ތަނާލްއަށް ބެލެނީ ކަށިއިނގިލީގައި އޮތް އަނގޮޓީ އަށެވެ. އެއަނގޮޓިން ރަމްޒުކޮށްދެމުންދާ މުސްތަޤުބަލު އޭނައަށް ސިފަކުރެވެމުން ދިޔަ އެވެ. ހިތާހިތުން މާތްﷲއަށް ހަމްދުކޮށްލެވުނެވެ. އޭނަގެ ހަޔާތަށް ޒަރާރް އައީ ފިނިފިނި ރާހަތެއްގެ ސިފައިގައެވެ. ހިތުގެ ޒަހަމްތަކަށް ޝިފާއަކަށްވެ ކަރުނައިގެ ދިގު ސިލްސިލާއަށް ޒަރާރް ނިމުން ގެނެސްދީފިއެވެ. އުފާވެރިކަން އޭނައަށް ހައްޤު މިންވަރު ބުނެދިނީ ޒަރާރް އެވެ. ހިތުގެ ބިރުވެރިކަމާއި ކުރިމަތިލައިގެން މެނުވީ ދިރިއުޅުމާއި ކުރިމަތި ނުލެވޭނެކަން ހަނދުމަކޮށްދިނީ ވެސް ޒަރާރް އެވެ.

އެކްސިޑެންޓަށްފަހު ދިގު މުއްދަތެއް ވަންދެން ތަނާލް ދެކެނު ގޮތުގައި އޭނައަށް ހައްޤު މިންވަރަކީ ވޭނާއި ކަރުނައެވެ. ހިދާންގެ ކުއްލި ވަކިވެދިއުމާއި ކުރިމަތިލާން އޭނަގެ ސިކުނޑި ނުޅެދުނީއެވެ. އެކްސިޑެންޓުން ހަމައެކަނި އޭނަގެ ފުރާނަ ސަލާމަތްވުމުގެ ފަހަތުގައި ހިކުމަތެއް ވެދާނެކަން ވިސްނައިގަނެވުނީ ރާނިޔާ ދިން ނަސޭހަތަށް ފަހުގައެވެ. މިއަދު ތަނާލްއަށް އެނަސޭހަތުގެ މުހިންމުކަން ނަގައިގަނެވިއްޖެއެވެ. ހިނދުރީގައި ނޭވާ ހުރިހާ ހިނދަކު ޒަރާރްއަށް އެހިތް ހުޅުވާލާދޭން ތަނާލް އަޒުމުކަނޑައެޅިއެވެ. ހަޔާތަކީ އަޑިގުޑަންތަކުން ފުރިފައިވާ ދިގު ރާސްތާއެކެވެ. އެރާސްތާގައި ކުރިއަށް ދާން ބޭނުންވަނީ ސާބިތުކަމާއެކުގައި ހުންނާނެ ބައިވެރިޔެކެވެ. މިތުރެކެވެ. ޒަރާރް ވަނީ އެހިތުގެ މުރާދު ސާފުކޮށް ބުނެދީފައެވެ. އެދަތުރުގައި އޭނަގެ ފަރާތުން ޒަރާރްއަށް ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ.

މާނަފުން ހިނިތުންވުމަކާއެކު ޒަރާރްއަށް ތަނާލް ބަލައިލިއެވެ. އޮއްސެމުންދާ އިރުގެ ކުލަތަކުން ރަންގުވެފައިވި އުދަރެހަށް ބަލަމުން ދިޔަ ޒަރާރްއަށް ތަނާލްގެ ނަޒަރު އިހުސާސްކުރެވުނެވެ. އެއާއެކު ތަނާލްއާއި ދިމާއަށް ޒަރާރް އެނބުރުނެވެ. ތަނާލްގެ ދެލޮލުން ޒަރާރްއަށް ފެނުނީ މާނަފުން ޖަޒުބާތުތަކެވެ. އެދެލޮލުން ލޯބީގެ އިންތިހާ ރަމްޒުކޮށްދިނެވެ. އެދަރަޖައަށް އޭނަ ދެކެ ތަނާލް ލޯބިވުމުން ޒަރާރްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެލޯބި ދުނިއުމުރަށް ހިތުގައި ފޮރުވަން ގަސްދުކުރެވުނެވެ.

''އަހަރެން ދެކެ އަބަދުވެސް ތިފަދައިން ލޯބިވައްޗޭ...'' ޒަރާރްގެ ތޫނުފިލި ދެލޮލަށް ބަލަމުން ތަނާލް ބުންޏެވެ. އިރުގެ ދަޅަތައް ޒަރާރްގެ ލޮލަށް އެޅިފައިވާ އިރު ވަރަށް ވެސް ފުރިހަމައެވެ. މިހާރު އެދެލޮލުން ފެންނަނީ ގަދަ ފެހި ކުލައެކެވެ.

