ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފްރެންޗައިޒް "ބޫލް ބުލައްޔާ" ގެ ހަތަރުވަނަ ފިލްމެއް އުފެއްދުމަށް ނިންމައި، އެ ފިލްމުގެ ލީޑު ރޯލަށް އެކްޓަރު ކާރްތިކް އާރްޔަން އަދި ޕްރޮޑިއުސަރު ބޫޝަން ކުމާރު ރަސްމީކޮށް އެއްބަސްވެއްޖެއެވެ.

މިއީ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، މި ސިލްސިލާ ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމެކެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީ-ސީރީޒްއާ ގުޅިގެން އުފައްދާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދެވަނަ ހާފުގައެވެ. އަދި މި ފިލްމުގައިވެސް ކާރްތިކް ފެނިގެންދާނީ އޭނާގެ މަޝްހޫރު ކެރެކްޓަރ "ރޫހް ބާބާ" ގެ ރޯލުންނެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި، ކްރިއޭޓިވް ޓީމުން އަންނަނީ ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝްވަރާކުރަމުން ކަމަށެވެ.

މި ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ބޫލް ބުލައްޔާ 3" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. އެގޮތުން، އެ ފިލްމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 423 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައިވާކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ކާމިޔާބީއަކީ މި ފްރެންޗައިޒްގެ މަގުބޫލުކަން ބެލުންތެރިންގެ މެދުގައި އަދިވެސް ބޮޑުކަން ސާބިތުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ކާރްތިކް އާއި ޓީ-ސީރީޒްގެ ޕާޓްނަޝިޕަކީ ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ދެމެހެއްޓެނިވި ގުޅުމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ފިލްމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕްރޮޑަކްޝަން ހައުސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމު ޑައިރެކްޓްކުރާނެ ފަރާތެއް ފައިނަލް ކުރާނީ ސްކްރިޕްޓް އެއްކޮށް ނިމުމުންނެވެ. އަދި ޑައިރެކްޓަރަކު ހަމަޖެއްސުމަށްފަހު ފިލްމާ ގުޅޭ ރަސްމީ އިއުލާނެއް ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.