ކުވޭތަށް އަމާޒުކޮށް ދިން ވައިގެ ވަރުގަދަ ހަމަލާތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ނާކާމިޔާބުކޮށްލައިފިއެވެ. ކުވޭތުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކުގެ ތެރެއިން އެއް ބެލިސްޓިކް މިސައިލާއި، ފަސް ކްރޫޒް މިސައިލްގެ އިތުރުން 33 ޑްރޯން ވަނީ ވައްޓާލާފައެވެ.

ކުވޭތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ކާނަލް ސައުދު އަލް އަތުވާން ނެރުއްވި ބަޔާނަކާ ހަވާލާދީ ކުވޭތު ނިއުސް އޭޖެންސީ (ކޫނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. ވައިގެ ތެރޭގައި މިސައިލްތަކާއި ޑްރޯންތައް ގޮއްވާލުމުގެ ސަބަބުން ބުރައިގެން ދިޔަ އެތިކޮޅުތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސިނާއީ ސަރަހައްދުތަކަށް ވެއްޓި، މާއްދީ ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކުވޭތުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަމާޒުވި ކަމަށާއި، އެ ހާދިސާގައި ސިފައިންގެ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ކާނަލް އަލް އަތުވާން ވިދާޅުވިއެވެ. އަނިޔާވި ސިފައިންނަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.