''ޝައްކެއް ވެސް އޮތްކަމެއް ނޫން، އެކަމަކު ތަނޫ ޖެހޭނެ އަހަންނަށް ވަޢުދެއް ވާން...'' ޒަރާރް ބުނެލިއެވެ. ''ލޯބިލޯބިން އަހަންނަށް ބަލަންވާނެ...''

ޒަރާރްގެ ޖުމްލައާއެކު ޒަރާރްގެ ކޮނޑުގައި ތަނާލް ޖެހިއެވެ. އެވަގުތު ކޮނޑުގައި އަތް ޖައްސާލަމުން ތަދުވިކަމަށް ޒަރާރް ހެދުނެވެ. ހަޤީޤަތުގައި ވެސް ޒަރާރްއަށް ތަދުވީކަމަށް ހީކުރެވުމާއެކެ، ޒަރާރްގެ ގާތަށް ޖެހިލަމުން، ޒަރާރްގެ ކޮނޑުގައި ތަނާލްއަށް ފިރުމާލެވުނެވެ.

'ތަދުވީތަ؟...'' ތަނާލްއަށް އަހާލެވުނެވެ.

''ހޫމްމްމް، ވަރަށް ބޮޑަށް، އެކަމަކު ކޮނޑަކަށް ނޫން، ހިތަށް...'' މޭގައި ޝަހާދަތްއިނގިލި ޖައްސާލަމުން ޒަރާރް ބުނެލިއެވެ.

''މައި ގޯޑް، ސްޓޮޕް ވިތް ދަ ކްރިންޖް ޑައިލޮގްސް...'' ޒަރާރްގެ ކޮނޑުގައި އަތްއަޅާކޮއްޕާލަމުން ތަނާލް ބުންޏެވެ. ބެންޗް ކުޑަކަމުން ޒަރާރް އިނީ ކިރިޔާ އިށީނދެވޭނެހާ ކުޑަ ޖާގައެއްގައެވެ. ތަނާލްއަށް ޖާގަ ދެންވެގެން އޭނަ އިނީ ވެސް ދުރުގައެވެ. އެހެންކަމުން ތަނާލް ކޮއްޕާލުމުން ބެލެންސް ގެއްލި ޒަރާރް ވެއްޓިއްޖެއެވެ. އެމަންޒަރު ބަލަމުން ދިޔަ ތަނާލްއަށް އޭނަގެ އަނގަމަތީ އަތްއަޅާލެވުނެވެ.

ދޮންވެލިގަނޑު މައްޗަށް ވެއްޓިފައި އޮތް ޒަރާރްއަށް ބަލަން އިނދެފައި ތަނާލްއަށް ހެވިއްޖެއެވެ. އެހީނލުމާއެކު ތަނާލްގެ މޫނުން ތަފާތު ވިދުމެއް ފެނުނެވެ. ހިފެހެއްޓުމެއް ނެތް އުފާވެރިކަމުގެ ނޫރެވެ.

''ހިއުމާރ އެޓް މައި އެކްސްޕެންސް؟، ނޮޓް ބޭޑް... ތަނޫ ވީމަ ކޮންމެ ކަމެއް ވެސް ކޮށްދީފާނަން...'' ކޮޅަށް ތެދުވުމުގެ ބަދަލުގައި، ދޮންވެލިގަނޑު މަތީ އޮތްގޮތަށް އޮވެފައި ޒަރާރް ބުނެލިއެވެ. ތަނާލްގެ ހީނލުން ފެނި ޒަރާރް އާގަމަ އެރިއެވެ. އެހިތްގައިމު މަންޒަރުގެ ތެރެއަށް ނަފުސު ދޫކޮށްލެވުނީ އިހުރިތާޔެއްނެތިއެވެ. އެހީނލުމުގެ އަޑު ތާއަބަދު ކަންފަތަށް އިވެން ބޭނުންވިއެވެ. ދުށުމަށް އެދޭނެ ހަމައެކަނި މަންޒަރަކީ ތަނާލްގެ ހިނިތުންވުންތަކެވެ. އެކަމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން އޭނަ ހުރީ ތައްޔާރަށެވެ.

''ހަމަ ޖެހޭއިރަށް ވެއްޓިގަތީއޭ...'' ކޮޅަށް ތެދުވަމުން ތަނާލް ބުންޏެވެ. އެއަށްފަހު ޒަރާރްއަށް އެހީވުމުގެ ގޮތުން އަތްތިލަ ދިއްކޮށްލިއެވެ.

''ނޭނގޭނެއެއްނު ތަނޫ އެހާ ބާރުގަދަވާނެކަމެއް...'' ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ. އޭނަ ކޮޅަށް ތެދުވީ އަމިއްލަ ބާރުގައެވެ. ކޮޅަށް ތެދުވުމާއެކު ތަނާލްގެ އަތުން ދޫކޮށްލުމެއް ނެތި ގާތަށް ގެނައެވެ.

