މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުން:
- މުހައްމަދު ހަލީމް އަބްދުﷲ، ސާދާގެ / ހއ. ތަކަންދޫ
- ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ
މި ދެ ބޭފުޅުންގެ ތެރެއިން، ހަލީމަކީ ޔުނިވަސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސްގެ މަގާމުގައެވެ.
އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވުމުން އެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭގެ ތެރެއިން، ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރަން މަޖިލީހުން ރުހުން ދޭން ފެންނަ ކަަމަށް ފާސް ކޮށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މިއަދު މަޖިލީހުން އަމީޒާގެ ނަން ފާސްކުރީ އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ކޮމެންޓް