ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅޭ ސެމީގެ މެޗަށް ނުކުންނަ އިރު، އާޖެންޓީނާ އިން މަސައްކަތްކުރަނީ ވިދިވިދިގެން ދެ ވޯލްޑް ކަޕް ހޯދުމަށެވެ. އަދި އިންގްލެންޑުން މަސައްކަތްކުރަމުންދަނީ ވޯލްޑް ކަޕް 1966 އަށްފަހު ބައިނަލްގުވާމީ ތައްޓެއް ނުލިބި އޮތުމަށް ނިމުމެއް ގެނައުމަށެވެ.
މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑުން ކުޅުނު މެޗުތަކުގެ ތެރެއިން ކްރޮއޭޝިއާ އާއި ޕެނަމާ އަތުން މޮޅުވި އިރު، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. ގަދަ 32 ގައި އިންގްލެންޑުން ވަނީ ފަހުވަގުތު ފަހަތުން އަރައި ޑީއާރް ކޮންގޯ އަތުން މޮޅުވެފައެވެ. އަދި ގަދަ 16 ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ މެކްސިކޯގެ ކާމިޔާބު ސްޓޭޑިއަމް، އަޒްޓެކާގައި އިންގްލެންޑުން ވަނީ ކުޅުންތެރިޔަކު މަދުކޮށް މެކްސިކޯ ބަލިކޮށްފައެވެ. އޭގެ ފަހުން ކުއާޓާ ފައިނަލުގައި ނޯވޭ ބަލިކުރީ އިތުރު ވަގުތުގައި 2-1 ގެ ނަތީޖާއަކުންނެވެ.
މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހޯދި މޮޅުތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިހާތަނަށް މެސީ ވަނީ މުބާރާތުގައި އަށް ގޯލު ޖަހައި މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފައެވެ. މެސީގެ އިތުރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ އަށް ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގައި ޖެހި ގޯލުތަކާއެކު މިވަގުތު މެސީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ރެކޯޑަށް ވެސް އެމްބާޕޭ ވާދަކުރަމުންދާ އިރު، މެސީ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ. މެސީއަށް ގޯލެއް ނުޖެހުނު ހަމައެކަނި މެޗަކީ ކުއާޓާ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ސްވިޒަލެންޑް ބަލިކުރި މެޗުގައެވެ.
އާޖެންޓީނާ އާއި އިންގްލެންޑަކީ ވަރުގަދަ ތާރީހެއް އޮތް ދެ ވާދަވެރިންނެވެ. ވޯލްޑް ކަޕަށް ބަލައިލާ އިރު، މި ދެ ޓީމު ވަނީ ފަސް ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ މައްސަލަ ބޮޑުވީ ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލުގެ މެޗުގައެވެ. އެ މެޗަކީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ގޯލަކާއި ހިތްގައިމު ގޯލަކާއެކު އިންގްލެންޑް ކަޓުވާލި މެޗެވެ.
އޭގެ ކުރިން އިންގްލެންޑުން ޗެމްޕިއަންކަން ހޯދި ވޯލްޑް ކަޕް 1966 ގެ މެޗު ވެސް ވެގެންދިޔައީ މައްސަލަ ބޮޑު މެޗަކަށެވެ. ވެމްބްލީގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލު މެޗުގައި އާޖެންޓީނާގެ ކެޕްޓަން އެންޓޯނިއޯ ރެޓިން ދަނޑުން ފޮނުވާލުމާ ގުޅިގެން ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެ މެޗު އިންގްލެންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އޭގެ އިތުރުން ވޯލްޑް ކަޕް 1998 އަދި 2002 ގައި ކުޅުނު މެޗު ވެސް ވެގެންދިޔައީ ވަރަށް ވާދަވެރި މެޗުތަކަކަށެވެ. ވޯލްޑް ކަޕް 1998 ގެ ގަދަ 16 ގައި އިންގްލެންޑްގެ ޑޭވިޑް ބެކަމްއަށް ރަތް ކާޑެއް ދެއްކި އިރު، އެ މެޗުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި އޭގެ ފަހުން ވޯލްޑް ކަޕް 2002 ގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑުން ވަނީ އާޖެންޓީނާ އަތުން ބަދަލު ހިފައިފައެވެ. އެ މެޗުގައި ޕެނަލްޓީއަކުން އިންގްލެންޑުގެ ގޯލު ކާމިޔާބުކޮށްދިނީ ބެކަމް އެވެ.
ކޮމެންޓް