''މާޝާﷲ، އައި ލަވް ވެން ޔޫ ސްމައިލް...'' ތަނާލްގެ ކަންފަތް ދޮށުގައި ޒަރާރް ބުނެލިއެވެ. އެއަށްފަހު ދެތިން ފިޔަވަޅު ފަހަތަށް އަޅާލަމުން އެއްލޯ މަރާލިއެވެ. އެސަމާސާއިން ތަނާލް ލަދުގަތެވެ. ވަށައިގެން ހޯދާލެވުނެވެ. ނަސީބަކުން އިރުއޮއްސެން ގާތްވެފައިވުމުން މީހުން މަދުވާން ފަށައިފިއެވެ.

ފަޓުލޫނުގައި ހުރި ދޮންވެލި ފޮޅަމުން ދަނިކޮށް ޒަރާރްއަށް ފޯނުކޯލެއް އައެވެ. ފޯނު ނަގައި ސްކްރީނަށް ބަލައިލުމާއެކު ޒަރާރްއަށް ބޮލުގެ ފުއްކިބައިގައި ފިރުމާލެވުނެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ ތަނާލް އަށެވެ. ޒަރާރްއަށް އައި ބަދަލު ފާހަގަވުމާއެކު، ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ ތަނާލް އެހިއެވެ.

''ދައްތަ އެނގުޅަނީ، ބިޒީކަމުން ގުޅާނުލެވޭތާ ދުވަސްކޮޅެއް ވެއްޖެ...'' ޒަރާރް ބުންޏެވެ. އެންމެފަހުން ދައްތައާއި ވާހަކަދެކެވުނީ ހަފްތާއެއް ކުރިންނެވެ. އޮފީހުގެ މަސައްކަތާއި، ޗެރިޓީ އިވެންޓްގެ ތައްޔާރީގެ ސަބަބުން ގުޅާލާނެ ވަގުތެއް ވެސް ނުވީއެވެ. އެކަމާ ޒަރާރް ދެރަވިއެވެ. ފޯނު ނެގުމުގެ ކުރިން ވެސް ދައްތަ ޝަކުވާކުރާނެ މިންވަރު އަންދާޒާކޮށްލެވުނެވެ.

''ފޯނު ނުކެނޑެނީސް ނަގާބަލަ...'' ތަނާލް ބުނެލިއެވެ.

''ދައްތައަށް އިންޓްރޮޑިއުސްކޮށްދެންތަ؟...'' ފޯނު ނެގުމުގެ ކުރިން ޒަރާރް އެހިއެވެ.

ޒަރާރްއަށް ބަލަން ހުރެފައި ތަނާލް ބޯޖަހާލިއެވެ. ޒަރާރްއަށް ލިބިފައިވި ތަރުބިއްޔަތުގެ އެންމެ ބޮޑު ހިއްސާދާރަކީ ޒަރާރްގެ ބޮޑުދައިތައެވެ. ޒަރާރްގެ ވާހަކަތަކުން އެކަން ތަނާލްއަށް އޮތީ ފަހުމުވެފައެވެ. ޒަރާރްގެ ހަޔާތުން އެހާ ހާއްސަ މަޤާމެއް ދެވިފައިވި ފަރާތަކާއި ވާހަކަދައްކާލަން ތަނާލް ބޭނުމެވެ. ޒަރާރްއަށް ހާއްސަވާ ކޮންމެ މީހަކީ އޭނައަށް ވެސް ހާއްސަ މީހެކެވެ.

ތަނާލްއަށް ހިނިތުންވެލަމުން ޒަރާރް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީން ފުރުނީ ރަހުމާގެ ވީޑިއޯކޯލުންނެވެ. ޒަރާރް ފެންނައިރަށް ރަހުމާ ޝަކުވާކޮށްލިއެވެ. ޒަރާރް ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.

''ސޮރީ، ސޮރީ...'' ޒަރާރް މަޢާފަށް އެދުނެވެ.

''މަޢާފްކޮށްފިން... އެކަމު ދެން ޖެހޭނެ ކޮންމެ ދުވަހަކު ދެފަހަރު ގުޅަން... ރަހުމާ ބުންޏެވެ. އަދި ޒަރާރްގެ ހާލު އޮޅުންފިލުވަންވެގެން ސުވާލުކޮށްލިއެވެ. އޮފީހުގެ މަސައްކަތާއި ގޭތެރޭގެ ހާލަތާއި ގުޅުވައިގެން ވެސް ސުވާލުކުރިއެވެ. ޒަރާރްގެ ފަރާތުން ތަފުސީލީ ރިޕޯޓެއް ބޭނުންވެގެން އުޅުނު ކަހަލައެވެ. ހެވިފައި ހުރި ޒަރާރް ބެންޗްގައި އިށީނެވެ. އޭނަ ދެން އަވަސްވެގަތީ ރަހުމާގެ ސުވާލުތަކަށް ޖަވާބު ދޭށެވެ. އެކަން ނިމުމުން ތަނާލްއަށް ޒަރާރް ބަލައިލިއެވެ.

ތަނާލް ހުރީ ކޮޅަށެވެ. ރަހުމާއާއި ޒަރާރްއަށް ވަގުތު ދީގެންނެވެ. އެވަގުތު ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ. އަދި ގާތުގައި ބޭންދިއެވެ.

