ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ ތިން މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދުކުރި އިއުލާނެއްގައި ބުނީ އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ، 2021 ވަނަ އަހަރު ބޯޑަށް އައްޔަންކުރި ތިން މެންބަރެއްގެ ދައުރު ހަމަވާތީ ކަމަށެވެ. އެގޮތުން މިހާރު ހުޅުވާލާފައިވަނީ ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން މެންބަރާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ މެންބަރުގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ތަމްސީލުކުރާ މެންބަރުގެ މަގާމަށްކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖުލައި 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިކަމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން ފޯމު ބަލައިގަންނާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އިންތިހާބުގައި ސިޓީ ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރާނެއެވެ.