ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗަށް ނުކުންނަ ފްރާންސް އަދި ސްޕެއިނަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ދެ ފަހަރަކު ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސުން ވިދިވިދިގެން ތިން ފައިނަލުން ޖާގަ ހޯދުމަށް ނުކުންނަ އިރު، އެއް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިނުން ވެސް މަސައްކަތްކުރަމުން އަންނަނީ ތާރީހީ ތައްޓެއް ހޯދުމަށެވެ. މީގެ 16 އަހަރު ކުރިން ސްޕެއިނުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެއެވެ.
ވަރުގަދަ އެޓޭކު ލައިނަކާއެކު ވާދަކުރާ ފްރާންސުން ގްރޫޕު ސްޓޭޖުގެ އިތުރުން ނޮކްއައުޓް ބުރުގައި ވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ގަދަ 32 ގައި 3-0 ގެ ނަތީޖާއަކުން ސްވިޑެން ބަލިކުރި އިރު، ކިލިއަން އެމްބާޕޭ، ޕެނަލްޓީއަކުން ޖެހި ގޯލަކުން ފްރާންސަށް ކުއާޓާގެ ޖާގައެއް ލިބުނީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ އަތުން މޮޅުވެގެންނެވެ. އޭގެ ފަހުން ކުއާޓާގައި ފްރާންސުން ވަނީ 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށްފައެވެ.
ސްޕެއިންގެ ނޮކްއައުޓް ބުރަށް ބަލައިލާ އިރު، ގަދަ 32 ގައި ސްޕެއިނުން ވަނީ 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށްފައެވެ. އޭގެ ފަހުން ގަދަ 16 ގައި ފަހުވަގުތު 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް އަތުން ވަނީ މޮޅުވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ވެސް ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން ވަނީ މޮޅުވެފައެވެ. ޕޯޗުގަލް އަދި ބެލްޖިއަމް ކޮޅަށް ފަހުވަގުތު ގޯލު ޖަހާފައިވަނީ އެ ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު މިކެލް މެރީނޯ އެވެ. ބެލްޖިއަމުން ޖެހި ގޯލަކީ މި ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ވަން ހަމައެކަނި ގޯލެވެ.
ފްރާންސާއި ސްޕެއިނަކީ ޒަމާނުއްސުރެ ވާދަވެރި ދެ ގައުމު ކަމަށްވިޔަސް، މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބައްދަލުކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައެވެ. އެ މެޗުގައި ސްޕެއިނުން ޑޭވިޑް ވިޔާގެ ޕެނަލްޓީއަކުން ލީޑު ނަގާފައިވަނިކޮށް، ފްރާންސުން ވަނީ ފްރޭންކް ރިބެރީ، ޕެޓްރިކް ވިއެރާ އަދި ޒައިނުއްދީން ޒިދާންގެ ގޯލުތަކާއެކު 3-1 އިން މޮޅުވެފައެވެ.
ނަމަވެސް ފަހުގެ ތާރީހަށް ބަލާއިރު ކުރި ހޯދާފައިވަނީ ސްޕެއިނުންނެވެ. ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ސްޕެއިނުން ވަނީ 2-1 އިން ފްރާންސް ބަލިކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ފޯރިގަދަ މެޗު 5-4 އިން ކާމިޔާބުކުރީވެސް ސްޕެއިނުންނެވެ. އެހެންކަމުން، ފަހުގެ ނަތީޖާތަކަށް ބަލައި ސްޕެއިނަށް އިތުބާރު އޮތް ނަމަވެސް، ވޯލްޑް ކަޕްގެ ތާރީހު އޮތީ ފްރާންސް ކޮޅަށެވެ.
ކޮމެންޓް