''ހޫމްމްމް، ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފަ ހުރިހެން ހާދަ ހީވެޔޭ...'' ޒަރާރްގެ މޫނުން ފާޅުވަމުންދާ އާދަޔާ ޚިލާފު އުފާވެރިކަން ފެނުނު ހިނދު ރަހުމާއަށް ބުނެވުނެވެ.

''ދައްތައަށް ވަރަށް ހާއްސަ ކުއްޖެއް ތަޢާރަފްކޮށްދޭން ބޭނުން...'' ޒަރާރް ބުނެލިއެވެ.

ރަހުމާއަށް ލިބުނު ހައިރާންކަމާއެކު ޒަރާރްއަށް ބަލަން ފެށިއެވެ. ލަދުވެތިކަމުގެ ހިޔަނި ޒަރާރްގެ ދެލޮލުން ފެނުނުހެން ހީވުމާއެކު ރަހުމާއަށް ނަގައިގަނެވިއްޖެއެވެ. އެއާއެކު އޭނަގެ ތުންފަތަށް ވެރިވީ ފުޅަ ހިނިތުންވުމެކެވެ. އެވަގުތު އަލީއަށް ރަހުމާ ގޮވާލިއެވެ. ޒަރާރް ދޭން އުޅޭ ޚަބަރުގައި އަލީ ޝާމިލުކުރަން ބޭނުންވާނެކަން އެނގޭތީއެވެ.

ފޯނުގެ ކެމެރާއަށް ތަނާލް އަރާނެހެން އަތް ގެންދަމުން، ރަހުމާއާއި އަލީއަށް ތަނާލް ތަޢާރަފްކޮށްދިނެވެ. ރަހުމާއަށް ތަނާލް ފެންނައިރަށް ފުރަތަމަ ވެސް ފާހަގަ ކުރެވުނީ ތަނާލްގެ ލަދުވެތިކަމާއި ވާހަކަދައްކާއިރު ހުންނަ މަޑުމައިތިރކަމެވެ. ތަނާލްގެ ބަނިޔާދަކަމެވެ. ރަހުމާ ހުރީ ވަރަށް ހުފަލުންނެވެ. އޭނައަށް ޒަރާރްގެ ހޮވުން ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. ތަނާލްގެ ރީތިކަމަށް ވެސް ތައުރީފުކޮށްލެވުނެވެ.

''އަޅުގަނޑާއި ތަނޫ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނިކުރަން...'' ވާހަކައިގެ ތެރެއިން ޒަރާރް ބުނެދިނެވެ. އެކަމަށް ރަހުމާގެ ފަރާތުން އެއްބާރުލުން ލިބުނެވެ. ޒަރާރްގެ ނިންމުން ގޯސްނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންނެވެ.

''ތިހެންވެއްޖެއްޔާ އަވަހަށް ކައިވެނީގެ ތައްޔާރީތައް ކުރިއަށް ގެންދަންވީ، ދެޢާއިލާ ބައްދަލުކޮށް ލަސްނުކޮށް މަޝްވަރާތައް ފަށަންވީ... ދަރިފުޅު ތަނޫގެ ޢާއިލާއާ ބައްދަލުކޮށްފިންތަ؟، ތަނޫގެ ބައްޕައާ ވާހަކަދައްކައިފިންތަ؟...'' ތަނާލްގެ ބައްޕައާއި ބައްދަލުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ރަހުމާ ބުންޏެވެ.

''އަޅުގަނޑު ބައްޕަމެންނާ ވާހަކަދައްކާފަ ހުކުރުދުވަހަށް އެކަމުގެ އިންތިޒާމުތައް ހަމަޖައްސާނަން...'' ތަނާލް ބުންޏެވެ.

''ދައްތަ މާލެ އަންނަންވީނު؟، ތަނޫގެ ފެމިލީ ގެއަށް އަންނައިރު އަޅުގަނޑު ބޭނުން ދައްތަ ހުންނަން...'' ޒަރާރް ބުންޏެވެ. އޭރު އޭނަގެ ހިތުގައި ނުތަނަވަސްކަން ވިއެވެ. އޭނަގެ ހުށަހެޅުން ޤަބޫލުނުކޮށްފާނެ ކަމުގެ އުދާސްކަމެވެ. ބައްޕައާއި އަޒީލާއާއި ކުރިމަތިލާން ދައްތައަށް އުނދަގޫވާނެކަން ޒަރާރްއަށް އެނގެއެވެ. ނަމަވެސް އޭނަގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަސްތަކާއި، ރަސްމިއްޔާތުކުގައި ދައްތަ ބައިވެރިކުރަން ޒަރާރް ބޭނުމެވެ. އޭނައަށްޓަކައި ޢާއިލީ ހަމަނުޖެހުމާއި ދުރުވެލައި ގާތުގައި ހުންނަން އެދެވުނެވެ.

