މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތައުލީމުގެ ސްކޮލާޝިޕާއި ހާއްސަ ސްކޮލާޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ އެ ބަދަލާ އެކު، މިއަދު ހަމަވާން އޮތް ސުންގަޑި އަންނަ މަހުގެ 16ވަނަ ދުވަހުގެ 14:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މެއި 17 ގައި ހުޅުވާލި މި ސްކޮލާޝިޕު ޕްރޮގުރާމަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން މާސްޓާސް (ލެވެލް 9) އާއި ޕީއެޗްޑީ (ލެވެލް 10)އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ.

މި ޕްރޮގުރާމުގެ ދަށުން ހުޅުވާލައިފައިވާ ޖުމުލަ 40 ފުރުސަތު:

  • ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު
  • ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތު.
  • ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ ފަސް ފުރުސަތު.
  • އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ފުރުސަތު

އޭގެ އިތުރުން، އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. އެ ގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭން ޖެހެއެވެ.

މި ފުރުސަތުތަކަށް އެދި ހުށަހަޅާނެ ހާއްސަ ޕުރޮޕޯސަލު ޓެމްޕްލޭޓު ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ޒަކާތު ސްކޮލާޝިޕު 2026އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމުގެ މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމަށް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ސްކްކޯލާޝިޕްއަށް އެދި [email protected] އަށް އީމެއިލު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޒަކާތު ހައުސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރު މައުމާތު ހޯއްދުމަށް: https://zakathouse.gov.mv/mzh_scholarships އިން ލިބޭނެއެވެ.