ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި، ކޯޓުތަކުގެ އިސް ފަނޑިޔާރުން އެ މަގާމުން ދުރުކުރުމުގެ އިހުތިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިދޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރި "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން، ކޯޓެއްގެ ހިންގުން އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ކޮމިޝަނަށް ފެނިއްޖެ ހާލަތެއްގައި، އެ ކޯޓެއްގެ އިސް ފަނޑިޔާރު މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ޖޭއެސްސީއަށް މިހާރު އޮންނާނެއެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތައް އޮތްގޮތުން، އިސް ފަނޑިޔާރަކު އެ މަގާމުން ވަކިކުރެވޭނެ ސީދާ އިޖުރާއަތެއް ކަނޑައެޅިފައެއް ނޯވެއެވެ. މީގެ ކުރިން އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ބޭފުޅަކު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުން ނޫނީ، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ނަމަވެސް އާ ގަވާއިދާއެކު، ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ނަމަވެސް، އިދާރީ ގޮތުން ފުރުއްވާ އިސް ފަނޑިޔާރު ކަމުގެ މަގާމުން އެ ބޭފުޅަކު ދުރުކުރުމުގެ ފުރުސަތު ޖޭއެސްސީއަށް ވަނީ ފަހިވެފައެވެ.

ކޯޓުތަކުގެ އިސް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ ޖޭއެސްސީންނެވެ. އެގޮތުން މަގާމަށް ކުރިމަތިލާ ފަނޑިޔާރުންނާ އިންޓަވިއުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ އައުލަބިއްޔަތުން އެ މަގާމަށް ބޭފުޅަކު ކަނޑައަޅައެވެ.