''ޔަޤީނެއްނު، ދަރިފުޅުގެ ކައިވެނީގެ ތައްޔާރީތަކުގައި ދައްތަ ބައިވެރި ނުވާނެ ގޮތެއް ނޯންނާނެ، ދަރިފުޅުމެން ތާރީހެއް ކަނޑައަޅާ، އިރާދަކުރެއްވިއްޔާ އެދުވަހަށް ދައްތަ މާލެ ދާނަން...'' ރަހުމާ ބުންޏެވެ. ޒަރާރްގެ އުފަލަށްޓަކައި މަސްރޫރަށް ކުރާ ނަފުރަތާއި ދުރުވެލަން ރަހުމާ ހުރީ ތައްޔާރަށެވެ. އޭނައަށް ޒަރާރްގެ ކަންބޮޑުވުންތައް ނިކަން ފަސޭހައިން ނަގައިގަނެވުނެވެ. އެހާ ވަރަށް ނުވިސްނުމަށް ޒަރާރްއަށް ރަހުމާ އިރުޝާދުދިނެވެ.

''ތެންކިއު...'' ޒަރާރް ޝުކުރުއަދާކުރިއެވެ. ''ދައްތަމެން މާލެ އައުމުން މާމަ ބޭނުމެއްނުވާނެ ވަކިން ތަނެއްގައި ތިބޭކަށް...''

ޒަރާރް ބޭނުންވަނީ އެއްބައިވަންތަކަމުގެ މާހައުލެއްގައި ތަނާލްއާއި ކައިވެނިކުރާށެވެ. ޢާއިލީ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ގެންނާށެވެ.

''ސާބަހޭ، ތި ގޭގައޭ މަޑުކުރާނީ... ދެން އެކަހަލަ ކުދި ކަންތަކާ ވިސްނައިގެން ނުވާނެ... ކައިވެނީގެ ތައްޔާރީތަކުގައި އެންމެ ކައިރީގައި ހުންނާނީ ދައްތަ...'' ރަހުމާ ޔަޤީންކަމާއެކު ބުންޏެވެ. ޒަރާރްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

*****

ރޭގަނޑެވެ. އިޝާ ނަމާދުން ފޭބި ތަނާލްގެ ނަޒަރު ހުއްޓުނީ އަލަމާރި މަތީ ހުރި ފޮށްޓަށެވެ. ދުޢާތަކާއި ޒިކުރުތަކަށްފަހު، ނަމާދު ދޮޅިއާއެކު ތަނާލް އަވަސްވެގަތީ ފޮށި ނެގުމަށެވެ. އެފޮށި ހިފައިގެން ގޮސް ތަނާލް އިށީނީ އެނދުގައެވެ. އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން އެފޮށި ހުޅުވި ދުވަހެވެ. އެދުވަހު ލޮލުން އޮހޮރުނު ކަރުނައާއި ހިތުގައި އެޅި ވޭނެވެ. މިއަދު އެގިލަންވެރިކަން އޭނައަށް އިހުސާސެއް ނުވެއެވެ. އެފޮށީގައި ހުރި މާޒީގެ ހަނދާންތައް އަމާނާތެއްގެ ގޮތުގައި ޒަރާރްއަށް ރައްދުކޮށްދޭން ތަނާލް ބޭނުމެވެ. އޭނަގެ ދިރިއުޅުމުން ހިދާންއަށް ދެވިފައިވި މަޤާމަށް ޒަރާރް ޤަދަރުކުރާނެތީއެވެ. އައު ދިރިއުޅުމެއް ފަށަން ގަސްދުކުރާއިރު އެމައުޟޫޢުއަށް ވާހަކަދެކެވެން ޖެހޭނެތީއެވެ.

''މިވީހާތަނަށް ކުރިމަތިލާން އުނދަގޫވެފައިވި ހަޤީޤަތާއި ކުރިމަތިލާން އަހަރެން ބޭނުން، އަހަރެން މިއަދު ދުނިޔޭގައި މިހިރީ އަހަންނަށްޓަކައި ހިދާން ވީ ޤުރުބާނީގެ ސަބަބުން، ކާރުގެ މިސްރާބު ބަދަލުނުކުރިނަމަ އެކްސިޑެންޓްގައި މަރުވީހީ އަހަރެން، އެހަޤީޤަތް ޤަބޫލުކުރަން އަހަންނަށް ވަގުތު ނެގި، އެކަމަކު މިއަދު ވިސްނިއްޖެ، ހިދާން އަހަރެން ދެކެ ވީ މަތިވެރި ސާފު ލޯތްބެއް، އެލޯބި އަހަރެންގެ ހިތުގައި ތާ އަބަދުވާނެ... ހިދާންގެ ވަކިވެދިއުމަށްފަހު ދެވަނަ ފަހަރަށް ލޯބި ވެވިދާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން... އެކަމަކު... އަހަންނަށް ލޯބިވެވިއްޖެ... އަހަރެންގެ ހިތާމަތަކަށް ޒަރާރް ނިމުން ގެނެސްދީފި...''

