ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު، އަމިއްލައަށް ޕްރޮޑިއުސްކުރާ ފިލްމު "ރޫޕާ" އާއެކު ފިލްމީ ދާއިރާއަށް އެނބުރި އަންނަކަން އިއުލާނުކޮށްފިއެވެ. ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އުމުރުން 62 އަހަރުގެ އެކްޓަރު ވަނީ މި ފިލްމުގައި އޭނާއާއެކު ލީޑު ރޯލުން ފެނިގެންދާނީ އަލަށް ތައާރަފުވާ ބަތަލާ ރާނީ ސްވަރްންކަރް ކަމަށް ބުނެފައެވެ.

ގޯވިންދާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައިވަނީ 2019 ވަނަ އަހަރު ނުކުތް ފިލްމު "ރަންގީލާ ރާޖާ" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، އޭނާ ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ގޮސްފައެވެ. އޭނާގެ ކެރިއަރާ މެދު ފާޑުކިޔާ ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދުދެމުން ގޯވިންދާ ބުނިގޮތުގައި، އޭނާ ފިލްމީ ދާއިރާއިން ގެއްލިގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައީ ފަހަރެއްގައި ތަގުދީރުގައި އެގޮތަށް ލިޔެވިފައި އޮތުމުން ކަމަށް ވެދާނެއެވެ.

“މީހުން ބުނަމުން ދިޔައީ އަހަރެން ދެން ފިލްމުތަކުން ނުފެންނާނެ ކަމަށެވެ. އެކަމަކު އަހަރެން އަބަދުވެސް އަލުން ފަށަމެވެ،” ގޯވިންދާ ބުނެފައިވެއެވެ.

އޭނާ އަލުން ފިލްމީ ދާއިރާއަށް އެނބުރި އައުމުގެ މައިގަނޑު މަގުސަދަކީ ޒުވާން ޖީލަށް ހިތްވަރު ދިނުން ކަމަށް ގޯވިންދާ ފާހަގަކުރިއެވެ. ގޯވިންދާ ބުނިގޮތުގައި މި ފިލްމު ހާއްސަކޮށްފައިވަނީ ޒުވާނުންނަށެވެ. އަދި ސިނަމާތަކުގައި މި ފިލްމު ބަލާއިރު، ހުވަފެންތައް ދެކުމަށާއި އެ ހުވަފެންތައް ހަގީގަތަކަށް ވެދާނެކަން ގަބޫލުކުރުމަށް ޒުވާނުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޓަރުގެ ގޮތުގައި ފާހަގަކުރެވުނު ގޯވިންދާ ވަނީ، އޭނާގެ ކާމިޔާބީތަކާއި ނިއުމަރޮލޮޖީއާ ހުރި ގުޅުމުގެ މައްޗަށްވެސް އަލިއަޅުވާލައިފައެވެ. ހާއްސަކޮށް 14 ނަންބަރަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު ނަންބަރެއްކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ފިލްމުގެ އިތުރު ކާސްޓުން އިއުލާނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.