭ ގައުމުތަކުގެ ރެފްރީންނާއި އޮފިޝަލުންނާއި ބައެއް ކުޅުންތެރިން އެމެރިކާއަށް އެތެރެވިޔަނުދީ ބޭރުކޮށްފިއެވެ. ބައެއް ކުޅުންތެރިން އެއަރޕޯޓުގައި ހިފަހައްޓައި ބިރުދައްކައިފިއެވެ. އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ޖެއްސުންކޮށް ދަތިކޮށް އެންމެފަހުން އީރާނުގެ ޓީމު މުބާރާތުންވެސް ކަޓުވާލައިފިއެވެ. އެންމެފަހުން ފީފާގެ ގަވާއިދުތަކާބެހި އެމެރިކާގެ ކުޅުންތެރިންނަށް ދެއްކިފައިވާ ކުލަކުލައިގެ ކާޑުތައްވެސް މާފުކުރަން މަޖުބޫރުކޮށްފިއެވެ. ފީފާއަކީ ޓްރަމްޕު ބުނީމާ ބުނާހައި ކަމެއްކުރަން އޮންނަ ޖަމާއަތަކަށްވެސް ހަދައިފިއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. މީގެކުރިން މިކަހަލަ ކަންކަން މިބީދައިން ފެނިފައިވަނީ ހިޓްލަރާއި މުސޮލިނީގެ ކިބައިންނެވެ.
އެހެންވީމާ އެދެމީހުން ކުރީ ކޮންކަމެއްކަމާމެދު މި ލިޔުމުގައި ހިސާބަކަށް އަލިއަޅުވައިލުން މުހިންމުވެއްޖެއެވެ. އެގޮތުން ހުޅުވައިލަން ޖެހެނީ ހިޓްލަރުގެ ވެރިކަމުގައި 1936 ވަނަ އަހަރު ޖަރުމަންވިލާތުގެ ބާލިންގައި ބޭއްވުނު އޮލިމްޕިކް ކުޅިވަރު މުބާރާތާއި މުސޮލިނީގެ ވެރިކަމުގައި 1934 ވަނަ އަހަރު އިޓަލީގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސަފުހާތަކެވެ. ހިޓްލަރު ބޭނުންނުވާ ބަޔަކަށް މެޑެއްޔެއްވެސް ލިބުނަކަ ނުދެއެވެ. ހޯދައިފިއްޔާ އެއީ އަސްލު އިންސާނުންތޯ ބެލުންވެސް އޮތެވެ. މީގެ މިސާލަކީ އިންޑިޔާގެ ހޮކީ ލެޖެންޑް ދިޔަން ޗާންދާއި އެމެރިކާގެ ދުވުންތެރިޔާ ޖެސީ އޮވެންސް އެވެ. ހިޓްލަރު ބޭނުންވީ ޖަރުމަނަށް އެންމެ ގިނަ މެޑެއްޔެވެ. ގަދަބާރުން އެކަން ކުރުވިއެވެ. މުސޮލިނީ ބޭނުންވީ ވޯލްޑްކަޕެވެ. ގަދަބާރުން އެކަންވެސް ކުރުވިއެވެ. ޓްރަމްޕުވެސް އުޅުނީ އެމެރިކާއަށް ތަށި ދޭންވެގެންނެވެ. އެކަމަކު އެމެރިކާގެ ޓީމުގައި އެވަރުގެ ކޮލިޓީއެއް ނެތީމާ އެކަން ނުކުރެވި ކަޓައިގެންދިޔައީއެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ކޮމެންޓް