*****

ރޭގަނޑު ކެއުމަށް ސުފުރާ ތައްޔަރުކުރުމުގެ ކުރިން ތަނާލްއަށް ގޮވަން ސުމައްޔާ އައެވެ. ކޮޓަރީގެ ދޮރުގައި ޓަކިދެމުން ތަނާލްއަށް ސުމައްޔާ ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުން ވެސް ތަނާލްގެ ޚަބަރެއް ނުވިއެވެ. ލިބުނު ހައިރާންކަމާއެކު، ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ.

ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރުން ސުމައްޔާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ތަނާލް ބަލަމުން ދިޔަ ފޮށީގައި ހުރީ ކޯޗެއްކަން ސުމައްޔާއަށް ރަނގަޅަށް އެގެއެވެ. އަވަސްއަވަހަށް ތަނާލްގެ ގާތަށް ދެވުނީ އެހެންވެގެންނެވެ.

''ދަރިފުޅާ...'' އެނދުގައި އިށީންނަމުން ސުމައްޔާ ގޮވާލިއެވެ. އޭނަ ހުރީ ތަނާލްއާ މެދު ކަންބޮޑުވެފައެވެ. މާޒީގެ ހަނދާންތައް ހާލާ ކުރުމަކީ ކިހާ ގޯސްކަމެއްކަން އެނގޭތީއެވެ. އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ.

މަންމަގެ އަޑަށް، ތަނާލްގެ ނަޒަރު އަތުގައި އޮތް ފޮޓޯ އަލްބަމުން ވަކިވެ، މަންމަގެ މޫނަށް ހުއްޓުނެވެ. އެމޫނުން ފެނުނު ހާސްކަމުގެ ލިސާންތަކާއެކު ތަނާލްއަށް ފޮޓޯ އަލްބަމް ހައްޕާލެވުނެވެ. މަންމަ ހީކުރާ ކަހަލަ ކަމެއް ނުވެނޭ ބުނަން އޭނަ އަވަސްވެގަތެވެ.

''މަންމާ...'' މަންމަގެ ހިތުގައި އުފެދެމުން އަންނަ ބިރުވެރިކަމަށް ނިމުމެއް ގެންނަން ތަނާލް ވާހަކަދެއްކިއެވެ.

ސުމައްޔާއަށް ތަނާލްގެ ކަށިއިނގިލީގައި އޮތް އަނގޮޓީ ފެނުނީ ދެނެވެ. ހައިރާންކަމާއެކު ތަނާލްގެ މޫނަށް ސުމައްޔާ ބަލައިލިއެވެ. ލޮލަށް ފެންނަމުން އެދާ މަންޒަރުތަކުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ނޭނގުނެވެ. ސަމާލުވެ ތަނާލްއަށް ބަލައިލުމާއެކު، ތަނާލްގެ މިޒާޖުން ހަނާއަޅަމުންދާ އުފާވެރިކަމުގެ ނިޝާންތައް ސުމައްޔާއަށް ފެނިއްޖެއެވެ. ހާއްސަކޮށް ތަނާލްގެ ތުންފަތުން ފާޅުވި ހިނިތުންވުމެވެ. ސުމައްޔާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

''އަޅުގަނޑު ހިތާމަކުރަނީއެއް ނޫނޭ...'' ތަނާލް ބުންޏެވެ. ''މުސްތަޤުބަލާއި ކުރިމަތިލުމުގެ ކުރިން މާޒީގެ ހަނދާންތަކަށް ފުރުސަތެއް ދޭން ބޭނުންވީ...''

''ނިކަން ސާފުކޮށް މަންމައަށް ކިޔާދީބަލަ، ކޮން އަނގޮޓިއެއްތަ ތީ؟...'' ސުމައްޔާއަށް އަހާލެވުނެވެ.

''މި އަނގޮޓި ދޯ؟.................... ބޭނުމީ ބައްޕަ ވެސް ހުއްޓާ ކިޔާދޭން...'' އަނގޮޓި ދައްކާލަމުން ތަނާލް ބުނެލިއެވެ.

''ތަނޫ...'' ސުމައްޔާގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ.

''ޓްރަސްޓް މީ މޯމް، އުފާވެރި ޚަބަރެކޭ...'' ތަނާލް ބުނެލިއެވެ. ''ނަމާދުކޮށްގެން ބައްޕަ އަންނަން އުޅޭނެ...''

އެނދުން ތެދުވެގެން ދިޔަ ތަނާލްއަށް ބަލަން ސުމައްޔާ އިނެވެ. ނަމާދު ދޮޅި ބާލަމުން މުސައްލަ އޮޅަން އުޅުނު ތަނާލްއަށް ފުން ނަޒަރަކުން ސުމައްޔާ ބެލިއެވެ. ތަނާލްގެ ފަރާތުން ފެންނަމުންދާ ބަދަލުތަކުން އިޝާރާތްކުރަނީ އެންމެ ކަމަކަށެވެ. އަނގޮޓިއާ ގުޅުވާލެން އޮތީ ވެސް އެކަމާއެވެ.

''ޒަރާރް ތަ؟...'' ސުމައްޔާއަށް އަހާލެވުނެވެ.

މުސައްލަ ގެންގޮސް ސްޓަޑީ ޓޭބަލް މަތީ ބޭއްވި ތަނާލްއަށް ފަސްއެނބުރި ބަލައިލެވުނެވެ. ތަނާލްގެ މޫނުން ފާޅުވި ޝުޢޫރުތަކުން ސުމައްޔާގެ ސުވާލަށް ޖަވާބު ލިބުނެވެ.. އޭނަ ގޮސް ތަނާލްގެ ކުރިމައްޗަށް ހުއްޓުނެވެ. އެއަށްފަހު ތަނާލްގެ އަތުގައި ހިފާލިއެވެ.

''މަންމައަށް ކިޔާދީބަލަ...'' ސުމައްޔާ އެދުނެވެ. ތަނާލްގެ އުފާވެރިކަން ފެނި ޚުދު އޭނަގެ ހިތަށް ވެސް ފިނިކަމެއް ލިބިފައި ވިއެވެ. ނަމަވެސް އެއަނގޮޓިން ރަމްޒުކޮށްދެނީ ބޮޑު ބަދެލެކެވެ. މައެއްގެ ހައިސިއްޔަތުން ކަންބޮޑުނުވެ ހުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެފަދަ ބޮޑު ނިންމުމެއް ނިންމާއިރުގައި މައިންބަފައިންގެ މަޝްވަރާ މުހިންމުވާނެ ނޫން ހެއްޔެވެ؟

''މަންމަ ހިތްހަމަނުޖެހުނީތަ؟...'' ތަނާލްގެ ހިނިތުންވުން ފަނޑުވެއްޖެއެވެ.

''ނޫން އެހެނެއް ނޫނޭ...'' ސުމައްޔާއަށް ބުނެވުނެވެ. ތަނާލް ގޮވައިގެން ގޮސް ސުމައްޔާ އިށީނީ އެނދުގައެވެ.

''ދަރިފުޅުގެ މަންމަގެ ހައިސިއްޔަތުން ވިސްނަންޖެހޭ ކަންތައް ވެސް ހުންނާނެއެއްނު، ދަރިފުޅަށް އައިސްފައިވާ ބަދަލުތަކުން މަންމަ އުފާވޭ، އެކަމާއި ގުޅިފައިވަނީ ޒަރާރް ކަން މަންމަ ޤަބޫލުކުރަން، އެކަމަކު...'' ސުމައްޔާ ބުންޏެވެ.

''މަންމައަށް ޒަރާރް ކަމުނުދަނީތަ؟...'' ތަނާލްގެ މެޔަށް ފިނިވެލިއެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މީހާ ހާސްކޮށްލަމުންނެވެ. ކަންފަތް ބައްވާން އުޅުނުހެން ހީވިއެވެ. މެޔަށް ފާޑެއްގެ ބާރެއް އަރައިގަތެވެ. އޭނަ ޔަޤީންކޮށްގެން ހުރީ މައިންބަފައިންގެ ރުހުން ޒަރާރްއަށް ލިބޭނެ ކަމަށެވެ. އޭނަގެ ހޮވުން ޤަބޫލުކުރާނެ ކަމަށެވެ. ނަމަވެސް މަންމަގެ ވާހަކަތަކާއި، މަންމަގެ ރާގުން އިންޒާރުގެ ރަނގަބީލެއް އިއްވަން ފަށައިފިއެވެ. ބިރުގަންނަންފެށީ އެހެންވެގެންނެވެ.

''ނޫނޭ، މަންމައަށް ޒަރާރް ކަމުދެޔޭ... މަންމަ އެނގެން ބޭނުމީ ތިދެކުދިން ގުޅުނު ދުވަހެކޭ...'' ތަނާލްއަށް އައި ބަދަލު ފާހަގަ ވުމާއެކު ސުމައްޔާ ބުންޏެވެ. އޭނަ ދައްކަން އުޅުނު ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ޖެހުނެވެ. ހަޤީޤަތުގައި އޭނައަށް ޒަރާރް ކަމުދެއެވެ. ޖަމްޝީދާގެ ފަރާތުން ކުރީ ދުވަހު ޒަރާރްގެ މައުލޫމާތު އޮޅުންފިލުވަން އުޅުމުން ލިބުނީ ހިތްހަމަޖެހޭ ފަދަ މައުލޫމާތެވެ. ރަނގަޅު ޒުވާނެއްކަމުގެ ޔަޤީންކަމެވެ. ޒަރާރްގެ ނިޔަތާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތެވެ. ނަމަވެސް ތަނާލްގެ ހަޔާތާއި ޒަރާރް ގުޅިލާމެހިގެންދާ ހިނދުގައި، ޒަރާރްގެ ޢާއިލާ ވެސް އެމަންޒަރުގައި ޝާމިލް ވާނެއެވެ. ސުމައްޔާގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ ޒަރާރްގެ ދޮންމަންމަ އަޒީލާ އެވެ. އެވާހަކަ ތަނާލްއާއި ހިއްސާކުރުން އެއީ ބުއްދިވެރި ގޮތެއް ނޫންކަން ވިސްނުމާއެކު މައުޟޫޢު މުޅިން ބަދަލުކޮށްލިއެވެ.

''ޒަރާރްއަކީ ވަރަށް ރަނގަޅު ޒުވާނެއް، އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ...'' އިސްޖަހައިގެން އިނދެފައި ތަނާލް ބުނެލިއެވެ.

''މަންމަ ޤަބޫލުކުރަމޭ، މަންމަ ތިދެކުދިންގެ ގުޅުމަށް ނޫނެކޭ ބުނާކަށް ނެތީމޭ، ދަރިފުޅުގެ އުފާވެރިކަން މަންމައަށް އެބަފެނެޔޭ... ދަރިފުޅު ދެރަނުވެބަލަ، މަންމަ މިހިރީ ދަރިފުޅާ އެކުގައޭ...'' ސުމައްޔާ ބުންޏެވެ.

ތަނާލް ހަމައަކަށް އެޅުނީ ދެނެވެ. ހަށިފުރާފުންނޭވާއެއް ދޫކޮށްލަމުން މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ.

''ޒަރާރްއާއި ބައްދަލުވުމުން މަންމައަށް ވެސް އެނގޭނެ... ޒަރާރް ބޭނުންވޭ މަންމައާއި ބައްޕައާ ބައްދަލުކޮށްލަން...'' ތަނާލް ބުންޏެވެ.

''ތިހެންވިއްޔާ އަވަހަށް ގެނޭ...'' ސުމައްޔާ ބުންޏެވެ. އޭނަގެ އުދާސްތައް ހިއްސާކޮށްލުން އެންމެ ރަނގަޅުވާނީ ޒަރާރްއާއެވެ. އެވަގުތަށް ސުމައްޔާ ހިތްހަމަޖައްސާލިއެވެ. ތަނާލްގެ އުފަލުގައި އޭނަ ބައިވެރި ވިއެވެ. ތަނާލްގެ އިނގިލީގައި އޮތް އަނގޮޓިއަށް ބަލަމުން ސުމައްޔާ ހިނިތުންވެލިއެވެ.

''ހާދަ ދުވަހެއް ފަހުންނޭ ދަރިފުޅުގެ ފަރާތުން ފުރިހަމަ ހިނިތުންވުމެއް މިފެނުނީ... މަންމަ ބޭނުން ޒަރާރްއަށް ޝުކުރުއަދާކުރަން...'' ސުމައްޔާ ބުންޏެވެ. ''މާތްﷲ ދަރިފުޅުގެ އުފާވެރިކަން ތިގޮތުގައި ލަހައްޓަވާށި...''

*****

ރޭގަނޑުގެ ކެއުމުގައި ދެކެވުނީ ޒަރާރްގެ ވާހަކައެވެ. ލިބުނު ޚަބަރުން ހާރޫން ވަރަށް އުފާވިއެވެ. ސުމައްޔާއާއި ޚިލާފަށް ހާރޫން އެއްވެސް ކަމަކާ ކަންބޮޑުވާ ތަނެއް ނުފެނެއެވެ. ވިޔަފާރީގެ މާހައުލުން ޒަރާރްއާއި ބައްދަލުވެފައިވުމުންނެވެ. ޒަރާރްގެ ޝަހުސިއްޔަތު ފެނިފައިވުމުން، ދިރިއުޅުގެ ކޮންމެ މަރުހަލާއެއްގައި ވެސް ތަލާންއަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ދޭނެކަމުގެ ޔަޤީންކަން އޮތެވެ. ތަނާލްގެ މޫނުން ފާޅުވަމުންދާ އުފާވެރިކަމުގެ ވިދުން ހެއްކަކަށް ފުދޭހާވިއެވެ.

ހުކުރު ދުވަހު ޒަރާރްއަށް ދަޢުވަތު ދިނީ ހާރޫނެވެ. ހާރޫންގެ ފޯނުކޯލް ލިބުމުން ޒަރާރް ހުރީ ގަނޑުވެފައެވެ. ތަނާލްގެ ބައްޕައަށް ވީތީ ކުރަން ޖެހޭ ޤަދަރާއި، ކައިވެންޏަށް އެދި ރުހުން ހޯދަން ޖެހޭތީ އެކަމުގެ ނުތަނަވަސްކަމާ ހުރެ ވާހަކަދެއްކުނީ އަޅައިގަންނަމުންނެވެ. ޒަރާރްގެ ހިތްނުތަނަވަސްކަމަށް ނިމުމެއް ނެގައީ ހާރޫންގެ އެކުވެރި މިޒާޖުންނެވެ. ފޯނުކޯލް ނިންމާލިއިރު ގުޅުން ބަދަހިވެއްޖެއެވެ.

(ނުނިމޭ)